ޕްރިޔަންކާ ޗޯޕްޅާ މިދިޔަ އަންގާރަ ދުވަހު ވަނީ އޭނާގެ ދަރިފުޅު މާލްތީ މާރީ ޖޯނަސްގެ މޫނު ފުރަތަމަ ފަހަރަށް އާއްމުކޮށް ދައްކާލާފަ އެވެ. މީގެ ކުރިން އޭނާ އަބަދުވެސް މާލްތީ ގޮވައިގެން ބޭރަށް ދާއިރު މާލްތީގެ މޫނު ފޮޓޯ ނުނެގުމަށް އެދެ އެވެ. އަދި އެފަދަ ފޮޓޯތައް ނޫހުގައި ނުޖަހާނެކަން ޔަގީން ކުރެ އެވެ.
ނަމަވެސް އިއްޔެ ޕްރިޔަންކާ އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯ އާއި ފޮޓޯތަކުގައި މާލްތީގެ މޫނު ރީއްޗަށް ފެންނަން ހުއްޓެވެ.
މި ފޮޓޯ އާއި ވީޑީއޯ އަކީ ދަރިފުޅު ގޮވައިގެން ޕްރިޔަންކާ ބައިވެރިވި ޚާއްސަ އިވެންޓެއްގެ ފޮޓޯ އެކެވެ. މިއީ ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސް އާއި އާއިލާ އަށް ވަރަށް ޚާއްސަ އިވެންޓެކެވެ.
މާލްތީގެ ފޮޓޯތައް ދައުރުވާން ފެށުމާއެކު އެކު އިންޓަނެޓަށް ހީވީ ބޮޑު ތޫފާނެއް އެރި ހެންނެވެ. ޕްރިޔަންކާ އާއި ނިކްގެ އެތައް މިލިއަން ފޭނުންނެއް މި ފޮޓޯތައް ބަލައި އެއަށް ވަރަށް ގިނަ ކޮމެންޓްތައް ވެސް ކޮށްފައި ވެއެވެ.
ވަރަށް ރީތި ހެދުމެއް ލައްވައި ބޮލުގައި ރީތި ބޭންޑެއް އަޅުވާފައި އިން ކުޑަ ކުޑަ މާލްތީ މީޑިއާއާ ފުރަތަމަ ބައްދަލުވީ ދުވަހު ވެސް އެންމެންގެ ހިތް ވަނީ އޭނާއަށް ހަދިޔާ ކުރެވިފަ އެވެ. ތުއްތު މާލްތީ އެހާ ލޯބިކަމަށް އޭނާގެ ފޮޓޯތައް ބެލި މީހުން ކޮމެންޓް ކޮށްފައި ވެއެވެ. އަދި އޭނާ ބޮޑަށް ވައްތަރީ ބައްޕަ ނިކް ޖޯނަސްއާ ކަމަށް ވެސް ޕްރިޔަންކާގެ ފޭނުން ދެކެ އެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނިކުރީ 2018 ގައެވެ. މި ކައިވެންޏަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން ޕްރިޔަންކާ އާއި ނިކް ޖޯނަސް އަށް މާލްތީ ލިބުނީ ސަރަގޭޓް މަންމައެއްގެ އެހީގަ އެވެ.
ޕްރިޔަންކާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ސަރަގޭޓް މަންމައެއް މެދުވެރިކޮށް ދަރިފުޅު ހޯދަން ޖެހުނީ އޭނާގެ ހުރި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދަރިއަކު ލިބޭނެ އެއްވެސް ގޮތެއް ނުފެނިގެން ކަމަށެވެ. އަދި އެއީ އޭނާގެ ކެރިއަރަށް ބުރޫ އަރާފާނެތީ ކުރި ކަމެއް ނޫން ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.