ބޭންކް އޮފް މޯލްޑިވްސް

ކޯލުކޮށްގެން ފައިސާ ހޯދާ މައްސަލަތައް އަނެއްކާވެސް އިތުރުވަނީ

Jan 25, 2022
3

އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުންދާ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ މީހުން ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައިގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ބޭންކުން ބުނީ މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުން ދަނީ ވަރަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށެވެ. އޮންލައިންކޮށް ދޭ އޯޑަރުތަކަށް ވެސް އެމީހުންގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން، ގަންނަ އެތި އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ. މި މައުލޫމާތުތައް ހިއްސާ ނުކުރުމަށް ބޭންކުން އަބަދުވެސް އަންނަނީ އެދެމުންނެވެ.

"ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން. އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ދަންނަވަން. އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަން." ބީއެމްއެލް އިން ބުންޏެވެ.

އެކި ނަންނަމުގައި މީހުންނަށް ގުޅައިގެން އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. މީގެތެރޭގައި ބީއެމްއެލްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ހިމެނެ އެވެ.