ރާއްޖެ ކުޅިވަރު

ސުޒުކީ ކަޕުގައި ރިޝްވަތުދޭތޯ ބަލަން ބަޔަކާ ހަވާލުކޮށްފި

އިންޑިޔާގައި އަންނަ ބުދަ ދުވަހު ފަށާ ސާފް ސުކުޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރިޝްވަތުދީގެން މެޗުތަކުގެ ނަތީޖާ ބަދަލުކުރޭތޯ ބަލަން ބަޔަކާ ހަވާލުކޮށްފި އެވެ.

ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމާއަތް ސާފުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މެޗު ފިކްސިންގެ ކަންކަން ބެލުމުގައި ހާއްސަ ގްރޫޕެއް ކަމަށްވާ ސްޕޯޓްސް ރާޑަރާ އެވެ.

އެ ގްރޫޕުން މުބާރާތުގެ މެޗުތަކާއި ޓީމުތަކުގެ ޓްރޭނިން ވެސް މޮނިޓަކޮށް އޭޝިޔާގެ މައި ފުޓްބޯޅަ ޖަމިއްޔާ އަށް މައުލޫމާތު ފޮނުވާނެ ކަމަށް ސާފުގެ ރައީސް ބަނގްލަދޭޝްގެ ގާޒީ މުހައްމަދު ސަލާހުއްދީން ވިދާޅުވި އެވެ.

"ސާފް ސުޒުކީ ކަޕުގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަށް މިކަންކުރީ. މިއީ މުބާރާތުގައިވާދަކުރާ ޓީމުތަކާއި ސަޕޯޓަރުންނާއި ސްޕޮންސަރުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ކުރާ ކަމެއް. އަދި މިއީ މެޗު ފިކްސިން ފަދަ އަމަލުތައް ސާފުން އެއްގޮތަކަށް ވެސް ގަބޫލުނުކުރާނެކަން ދައްކުވައިދޭ ހާއްސަ މެސެޖެއް ލިބޭނެ ކަމެއް،" ސަލާހުއްދީން ވިދާޅުވި އެވެ.

ސްޕޯޓްސް ރާޑަރުގެ މެނޭޖިން ޑިރެކްޓަރު އަންދްރިއާސް ކަރަނިޗް ވިދާޅުވީ މުބާރާތުގެ މެޗުތަކުގެ ނަތީޖާ ވަކިގޮތަކަށް ނެރެން މަސައްކަތް ކުރާ މީހުންގެ ހަރަކާތްތަކާއި ޓީމުތަކުގެ ވަކިވަކި ކުޅުންތެރިންނާއި މުބާރާތުގެ މެޗުތަކާއި ޓްރޭނިންތައް އެ ޖަމާއަތުން މޮނިޓަރ ކުރާނެ ކަމަށެވެ. އަދި ކުޅިވަރުގެ އަހުލާގީ އިމުން ބޭރުވާ ފަދަ އެއްވެސް ކަމެއް ޓީމުތަކާއި ކުޅުންތެރިން ކުރޭތޯ އެޖަމާއަތުން ކަށަވަރުކުރާނެ ކަމަށެވެ.

ސާފުން މި ފަދަ ފިޔަވަޅެއް މިއެޅީ ރިޝްވަތުގެ ތުހުމަތުގައި ނޭޕާލްގެ ހަތަރު ކުޅުންތެރިއަކު އުމުރު ދުވަހަށް މިދިޔަ އޮކްޓޫބަރު މަހު ސަސްޕެންޑްކޮށްފައިވަނިކޮށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި މިހާތަނަސް ބާއްވަމުން އަންނަ މުބާރާތުގައި މި ފަހަރު ޕާކިސްތާން ނޫން ސާކުގެ ހުރިހާ ގައުމަކުން ބައިވެރިވެ އެވެ. ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ބާއްވާ މުބާރާތުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ސްރީލަންކާ އާއި ނޭޕާލް ހިމެނެނީ އިންޑިޔާއާއެކު ގްރޫޕް އޭގަ އެވެ.