ޕޫޖާ ބަޓަކީ 1990ގެ އަހަރު ތަކުގައި ބޮލީވުޑުން އެންމެ ވިދާލި އެއް ބަތަލާ އެވެ. އޭރު ފިލްމު ކުޅުނު ބަތަލާއިންގެ ތެރެއިން ރީތިކަމާއި ހުނަރުގެ ގޮތުން ޕޫޖާ ވަރެއް ނެތޭ ބުންޏަސް ރަނގަޅު ވާނެ އެވެ.
ދާދިފަހުން ޕޫޖާ ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ އެއްބަފާ ކޮއްކޮ އާލިއާ ބަޓްގެ ފިލްމީ ކެރިއަރާއި އެ ދެބެންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.
ޕޫޖާ އަކީ މަހޭޝް ބަޓް 1968ގައި ކައިވެނި ކުރި ލޮރެއިން ބްރައިޓްގެ ދަރިއެކެވެ. ފަހުން ސޯނީ ރާޒްދާން ދެކެ މަހޭޝް އަށް ލޯބިވެވިގެން ލޮރެއިން ވަރިކޮށްފައި 1986ގައި ސޯނީއާ ކައިވެނި ކުރީ އެވެ. ޝާހީން އާއި އާލިއާ އަކީ ސޯނީ އާއި މަހޭޝް އަށް ލިބުނު ދެ ދަރިންނެވެ.
މަހޭޝްގެ ތިން އަންހެން ދަރިން ކަމަށްވާ ޕޫޖާ އާއި ޝާހީން އަދި އާލިއާގެ މެދުގައި ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮވެ އެވެ.
ޕޫޖާ ބުނި ގޮތުގައި އާލިއާގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ވާހަކަ ދައްކާނަމަ ވަރަށް ދިގުކޮށް ވާހަކަ ދައްކަން ޖެހެ އެވެ.
"ތެދު ތެދަށް ބުނާނަމަ ބުނެވޭނީ އާލިއާ އަކީ އަހަންނަށް ވުރެ މާމޮޅު އެކްޓަރެކޭ. އެހާ ޅައުމުރުގައި އެހާ ބޮޑު ކުރިއެރުމެއް އޭނާއަށް ލިބުނީ އޭނާގެ ހުނަރުންނޭ،" ޕޫޖާ ބުންޏެވެ.
ފިލްމު ކުޅުމާ ދުރުގައި ގިނަ ދުވަސްތަކަކު ހުރުމަށްފަހު ޕޫޖާ ވެސް މިހާރު ވަނީ އަނެއްކާ އެކްޓްކުރުމުގެ މަސައްކަތް ފަށާފަ އެވެ. ޕޫޖާ މިހާރު ކުޅެމުންދަނީ ޑިޖިޓަލް ޝޯ އެކެވެ.
އޭނާ ބުނި ގޮތުގައި ޑިޖިޓަލް ޝޯ ތަކުގައި ރަނގަޅަށް އެކްޓްކުރުމުގެ ފުރުސަތު ލިބޭތީ އޭނާ އެފަދަ ޝޯތައް ކުޅެން މާހިތްހަމަޖެހެ އެވެ.
އުމުރުން 49 އަހަރުގައި ފިލްމުތަކުން އެކަށީގެންވާ މޮޅު ރޯލުތަކެއް ނުލިބޭނެ ކަމަށް ޕޫޖާ ގަބޫލު ކުރެ އެވެ. އެހެންވީމާ ޑިޖިޓަލް ޕްލެޓްފޯމެއްގައި ދައްކާ ޝޯއެއްގައި ވެސް މޮޅު ރޯލެއް އަދާކޮށްލަން ލިބޭނަމަ ޕޫޖާގެ މައްސަލައެއް ނެތެވެ.