ޕްރިޔަންކާ ޗޯޕްޅާ އާއި ފިރިމީހާ ނިކް ޖޯނަސް އަށް ދަރިއަކު ލިބިފައިވާކަން އެމީހުން ވަނީ މީގެ ދެ ތިން ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ހާމަ ކޮށްފަ އެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ ދަރިފުޅަކީ ސަރަގޭޓް މަންމައެއްގެ ފަރާތުން ހޯދި ދަރިއެކެވެ. މި ޚަބަރާއެކު ގިނަ ބަޔަކު ވަނީ ސަރަގޭޓް މަންމައިންނަކީ ކޮބައި ކަމާއި އެގޮތަށް ދަރިން ހޯދަނީ ކިހިނެއްކަން ހޯދަން ގޫގުލް ސާޗް ކޮށްފަ އެވެ.
ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަށް ތިން އަހަރު ފުރިފައިވާއިރު ޕްރިޔަންކާ ބަލިވެ އިނދެ ވިހެއުމުގެ ބަދަލުގައި މިގޮތަށް އެހެން މީހެއް މެދުވެރިކޮށް ދަރިއަކު ހޯދުމުން ގިނަ ބަޔަކު ހައިރާން ވެގެން އެވާހަކަ ދައްކަން ފަށާފައި ވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން މި ދެމަފރިންނަށް މަލާމާތް ކުރާ މީހުން ވެސް ވަރަށް ގިނަ އެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދަރިއަކު ހޯދަން ޕްރިޔަންކާ އާއި ނިކް ވެސް ބޭނުން ވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް ދެ މީހުންނަކީ ވެސް ވަރަށް ބިޒީ ޝެޑިއުލްއެއް އޮންނަ ބަޔަކަށް ވެފައި ގިނަ ފަހަރަށް ދެ މީހުންނަށް އުޅެން ޖެހެނީ މުޅިން ވަކިން މާ ދުރު ދެ ގައުމުގައި ކަމަށް ވުމުން އެމީހުންގެ ދަރިން ހޯދުމުގެ ހުވަފެން ހަގީގަތަކަށް ނުވެފައި އޮތީ އެވެ.
ދެ މީހުންނަށް އެއް ރަށެއްގައި މާ ގިނަ ދުވަހު ތިބެވޭ ގޮތް ނުވާތީ ދަރިއަކު ނުލިބި ގިނަ ދުވަސް ވާން ފެށުމުން އެހެން ގޮތަކުން ދަރިއަކު ހޯދުމަށް ޕްރިޔަންކާ އާއި ނިކް ވިސްނީ ކަމަށް މި ރިޕޯޓުގައި ވެއެވެ. އެގޮތުން އެމީހުން ހޯދި ހޯދުމުން އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ އަންހެނަކާ ބައްދަލުވީ އެވެ. އެމީހާ އަކީ ސަރަގޭޓް މަންމަ އެއްގެ ގޮތުގައި މީހުންނަށް ދަރިން ހޯދައިދޭ މީހެކެވެ. ޕްރިޔަންކާ އާއި ނިކްގެ ދަރިފުޅަކީ އޭނާ އެގޮތަށް ވިހޭ ފަސް ވަނަ ކުއްޖާ އެވެ.
"ދަރިމައިވުމަށް ހުރަސް އެޅޭ ކަހަލަ އެއްވެސް ސިއްހީ މައްސަލައެއް ޕްރިޔަންކާގެ ނެތް. ނަމަވެސް މިހާރު އޭނާއަށް 39 އަހަރު ވެއްޖެ. އުމުރުން ދުވަސްވާ ވަރަކަށް ދަރިން ހޯދަން އުނދަގޫވާނެކަން އެމީހުންނަށް ވެސް ވިސްނޭ. ނަމަވެސް ޕްރިޔަންކާ އާއި ނިކް އުޅެނީ ވަރަށް ބިޒީ ދިރިއުޅުމަކަށް ވާތީ އާއިލާއެއް ފަށަން ޕްލޭން ކުރާނެ ވަގުތު ނުވަނީ. އެހެންވެ ކެލިފޯނިއާ އަންހެންމީހާ އާ ގުޅައިގެން އެމީހާގެ ފަރާތުން ކުއްޖަކު ހޯދަން ދެމަފިރިން ނިންމީ،" ޕްރިޔަންކާގެ ގާތް އެކުވެރިއަކު ބުނިކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ޔޫއެސް ވީކްލީގައިވާ ޚަބަރެއް ބުނާ ގޮތުގައި ޕްރިޔަންކާ އާއި ނިކް އަށް ލިބުނީ އަންހެން ކުއްޖެކެވެ. އަދި ކުއްޖާ ވިހާފައި ވަނީ ދުވަސް ނުފުރާ ވިހަން އޮތް ތާރީޚަށް ވުރެ 12 ހަފުތާ ކުރިން ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ. އެހެންވެ ކުއްޖާގެ ސިއްހަތު ރަނގަޅުވެލާ ބަރުދަން އެކަށީގެންވާ ވަރަކަށް މަތިވަންދެން ހޮސްޕިޓަލުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެއެވެ.
ޕްރިޔަންކާ އާއި ނިކް އުންމީދު ކޮށްގެން ތިބީ އެމީހުންގެ ދަރިފުޅު އުފަންވާނީ އަންނަ އެޕްރީލް މަހުކަމަށެވެ. އެހެންވެ އެ ދުވަސްވަރާ ދިމާކޮށް ދެ މީހުން ތިބީ ޗުއްޓީ ވެސް ނަގައިގެންނެވެ. ނަމަވެސް މާ އަވަހަށް ކުއްޖާ އުފަން ވުމުން އެމީހުންގެ ބިޒީ ޝެޑިއުލުން ކުއްޖާއަށް ވަގުތު ހުސްކުރަން ވެސް މި ދެމަފިރިންނަށް ވަނީ ދަތިވެފަ އެވެ.