ބޮލީވުޑް

ވިކީ ނުލައި ކެޓުރީނާ ރާއްޖެއަށް

ކެޓުރީނާ ކައިފް އެންމެ އުފާވާ ތަނަކީ ދިވެހިރާއްޖެ އެވެ. މިދިޔަ ޑިސެމްބަރު މަހު ވިކީ ކޯޝަލް އާއި ކައިވެނިކުރުމަށްފަހު ވެސް ހަނީމޫނަށް ކެޓުރީނާ ރާއްޖެ އައީ އެހެންވެ އެވެ. އަނެއްކާ މިހާރު ކެޓުރީނާ ހުރީ ރާއްޖޭގަ އެވެ. ނަމަވެސް މިފަހަރު އައީ ވިކީ ނުލަ އެވެ. ސަބަބަކީ މިފަހަރު އައީ އިޝްތިހާރެއް ކުޅެން ކަމަށް ވާތީ އެވެ.

ހޯމަ ދުވަހު ކެޓުރީނާ ވަނީ ރާއްޖޭގައި ނަގާފައިވާ ވަރަށް ރީތި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

މި ފޮޓޯތަކުން ކެޓުރީނާގެ އާދަޔާޚިލާފު ރީތިކަން ވަރަށް ބޮޑަށް ފާޅުވެ އެވެ. ފޮޓޯތަކުން ފެންނަނީ ރާއްޖޭގައި އިރާއި ވައިން ކެޓުރީނާ އުފާވެ، ހެވިފައި ހުއްޓަ އެވެ.

މި ފޮޓޯތަކަށް ކޮމެންޓްކުރި ކެޓުރީނާގެ ފޭނުން އޭނާ ސިފަ ކޮށްފައިވަނީ "އެތައް މިލިއަން މީހުންގެ ހިތްތަކުގެ ރާނީ"ގެ ގޮތުގަ އެވެ. އަދި އަނެއް ބަޔަކު ބުނީ "ރާނީ އެނބުރި އަތުވެއްޖެ" ކަމަށެވެ. އަދި ވިކީ ކޮބައިތޯ އާއި އޭނާއާ އެކު ނަގާފައިވާ ފޮޓޯތައް ޝެއާ ކުރުމަށް ވެސް ބައެއް ފޭނުން އެދިފައި ވެއެވެ.

ރާއްޖެ އައުމުގެ ކުރިން ކެޓުރީނާ ވަނީ ފިރިމީހާ ވިކީއާ އެކު އިންދޯރުގައި ދުވަސްކޮޅަކު މަޑުކޮށްފަ އެވެ. ވިކީ އިންދޯރުގައި ހުރީ ސާރާ އަލީ ޚާންއާ އެކު ކުޅޭ އާ ފިލްމެއްގެ ޝޫޓިން ގައެވެ.

ކެޓުރީނާގެ ވަރަށް ގިނަ ފިލްމުތަކެއް ރިލީޒްވުމުގެ އެކި މަރުހަލާތަކުގައި އެބަހުއްޓެވެ. އޭގެ ތެރެއިން ޝްރީރާމް ރާގަވަން ޑައިރެކްޓްކުރާ "މެރީ ކްރިސްމަސް" ފާހަގަ ކޮށްލެވެ އެވެ. މި ފިލްމުގައި ކެޓުރީނާއާ އެކު ހަރަކާތްތެރިވާނީ ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީ އެވެ.

ފާއިތުވީ 2021ގައި ކެޓުރީނާ ވަނީ ސަލްމާން ޚާނާ އެކު ކުޅޭ "ޓައިގާ 3"ގެ ޝޫޓިން ފުރިހަމަކޮށްފަ އެވެ. ދެން އޭނާ އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވަނީ "ޖީ ލޭ ޒަރާ" އެވެ. މިއީ ފަރްހާން އަޚްތަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމުގައި ފުރަތަމަ ފަހަރަށް ކެޓުރީނާ، އޭނާގެ ފިރިމީހާ ވިކީއާ އެކު މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.