(20 ޖަނަވަރީ 2022 އާ ގުޅޭ)
"މަންމަ... އަހަރެންގެ މަންމައާ... މީޓްކުރަން އާދެވިދާނެތަ." ޖެހިލުންވުން އެކުލެވިފައިވި މަޑު އަޑަކުން އަޅައިގަންނަމުން ހޫރައިން ބުނެލިއެވެ.
އެއްފައި ސޯފާއަށް ނަގައިގެން ދެއަތުން ހޫނު ކޮފީ ޖޯޑުގައި ހިފަހައްޓާލައިގެން ޒެހެން އިނީ ބެލްކަނި ފެންނާނޭ ހެނެވެ. އެއްވާނަކަށް މެދުކެނޑުމެއްނެތި ވާރޭ ވެހޭއަޑު އިވިއިވި ހުއްޓެވެ. އިރުނުއޮއްސުނަސް ދުނިޔެ މަތި ފެންނަނީ ހައްތަހާ އަނދިރިވަމުން އަންނަތަނެވެ. ގޭތެރޭގައި ރަސްކަންކުރަމުން ދިޔައީ ފުން ހިމޭންކަމެވެ. ގެއަށް އައީސުރެން އޭނާ އެ އިންނަނީ ހޫރައިންގެ ޚިޔާލުތަކުގައި ޖެހިފައެވެ. މިއަދަކީ އެ އަންހެންކުއްޖާއާ ބައްދަލުވީފަހުން އެންމެ ގިނަ ވާހަކަ ޒެހެންގެ ގާތުގައި އޭނާ ދެއްކި ދުވަހެވެ. ޒެހެން އުންމީދުކުރީ ހޫރައިން ކައިވެންޏައިގެން ކުރިއަށްދާން ބުނާނޭ ކަމަށެވެ. ނަމަވެސް އެ އަންހެންކުއްޖާ އޭނާގެ ކެތްތެރިކަން އިމްތިހާނު ކުރުމުގައި އިމެއްނެތް ފަދައެވެ. ހޫރައިންގެ މަންމައާ ބައްދަލުކުރުމަށްފަހު ކައިވެނި ކުރުމުގެ ޚިޔާލު ޒެހެން ދޫކޮށްލުމަކީ ވެދާނޭގޮތެއްކަން ހޫރައިން ބުނެލީ ކޮންމާނައެއްގައި ކަމެއް ނޭނގެއެވެ. މިހިސާބަށް އޭނާ އައީ ހޫރައިންއާ މެދު ވަރަށް ބޮޑަށް ޔަގީންވެ ހުރެއެވެ. ފުރަތަމަ ފަހަރަށް ކައިވެންޏެއް ކުރާން ހިތު ނިޔަތް ގަނެ އެކަމަށް އަޒުމް ކަނޑައަޅައިގެން ހުރެއެވެ. އެހެންވިޔަސް ހޫރައިންއަށް އަދިވެސް އޭނާގެ އެ ނިންމުން ޔަގީންވާހެނެއް ޒެހެންއަށް ހިޔެއްނުވެއެވެ.
"ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެކަން އެނގޭ. އީވަން މައި ޕާސްޓް އިޒް ނޮޓް ސަމްތިންގ އައިމް ޕްރައުޑް އޮފް. މިސްޓޭކްސް ނުހެދޭ މީހަކު ނުހުންނާނެ. އެ މާޒީއަށް ބަލާނަމަ އަހަންނަކީ ރަނގަޅު މީހެކޭ ހޫރް ވެސް ނުބުނާނެ." ހޫރައިން ދައްކާފައި ހުރި ވާހަކަތަކާމެދު ވިސްނަން އިނދެފައި ޒެހެން ބުނެލިއެވެ. އިރުކޮޅަކު ހިމޭންވެ އިނދެފައި އަނެއްކާ ވެސް ޒެހެން ވާހަކަދެއްކިއެވެ.
"ނުވާނެ ބަދަލެއް. ކީއްވެ ޚިޔާލު ބަދަލުވާންވީ... ދެކޭ ގޮތް ބަދަލުވާންޖެހޭވަރުގެ އެއީ ކޮންހަޤީޤަތެއް. ހޫރް ދެއްކި ވާހަކައެއް އަހަންނަކަށް ނުވިސްނޭ. މަންމާއާ ބައްދަލުކުރަން އަހަރެން އެކަނި އިހަށް އައުމަށް ބުނީ ކީއްވެ. މިހާރު މީ ކައިވެނީގެ ކަންކަން ހަމަޖައްސަންވީ ވަގުތު. ހޫރް ކައިވެންޏާ ދެކޮޅުނޫންކަން އެނގޭ، އަހަރެން މާކުރިން ވެސް ރެޑީ."
ކޮފީ ޖޯޑު ހިފައިގެން ޒެހެން ތެދުވިއެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރުކައިރީ އޭނާ އައިސް މަޑުކޮށްލިއެވެ. ހޫނުކަން ކެނޑި ފިނިވާން ކައިރިވެފައިވި ކޮފީޖޯޑުން އެތި ފޮދެއް އޭނާ ބޯލިއެވެ. ހޫރައިންގެ މަންމައާ ބައްދަލުކުރަން ކަނޑައެޅި ވަގުތަކީ އެރޭ ދިހައެއް ޖަހާއިރުއެވެ. އެ މެސެޖު ހޫރައިން ފޮނުވިތާ އަދި ގަޑިއެއްގެއިރު ނުވެއެވެ. ރޭގަނޑު ދިހައަކީ ޒެހެންގެ ނަޒަރުގައި ލަސް ގަޑިއެކެވެ. އޭނާ ބޭނުންވަނީ އިޝާ ނަމާދުން ފައިބައިގެން އެގެއަށް ދާށެވެ. އަދި މަންމަ ވެސް ގޮވައިގެން ދާށެވެ. ދެ މަންމަ ބައިތިއްބައިގެން ކައިވެނީގެ ވާހަކަ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދާށެވެ. ނަމަވެސް ހޫރައިންގެ މައްޗަށް އޭނާގެ އަމިއްލަ ގޮތްގަނޑު އިސްކުރާންވެއްޖެނަމަ އެ އަންހެންކުއްޖާ ހުރިހާކަމެއް ހުއްޓާލާފައި އޭނާއަށް ފިލާފާނެއެވެ. އެ ޖެހިލުންވުން ޒެހެންގެ ހިތުގައި އެބައޮތެވެ. ހޫރައިން ރުއްސޭނީ އެ ހިތަށް ވަގުތު ދީގެންކަން ޒެހެން ޤަބޫލުކުރެއެވެ. އޭނާގެ ޟަމީރު ވިސްނާ ދިނީ އަވަސްއަރުވާލުމަށްވުރެ ﷲއަށް ވަކީލްކުރުން ހެޔޮކަން ބޮޑުކަމެވެ. ޚިޔާލުތަކުގައި ފީނަފީނާ ވަރުބަލިވީ ފަދައިން ޒެހެން ފުންނޭވާއެއް ލިއެވެ. ކުރިމަތީގަވީ ބިއްލޫރު ދޮރުފަތުގައި އޭނާގެ ނިތް ޖައްސާލިއެވެ. ފަޒާގެ ފިނިކަމުގެ ސަބަބުން އެ ބިއްލޫރީގައިވަނީ ފިނި ހިފާފައެވެ. އެ ފިނިކަމުން އޭނާއަށް ހިސާބެއްގެ އަރާމެއް އިހްސާސް ކުރެވިގެންދިޔައެވެ. އެގޮތުގައި އޭނާ ހުއްޓާ އެޕާޓްމެންޓްގެ ތަޅުހުޅުވާލައި ދޮރުން މީހަކު ވަންކަމުގެ ހިލަން ޒެހެންއަށް ވިއެވެ. ވަގުތުން އެއީ މަންމަކަން ޒެހެންއަށް ޔަގީންވިއެވެ.
"ޒެން، ކީއްވެފަ ތިހުރީ." އެޕާޓްމެންޓަށް ވަން މިއުނާއަށް ފިރިހެން ދަރިފުޅު ހުރިގޮތް ފެނުމާއެކު އަހާލެވުނެވެ. އޭރު އަދި އޭނާއަށް ކިރިޔާ ގޭތެރެއަށް ވަދެވުނީއެވެ. އަރާފައި ހުރި ބޫޓު ބަލާއި ފައިވަން ކަބަޑުކައިރިއަށް ޖައްސާލާފައި މިއުނާ ފައިކޮށްޕާލީ ގޭތެރޭ އަރާ ފައިވަނަށެވެ. ދެން އޭނާ އައިސް ސޯފާގައި އިށީނެވެ. ޒެހެން ވެސް އައިސް އިހު ސޯފާގައި އިންތަނުގައި އިށީނދެއްޖެއެވެ.
"މަންމައަށް ވެސް ހޫނު ސައިތަށްޓެއް ހަދައިދީބަލަ. ފިނިކަމުން ގަނޑުވާވަރުވެފަ މީނީ." ޒެހެންގެ އަތުގައި އޮތް ޖޯޑުފެނި މިއުނާ ބުނެލިއެވެ. އެއާއެކު ޒެހެން ތެދުވެގެން ގޮސް ސިޓިންރޫމާ ގުޅިފައިވާ ބަދިގެކޮޅުގެ ތެރެއަށް ވަނެވެ.
"ބޭރަށް ނުދެވޭތީ ފޫހިވެގެން ދޯ ތިއުޅެނީ. ކޮބާ ހޫރްއާ ބައްދަލުވިތަ؟ ކޮންމެހެން ވެސް މިއަދު ބައްދަލުކުރާނަމޭ ބުނީމެންނު. ވާހަކަދެއްކޭގޮތްވިތަ؟." އަޅާފައި ހުރި ބުރުގާ ބާލަމުން މިއުނާ ވާހަކަދެއްކިއެވެ. ހޫރައިން ކުއްލިއަކަށް ޒެހެންއާ ދުރުވިގޮތުން އެކަމާ އޭނާ ކަންބޮޑުވެ މިއުނާގެ ޚިޔާލެއް ހޯދިއެވެ. ސަބަބަކާނުލާ ހޫރައިންއަށް އެ ބަދަލުތައް ނާންނާނޭކަން ޒެހެން ޤަބޫލުކުރާކަން އޮތީ މިއުނާ ގާތު ބުނެފައެވެ. ހުރިހާ ވާހަކައެއްހެން ޒެހެން އައީ މަންމައާ ޚިއްޞާކުރަމުންނެވެ. މަންމަގެ ލަފާއިން އޭނާއަށް ފައިދާ ވެސް ކުރެއެވެ. ގައިމުވެސް ހޫރައިންއާމެދު ކެތްތެރިވާން ޒެހެންއަށް އެނގުނީ އެ މަންމަ ދޭ ޚިޔާލާއި ނަޞޭޙަތުގެ ސަބަބުންނެވެ. އަނެއްކޮޅުން މިނޫނީ އަންހެންކުއްޖަކާ ގުޅުވާ މަންމަގެ ޚިޔާލަކަށް ޒެހެން ބޭނުންވެފައެއް ނެތެވެ.
"ދިމާވި. ވާހަކަދެއްކިން. ކުޑައޮޅުމެއް އެރީ... އެކަން ހައްލުވެއްޖެ." ޒެހެން ބުނެލިއެވެ. އޭނާ މަންމައަށް ސައިތަށި ތައްޔާރުކޮށްދީގެން އައެވެ. ސައިޖޯޑު ސޯފާތަކުގެ މެދުގައިވާ ކޮފީމޭޒުމަތީ ބަހައްޓާފައި ޒެހެން ސޯފާގައި އިށީނެވެ.
"މިރޭ ހޫރްގެ މަންމައާ މީޓުކުރަން ދަން." މަންމައަށް ބަލަން އިނދެ ޒެހެން ބުނެލިއެވެ.
މިއުނާގެ ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ވަގުތުން ހުއްޓުނެވެ. ނަމަވެސް ދަރިފުޅުގެ މޫނުމަތިން އޭނާ އުންމީދުކުރި ޖޯޝާއި އުފާވެރިކަމެއް ފާޅެއްނުވެއެވެ. ސުވާލުކުރަން މިއުނާއަށް ޖެހުނީ އެހެންވެއެވެ. އެއާއެކު ހޫރައިން އެދުނު ގޮތް ޒެހެން ކިޔާދީފިއެވެ.
"ޔޫކް ވެސް އޮންނާނީ އެގަޑީގަ ނިދާފަކަން ޔަގީން." ޒެހެންއަށް ބުނެލެވުނެވެ. މިއުނާ އިނީ ފަރުވާތެރިކަމާއެކު ޒެހެންގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ. އެ ދަރިފުޅު ދެއްކި ކޮންމެ ވާހަކައަކާމެދު ވިސްނިއެވެ.
"ހޫރައިންގެ މަންމަ ދައްކާވާހަކަ ޒެން ވާނެ ވަރަށް ރަނގަޅަށް އަޑުއަހަން. ކުޑަކުއްޖެއްގެ ކުރިމަތީ ބޭނުން ކޮންމެ ވާހަކައެއް ނުދެއްކޭނެ. ވެދާނެ އެހެންވެ ކަމަށް އެގަޑީގަ އަންނަން ބުނީ. ހޫރައިންއާ ޒެން ކައިވެނި ކުރަން ބޭނުންވާ މަޤްޞަދު ހަނދާން ބަހައްޓާތި. މަންމައަށް އެނގޭ ފިޒިކަލް ރިލޭޝަންޝިޕެއްކަން މިހާރުގެ ގިނަ ޒުވާނުންގެ މެދުގައި އޮންނަނީ. އެއަށް ލޯތްބޭ ވެސް މިކިޔަނީ... ކުއްލިއަކަށް އުފެދޭ އެކްސައިޓްމެންޓެއްގެ ސަބަބުން ކަމެއް ހާސީލުކުރުމުގެ ޖަޒުބާތު ހިތުގައި އުފަންވުމުން، އެކަން ނުވަނީސް އިންސާނާއަށް ހިންދެމިވެސް ނުލެވޭނެ. އެކަމަކު އެކަން ހާސިލުވީމާ، އެކަން ގިނަފަހަރަށްވަނީ ވަގުތު ހިތްހަމަޖެހުމަކަށް. އެކަމުން ތިމާއަށްކުރާނޭ ފައިދާއެއް ވެސް ނޯންނާނެ. ޒެންއަށް އެނގޭތަ މިދައްކާ ވާހަކަ... އެނގޭތަ މަންމަ ބުނަން މިއުޅެނީ ކީކޭކަން."
"އެނގޭ. ހޫރްއާ ކައިވެނިކުރަން ނިންމި ހިސާބުން އުމުރުގެ ބާކީބައި އަހަރެން ހޭދަކުރަން އެދޭނެ ހަޔާތުގެ ބައިވެރިޔާއަށް އޭނާ ވެއްޖެ. ވިޔާނުދާ ސަމާސާއެއް ކުރުމުގެ ޚިޔާލެއްނެތް." ޒެހެން ބުނެލީ ކުރީން ވެސް މަންމަގެ ގާތުގައި ބުނެވިފައި އޮތް ވާހަކައެކެވެ. މަންމަގެ ވާހަކަ އޭނާ ގަބޫލުކުރެއެވެ. ކުރީން އޭނާއަށް ވެސް އުޅެވިފައި ހުރީ މަންމަ އެބުނާފަދަ ޒުވާނުން އުޅޭހެންނެވެ. ހަޔާތާމެދު ތަފާތު ނަޒަރަކުން ވިސްނާލެވުނީ ހޫރައިންއާ ބައްދަލުވީ ހިސާބުންނެވެ.
* * * * *
އިޝާ ނަމާދުން ފައިބައިގެން ހޫރައިން ތައްޔާރުވީ ޔޫކްއަށް ކާންދީ އަވަހަށް ނިންދަވަން އުޅޭށެވެ. އޭނާ ބަދިގޭގައި ހަރަކާތްތެރިވަމުންދިޔައިރު ޓީވީ ބަލަން ސޯފާގައި ޔޫކް އޮތެވެ. ކާމޭޒު މައްޗަށް ކާން ނެނގުނުއިރު ވެސް ސުމައްޔާ ނުނިކުންނަކަން ހޫރައިންއަށް ފާހަގަވިއެވެ. މަންމަ ކޮބާތޯ ބަލާލަން ހޫރައިން އައެވެ. ސުމައްޔާގެ ކޮޓަރީ ދޮރުގައި ޓަކި ދިނެވެ. މަޑުމަޑުން ދޮރު ހުޅުވާލީ މަންމަގެ އަޑެއް ނީވިގެންނެވެ. މުސައްލަމަތީ ސުމައްޔާ އިނެވެ. ހޫރައިން ދޮރުލައްޕާލާފައި އެނބުރި ސިޓިންރޫމަށް އައީއެވެ. މަންމަގެ ނަމާދު މިރޭ ދިގުވެއްޖެކަން ހޫރައިންއަށް ފާހަގަވިއެވެ. ދަރިފުޅު ކައިރީ ސޯފާގައި ހޫރައިން އިށީނެވެ. ޔުނިވަރސިޓީއިން އެނބުރި އައިސް މަންމައާ ވާހަކަދެއްކުމުގައި އިރުއޮއްސޭންދެން ހޫރައިން އިނެވެ. ހާސްވެ ޖެހިލުންވެފައިވަނީ އޭނާ އެކަނި ނޫންކަން ހޫރައިންއަށް ވިސްނުނެވެ. ނަމާދުން މަންމަ ސާބިތުކަމާއި ހިތްވަރު ހޯދަނީކަން ހޫރައިންއަށް އެނގެއެވެ. މިރޭ ޒެހެންގެ ގޮތް ވެސް އެނގިގެންދާނޭ ކަމުގައި ހޫރައިން ގަބޫލުކުރެއެވެ.
"ޒެހެންގެ ޢާއިލާއަށް އަހަރެން ބަލައިގަތުން ފަސޭހައެއްނުވާނެ. ހަގީގަތް އެނގުމުން އަޒްހަދަށް ވެސް ވީހެން އެހެން. ޔޫކްދެކެ ނަފްރަތުކުރާނެ. ޒެހެންއަށް ކެތްކުރެވޭނެތަ..." ހޫރައިންގެ ހިތަށް އަރާ ފައިބަމުންދިޔައެވެ.
"ހޫރައިން... ޔޫކަށް ކާންދޭން ފެށިނަމަ." އެތެރެއިން ނުކުމެގެން އައި ސުމައްޔާގެ އަޑު އިވުނެވެ. ހިތުގެ އުދާސްތައް އެއްފަރާތްކޮށް ހޫރައިން ސޯފާއިން ތެދުވިއެވެ.
އެހެން ރޭ ރެއެކޭ ވަކި ތަފާތެއް ނެތެވެ. ރޭގަނޑުގެ ކެއުން ނިންމާ ތަށިތައް ނަގައި ކާމޭޒުމަތި ސާފުކުރުމުގައި ސުމައްޔާ އުޅުނެވެ. ދަރިފުޅު ގޮވައިގެން ހޫރައިން އައީ ކޮޓަރިއަށެވެ. ޔޫކް ނިދަން ތައްޔާރު ކުރާށެވެ. ޔޫކަށް ނިދެންދެން ގާތުގައި ހޫރައިން އޮތެވެ. އެކުއްޖާއަށް ނިދިއްޖެކަން ޔަގީންވުމުން ހޫރައިން އެނދުން ފޭބީއެވެ. ކޮޓަރިން ނުކުމެ މަންމަ ހޯދަމުން ސިޓިންރޫމަށް އައެވެ.
"ދޭ ފެންވަރާލައިގެން ތައްޔާރުވެލަން." ސުމައްޔާ ބުންޏެވެ.
"އަހަރެން ހުރުން މުހިންމުތަ؟." ހޫރައިންއަށް އަހާލެވުނެވެ. ވިސްނާލަން މަޑުކޮށްލި ފަދަ ހުއްޓުމެއް ސުމައްޔާގެ ހަރަކާތްތަކަށް އައެވެ.
"ޒެހެން ވާހަކަދައްކަން ބޭނުންވެދާނެއެއްނު." ސުމައްޔާ ބުނެލިއެވެ. ހޫރައިން ބޯޖަހާލީ އެހެންވެދާނޭކަން ވިސްނޭތީއެވެ.
"މަންމަ ގޮވާލަންދެން އަހަރެން ކޮޓަރީގަ މަޑުކުރާނަން." ހޫރައިން ބުންޏެވެ. އެގޮތާ ސުމައްޔާ އެއްބަސްވިއެވެ. އޭނާއާއި ޒެހެންއާ ދެމެދު ވާހަކަދެކޭ ވަގުތު އެތަނުގައި ހޫރައިން އިންނަން ބޭނުންނުވަނީ ކީއްވެކަން ސުމައްޔާއަށް ވިސްނެއެވެ. އެކަމަށް ބާރުއަޅާއަކަށް ސުމައްޔާ ނޭދެއެވެ. ހޫރައިން އެދޭ ގޮތަކަށް ކަންކަން ކުރާން ސުމައްޔާ ވެސް ބޭނުމެވެ.
ހޫރައިންގެ ފޯނަށް އައި މެސެޖު ކިޔާލުމާއެކު އޭނާ އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުމެ މަންމަގެ ކޮޓަރީގައި ޓަކި ދިނެވެ. ސުމައްޔާ ނުކުތީ ރީތިވެލައިގެންނެވެ. މޫނު ވެސް އަޅައިގެންނެވެ. ޒެހެން އައީކަން ސުމައްޔާއަށް އެނގުނެވެ. ހޫރައިން ކޮޓަރީ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. ޒެހެންގެ ކުރިމައްޗަށް އެރުމާމެދު ދެ ޚިޔާލެއްގައެވެ. ސުމައްޔާ ދޮރޯށި ހުޅުވަން ނުކުތްތަން ފެނުމުން ހޫރައިންއަށް އެނބުރިލެވުނީ ކޮޓަރިއަށް ވަންނާށެވެ. ހުރިހާ ވާހަކައެއް މަންމަ ދައްކާއިރު ޒެހެންގެ ކުރިމަތީ އިނުން ހޫރައިންއަށް ފަސޭހަކަމަކަށް ނުވާނޭތީއެވެ.
ދޮރޯށި ހުޅުވާލި ހިނދު ޒެހެން ސަލާން ގޮވާލިއެވެ. ސުމައްޔާ ސަލާން ބަލައިގަނެ ޒެހެން ވަންނަން ތަންދެއްކިއެވެ. ދޮރޯށި ތަޅުލާފައި ސުމައްޔާ އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ. އެއާއެކު ސުމައްޔާގެ ކުރިއަށް ހުރެ ގޭތެރެއަށް ޒެހެން ވަނެވެ. ސޯފާގައި އިށީނދެވެންދެން ޒެހެންގެ ލޯ ހޫރައިން ހޯދިއެވެ.
"ނުތެމި އާދެވުނު ދޯ." ސުމައްޔާއަށް ބުނެލެވުނެވެ. އެގަޑިއަށް ވާރޭ ތުނިކޮށްލާފައިކަން އޮތީ ސުމައްޔާއަށް އެނގުނީ ދޮރޯށި ކައިރިއަށް ނުކުމެވުނީމައެވެ.
"ހޫރް..." ހިސާބެއްގެ ޖެހިލުންވުމަކާއެކު ޒެހެންއަށް ކިޔާލެވުނެވެ.
"ކޮޓަރީގަވީ. އިހަށް މަންމައާ ވާހަކަދައްކާލަންވީނު." ސޯފާތައް ކައިރީ ކޮޅަށް ހުރި ސުމައްޔާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭނާއަށް ބަލަން އިނދެ ޒެހެން އެއްބަސްވުމުގެ ގޮތުން ބޯޖަހާލީއެވެ.
"ކާގަޑިއަށްވުރެ މާބޮޑަށް ވެސް ލަސްވެއްޖެކަން އެނގޭ. އެހެންވިޔަސް ކޮންމެވެސް އެއްޗެއް ޒެހެންއަށް ދޭން މަންމަ ބޭނުން." ސުމައްޔާ މިހެން ބުނެ ހިނގައިގަތީ ބަދިގެއަށެވެ. އައިސްއަލަމާރި ކައިރިއަށް ހުއްޓި އޭނާ ޖޫސްޕެކެޓެއް ނެގިއެވެ. ބިއްލޫރިތަށްޓަށް ޖޫސް އަޅަމުންދިޔައިރު ސުމައްޔާގެ ނަޒަރު ވަކިން ހުރި ސޯފާގޮނޑީގައި އިން ޒެހެންއަށް ހުއްޓެވެ. މުލައްދަނޑިން ބައެއް ފެންނަވަރަށް އޮޅާލާފައިވާ އަތްދިގު ހުދު ގަމީހާއި ނޫކުލައިގެ ޖިންސެއްގައި ޒެހެން އިނެވެ. ގޭތެރެއަށް ވަދެގެން އައިއިރު ވެސް ސުމައްޔާއަށް ފާހަގަކުރެވުނީ ޒެހެންގެ ދިގު އިސްކޮޅެވެ. ފިރިހެންވަންތަ ރީތި ސިފައެއް ޒެހެންއަށް ލިބިފައިވާކަން ސުމައްޔާގެ ހިތް އެއްބަސްވެއެވެ. ޒެހެން މޫނުމަތިން ޖެހިލުންވުމުގެ އަސަރު ފާޅުވެއެވެ. ސުމައްޔާ ހިނިތުންވެލިއެވެ. ފެންނަފެނުމަށް ޒެހެންގެ ފުށުން ކަމުނުދާ ސިފައެއް ސުމައްޔާއަކަށް ނުފެނެއެވެ. އޭނާ ފެންތަށްޓަކާއި ޖޫސްތަށި ކުޑަތަބަކެއްގައި ގެނެސް ސޯފާތަކުގެ ކުރިމަތީ ހުރި ލަކުނޑިމޭޒުމަތީ ބެހެއްޓިއެވެ. ސޯފާގައި ސުމައްޔާ އިށީނީ ދެނެވެ. ޒެހެން ވަގުތުން ޝުކުރު އަދާކުރިއެވެ. ޒެހެން ޖޫސްތަށި ނެގި ގޮތަށް ދެ ކޯވަރުން ތަށި ހުސްކޮށް ތަބަކުގައި ތަށިބަހައްޓައިފިއެވެ.
"ޒެހެންއަށް ހޫރައިން އެނގެނީ ކިހާ މިންވަރަކަށް." ސުމައްޔާ އަހާލިއެވެ.
"ތެދަށް ބުނަންޏާ މާބޮޑު އެއްޗެއް ނޭނގޭ. ހޫރްގެ ބަސްމަދުކަމުން އޮޅުންފިލުވުން ފަސޭހައެއްނޫން. ޔޫކް ހުންނަކަން އެނގުނި ދެން ޔޫކް ގޮވައިގެން ހޫރް އުޅެނީ އެކަނިކަން ލަފާކުރީ. އެކަމާ ހޫރް ދެކޮޅެއް ނުހަދާ. އެކަމަކު ކިޔައެއް ވެސް ނުދިން. ދިރިއުޅުމުގެ ކަންކަން ޚިއްޞާއެއްނުކުރޭ. ވެދާނެ އަހަންނަށް އިތުބާރުނުކުރެވެނީ ކަމަށް. އެކަމަކު ކައިވެނީގެ ވާހަކަދެއްކީ ވަރަށް ސީރިއަސްކޮށް. ހޫރްއާ ކައިވެނި ކުރަން ބޭނުންވެގެން. އިންޝާﷲ، އަނތްބަކާއި ދަރިއެއްގެ މަސްއޫލިއްޔަތު އުފުލޭނެކަމުގެ ޔަގީންކަމާއެކު. އެ ޒިންމާއަށް ފަރުވާތެރިވާނަން." ޒެހެން ބުންޏެވެ.
"ހޫރައިންގެ ހުރިހާ ކަމަކާ ހަވާލުވެގެން މިވަގުތު ހުރި މީހަކީ މަންމަ. ހޫރައިންގެ ކިޔެވުން ނުނިމޭ އޭނާގެ ބައްޕަ ނިޔާވިއިރު. މާޝާﷲ، ހޫރައިންއަކީ ކިޔެވުމަށް މޮޅު ކުއްޖެއް. ކިޔަވަން ވަރަށް މަސައްކަތްކުރާނެ. އޭލެވެލް ނިންމި. މާޝާﷲ، ގަދަ ފަހެއްގަ ހިމެނުން. އިތުރަށް ކިޔަވަން ގަސްދުވެސް ކުރި. އެކަމަކު އެކުއްޖާ އިނީ ހަމަޖެހިފައި އޮތް ކައިވެންޏަކަށް އުންމީދުކޮށްގެން. މަންމަގެ ހުރީ ހަމަ އެންމެ ކުއްޖެއް. އެހެންވީމަ ވެސް ވަކިން ބޮޑަށް ލޯބިވެވޭނެ ދޯ. ރުޅިހަދާލާފައި މަންމައާ ދެބަސްވެގެން އުޅޭ ދުވަސްތައް މަތިން ހަނދާންވޭ. މަންމަގެ ވިސްނުން ކަމުނުގޮސްގެން އުޅޭނެ. އެހެންވިޔަސް ހޫރައިންއަކީ ބަސްއަހާކުއްޖެއް. މިއަދު ޒެހެންއަށް ތިފެންނަނީ ހޫރައިންގެ ތޮށިގަނޑެކޭ ބުންޏަސް ދޮގަކަށްނުވާނެ. ވިހި ވަނަ އުފަން ދުވަހަށް އޭނާ އައީ ތައްޔާރުވަމުން. އެއީ މުހިންމު ކަންތައްތަކެއް އޭނާގެ ހަޔާތުން ރޭވިފައި އޮތް ދުވަހެއް. އެކަމަކު އޭގެ ކުރީން އޭނާގެ ހުރިހާ އުންމީދެއް ބަޔަކު މަރާލީ. އެއަށްފަހު ﷲ އެ ދަރިފުޅު މި މަންމައަށް ރައްދުކޮށްދެއްވީ ދުވަހަކުވެސް ހީކުނުކުރާފަދަ ވަރުގަދަ އިމްތިހާނަކާއެކު..." ސުމައްޔާ މަޑުކޮށްލިއެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވީއެވެ. ދެ ލޯ ފެންކަޅިވާގޮތްވީއެވެ. އިސްއޮބާލައިގެން އިރުކޮޅަކު އިނދެފައި އިސްއުފުލާލިއިރު ޒެހެން ބަލަން އިނީ ކަންބޮޑުވެފައި އިން ފަދައަކުންނެވެ.
"އާންމު މީހެއްގެ ދިރިއުޅުމާ ހޫރައިންގެ ދިރިއުޅުން ވަރަށް ތަފާތު. މަންމަ ކިޔާދިނަސް ޒެހެންއަށް އިހްސާސް ވެސް ނުކުރެވޭނެ އޭނާ އުޅުނު ގޮތް. ނަފްސާނީ ގޮތުން އޭނާ އެވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ. މީހުންގިނަވެއްޖެނަމަ އޭނާ ބިރުގަންނާނެ. ނުދަންނަ މީހުންނާ ކުރިމަތިލާ ވާހަކަދައްކަން އޭނާއަށް އުނދަގޫވާނެ. މީހަކަށް އިތުބާރުކުރަމަކީ އޭނާއަށް އެންމެ އުނދަގޫކަންތައް. އެކަނި ހިނގާ އުޅޭން އޭނާ ބިރުގަނޭ. ޖެހިޖެހިގެން ދެފަހަރު އެއްމަގަކުން އޭނާ ނުހިނގާނެ. އޭނާއަށް އަބަދުވެސް ހީވަނީ މީހަކު އޭނާއަށް ފާރަލާފާނޭ. ދިމާކޮށްފާނޭ. ކުއްލިއަކަށް އައިސް އަނިޔާއެއް ދީފާނޭ... ޒެހެންއަށް ހީވޭތަ ހޫރައިންއާއެކު ފަސޭހަ ދިރިއުޅުމެއް އުޅެވިދާނޭހެން."
"އެއްވެސް ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއްނޫން. ﷲ އިމްތިހާނު ނުކުރައްވާނަމަ އެކަލާނގެ މަތީން އަހަރެމެން ހަނދާންނެތޭނެކަން ޔަގީން. ޒަމާނުގެ ޣާފިލްކަމުން އަރައެއް ނުގަނެވޭނެ. ކައިވެނި ނުކުރަންވީ ސަބަބެއް މަންމަގެ ވާހަކަތަކުން އަހަންނަށް ފާހަގައެއްނުވި. އެހެންމީހުންނާ ހޫރައިން ތަފާތުވުމަކީ އޭނާ ބަލައިނުގަނެވޭނެ ސަބަބެއްނޫން. އިންޝާﷲ، އޭނާގެ މައްޗަށް އޯގާތެރި ފިރިއެއްކަމުގަ އަހަރެން ވާނަން. އޭނާ ލޯބިވާމީހުންދެކެ އަހަރެން ލޯބިވާނަން. އޭނާ ﷲ އަށް ޓަކައި ނަފުރަތުކުރާ ކޮންމެކަމަކަށް އަހަރެން ނަފުރަތުކުރާނަން. ފިރިއެއްގެ ހިމާޔަތް ބޭނުންވާ ހިނދެއްގަ އަހަރެން އޭނާ ރައްކާތެރިކުރާނަން. ހަލާލު އެއްޗެއް ނޫނީ އަނބިމީހާއާއި ދަރީންނަށް ނުދޭނަން. މަންމަ ކަންބޮޑުނުވޭ. އަހަރެން މިއުޅެނީ މަންމައާއި ހޫރައިން ވަކިކޮށްލާކަށްނޫން." ޒެހެން ބުންޏެވެ.
"ޒެހެން... އަޑުއަހާ ދަރިފުޅާ... ޔޫކްއަކީ ކައިވެނީގެ މައްޗަށް ހޫރައިންއަށް ލިބިފަ ހުރި ކުއްޖެއްނޫން. ހޫރައިންގެ އިއްފަތްތެރިކަން ބަޔަކު ނަގާލީ. އެ ގުޅުމުން އުފަންވީ ދަރިއެއް އެއީ. އެމީހުންގެ ލަކުނުތައް އެ ހަށިގަނޑުގައި މިއަދުވެސް އެބަހުރި."
"ރޭ...ޕް..." އާގަންނަމުން ޒެހެންއަށް ބުނެލެވުނެވެ. ސުމައްޔާ އަވަސްއަވަހަށް ބޯޖަހާލީއެވެ.
"ރާއްޖޭގަ އެ ވާހަކަ ނުޖަހާ ނޫހެއްނެތް. ފަސް އަހަރު ކުރީން... އެމީހުން އެނުބައި ޖަރީމާ ހިންގުމަށްފަހު... ހުޅުމާލޭގަ... އެއްލާލާފަ އޮތީ." ސުމައްޔާއަށް ކަރުނައެއް ނުހިފެއްޓުނެވެ. އެކަމަކު ނިކަން އަވަހަށް ދެ ލޯ ފުހެލިއެވެ. އެއަށްވުރެ ބޮޑަކަށް އޭނާއަށް ކިޔައެއް ނުދެވުނެވެ.
"މަންމާ..." ޒެހެން ގޮވާލިއެވެ.
"ދެން ބުނެބަލަ... ހޫރައިންއާއެކު އެ ދަރިފުޅު ބަލައިގަންނަން ޒެހެންއަށް ކެރޭނެތަ؟. ހޫރައިންއަށް ކުރިމަތިވީ ކަންތަކާ ގުޅުވައިގެން ދުވަހަކުވެސް އެ ދެމައިން ހިތުގާ ޖެހޭ ފަދަ އެއްޗެއް ނުބުނެ ގެންގުޅެވިދާނެތަ؟. މީހުންގެ ދޫތަކަށް ކެތްކުރެވޭނެތަ؟. ހޫރައިން ފަސްޖެހެނީ ކީއްވެކަން ޒެހެންއަށް މިހާރު އެނގެއެއްނު." ސުމައްޔާގެ އަޑު ކުރެހުނެވެ. ޒެހެން ގޮނޑީގެ ކުރިއަށް ޖެހިލިއެވެ. ސުމައްޔާގެ އަތްތިލައިގަ ހިފާލިއެވެ. އެ މަންމައަށް އޭނާ ޤަދަރުކުރާކަން ޔަގީނެވެ. އަނގައިން ނުބުނެ ވަގުތުކޮޅަކު އޭނާ ހިމޭންވެ އިނެވެ. އަމިއްލަ ނަފްސާ އެއްވަރަށް ސުމައްޔާގެ ނަފްސު ހަމައަކަށް އެޅޭން ވަގުތު ދީގެން އިން ފަދައެވެ.
"މަންމާ... ހޫރް ގެނެސްދެވިދާނެތަ. ވާހަކަދައްކާލަން ބޭނުން." ޒެހެން މަޑުމަޑުން ބުނެލިއެވެ. ސުމައްޔާއަށް ޒެހެންގެ މޫނުން ނަޒަރު ވަކިކޮށްނުލެވުނެވެ. އެ ދެ ލޮލުގައިވަނީ ޔަގީންކަމެއްގެ އަސަރެވެ. އެކަމަކު އެ ޔަގީންކަމާއެކުވެފައިވަނީ މޮޅިވެރިކަމެއްގެ ކުލައެވެ. ސުމައްޔާގެ ނަޒަރު ވަކިނުވުމުން ޒެހެން ލުއި ހިނިތުންވުމަކާއެކު އަތުގެތެރޭ އޮތް ސުމައްޔާގެ އަތްތިލައިގަ ފިރުމާލިއެވެ. ދެން ވެސް ހޫރައިންއަށް ގޮވާލަދިނުމަށް ޒެހެން އެދުނެވެ. އެއާއެކު ސުމައްޔާ ބޯޖަހާލާފައި ތެދުވިއެވެ. ހިނިތުންވުމުގެ އަސަރު އެ ދެ ލޮލުން ޒެހެން ދުށްޓެވެ. ނަމަވެސް ސުމައްޔާ ތެދުވެގެން ދިއުމާއެކު ޒެހެންގެ ހިނިތުންވުން ގެއްލި މޫނުގެ ކުލަ އޮއްސިއްޖެއެވެ. (ނުނިމޭ)