އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ދިގުދަންމާލަން ފީފާއިން ނިންމައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މި ގޮތަށް ނިންމީ ސަރުކާރުން އެއްބާރުލުން ނުދިނުމުން އެފްއޭއެމުގެ އިންތިހާބު ދެ ފަހަރަކު ފަސްވެފައިވަނިކޮށެވެ. އެފްއޭއެމާއި ސަރުކާރާ ހިޔާލުތަފާތުވީ ފީފާއިން ފާސްކުރި އެފްއޭއެމުގެ އަސާސީ ގަވާއިދު ރާއްޖޭގެ ގާނޫނު އަސާސީ ހިލާފުކަމަށް ބުނެ އެވެ.
ނަމަވެސް އެފްއޭއެމުގެ އެދުމުގެ މަތީން ފީފާއިން މިހާރު ވަނީ އަސާސީ ފީފާގެ ގަވާއިދުތަކާ ހިލާނުވާ ގޮތަށް އިސްލާހުކޮށް، މާޗުގެ ނިޔަލަށް އިންތިހާބު ބާއްވަން ވަގުތުދީފަ އެވެ.
އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ ޝަވީދަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށްވާތީވެ ކޮންމެވެސް އެއް މަގާމެއް އިހުތިޔާރުކުރުމަށް ގޮވާލައިފަ އެވެ.