އެފްރިކަން ކަޕްގެ ގަދަ 16ގެ ތިންވަނަ މެޗުގައި ކެމަރޫން އަދި ކޮމޮރޯސް ވާދަކުރި މެޗު ކެމަރޫން ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މުބާރާތް ބާއްވާ ގައުމު، ކެމަރޫން އަދި ކޮމޮރޯސް ރޭ ވާދަކުރި މެޗު ނިމިގެން ދިޔައީ 2-1 ލަނޑުން ކެމަރޫން ކުރި ހޯދައިގެންނެވެ.
މެޗުގައި ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީވެސް ކެމަރޫން އެވެ. ނަތީޖާއެއްގެ ގޮތުން ކޮމޮރޯސްގެ ގޯލަށް ޖުމްލަ 19 ހަމަލާއެއް ކެމަރޫނުން ފޮނުވާލި އެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައި ވަނީވެސް ކެމަރޫން ޓީމުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ކެމަރޫން އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 29 ވަނަ މިނެޓުގައި ކެމަރޫންގެ ޑިފެންޑަރު ކާލް ޓޮކޯ އެކަމްބީ އެވެ.
މި ގޯލަށް ފަހު ކޮމޮރޯސް އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގައި ދެ ތިން ބޯޅައެއް ކެމަރޫންގެ ގޯލަށް އަމާޒު ކޮށް ފޮނުވާލާފަ އެވެ. އަދި ކެމަރޫން އިން ވެސް ދިޔައީ ކޮމޮރޯސްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ކެމަރޫން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ކެމަރޫން އިން ވަރަށް ވަރުގަދަ އަށް ފަށައި، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ކެމަރޫނަށް ކާމިޔާބު ކޮށްދިނީ ކުރިއަށް ކުޅޭ އެޓީމުގެ އެންމެ ތަޖުރިބާ ކާރު ފޯވާޑް އަބޫބަކުރެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ކޮމޮރޯސް އިން ލިބުނު ކައުންޓާ އެޓޭކެއްގައި 80 ވަނަ މިނެޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަ ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުން ކެމަރޫން ކާމިޔާބު ކޮށްގެންނެވެ.
މެޗު ބަލަން އެތައް ހާސް ބަޔަކު ދަނޑަށް ވަދެ ދަނޑު ފުރާލުމުގެ ސަބަބުން ހިނގާ ދިޔަ ކަންތައްތަކެއްގެ ތެރެއިން ކެމަރޫންގެ ހަ ސަޕޯޓަރަކު ވަނީ މަރުވެސް ވެފަ އެވެ.
ގަދަ 16 ގައި ރޭ ދެން ކުޅުނީ ގިނީ އަދި ގެންބިޔާގެ މެޗެވެ. އެ މެޗުން ކުރި ހޯދައިގެން ގެންބިޔާއިން ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ގެންބިޔާއިން މި މެޗު ކާމިޔާބު ކުރި 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް 71 ވަނަ މިނެޓުގައި ޖަހާފައިވަނީ އެޓްލާންޓާއަށް ކުޅެމުން އަންނަ މުސާ ބަރޯ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މުސާ އެވެ.
ކުއާޓާ ފައިނަލުގައި ގެންބިއާ ވާދަކުރަންޖެހޭނީ މުބާރާތް ކުޅޭ ގައުމު ކެމަރޫންއާ އެވެ.