ލައިފްސްޓައިލް

އަދަބެއްގެ ގޮތުން ގަބުރު ބަހައްޓާ ތަން ސާފުކުރަން ޖައްސައިފި

މަސްތުގެ ހާލަތުގައި ވެހިކަލް ދުއްވާ މީހުންނަށް ތައިވާނުގައި ވަރަށް ވަރުގަދަ އަދަބެއް ދޭން ފަށައިފި އެވެ.

ތައިވާންގައި އަލަށް ދޭން ފެށި މި އަދަބު އެންމެ ފުރަތަމަ ދިން މީހުންނަށް ޖެހުނީ ރޭގަނޑެއްގެ ހަތަރުދަމު ގަބުރު ބަހައްޓާ ތަނެއްގައި މަސައްކަތް ކުރާށެވެ. މި މީހުންނަށް މިފަދަ އަދަބެއް ދިނީ މަރަކީ ކިހާ ބިރުވެރި އެއްޗެއްކަން ވިސްނައިދިނުމަށެވެ.

ތައިވާން ފުލުހުން ދާދިފަހުން ވަނީ މަސްތުވެގެން ތިބެ ވެހިކަލް ދުއްވި 11 މީހަކު ހިފަހައްޓާ މި އަދަބު ދީފަ އެވެ. އަދަބު ދިނުމުގެ ގޮތުން އެމީހުން ގެންދިޔައީ ހޮސްޕިޓަލެއްގެ މޯގް އަކަށެވެ. އެ ތަނުގައި އިރުއަރަންދެން އެމީހުން މަސައްކަތް ކުރަން ޖައްސާފައި ވެއެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލްވެ މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަދި އެހެން ގައުމުތަކުން ވެސް މި ފަދަ ނަމޫނާ ދައްކާ ނަމަ މަސްތުވެގެން ދުއްވާ މީހުންގެ ފަރާތުން ކުރިމަތިވާ އެކްސިޑެންޓްތައް މަދުވާނެ ކަމަށްވެސް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ތައިވާނުގެ ކޯޝިއޮންގް ސިޓީގެ މޭޔަރު އާއްމުކުރި އިއުލާނެއްގައި މި ވާހަކަ ކުރިން ވެސް ވަނީ އެންމެންނަށް އަންގާފަ އެވެ. މަސްތުގެ ހާލަތުގައި ވެހިކަލްތައް ދުއްވާ މީހުން ހިފަހައްޓާ އަދަބު ދޭން ފެށީ އޭގެ ފަހުންނެވެ.

މަސްތުވެގެން ތިބޭ މީހުންގެ ވެހިކަލްތަކުން ޖެހި ހިނގާ އެކްސިޑެންޓްތަކުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކޮންމެ އަހަރަކު އެތައް ހާސް ބައެއްގެ ފުރާނަ ގެއްލޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިފަދަ މީހުންނަށް އެކި ގައުމުތަކުން ދެނީ އެކި ކަހަލަ އަދަބެވެ. ނަމަވެސް މިހާ ފާހަގަކޮށްލެވޭ އަދަބެއް އެއްވެސް ގައުމަކުން ދިން ކަމެއް ނޭނގެ އެވެ.