ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެ އެވެ.
ސީޕީއައި އަކީ ދައުލަތްތަކުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ބެލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަދާފައިވާ ސާވޭތަކާއި ކަމާ ގުޅޭ މާހިރުންގެ ހޯދުންތަކަށް ބަލައިގެން ޕޮއިންޓް ދީގެން ތައްޔާރުކުރާ ލިސްޓެކެވެ.
ދުނިޔޭގެ 180 ގައުމެއް ހިމެނޭ އިންޑެކްސްގައި 2020 ވަނަ އަހަރު ރާއްޖެ އޮތީ ލިބުނު 43 ޕޮއިންޓާ އެކު 75 ވަނައިގަ އެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. އެހެންކަމުން މިދިޔަ އަހަރުގެ އިންޑެކްސް އާންމުކުރި އިރު ރާއްޖެ އޮތީ 85 ވަނައިގަ އެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއާ އެކު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމަށް ރާއްޖޭގައި ފުރުސަތު އެބައޮތް ކަމަށެވެ. އެކަން ފާހަގަކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ބައެއް މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެވުނު ނަމަވެސް ދައުލަތުގެ މުވައްޒަފުންނާ ސިޔާސީ ބޭފުޅުން ޒިންމާދާރު ނުކުރެވޭތީ ކަމަށް ބުނެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ގާނޫނުތަކެއް ހަދާފައިވީ ނަމަވެސް އަމަލުކުރުމާއި ތަންފީޒު ކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުން ފަހަތަށް ޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން މުއްސަނދި މަދު ބައެއްގެ ބޭނުމަށް ގިނަ ބައެއް ހައްގުތައް ނަގާލެވިގެންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އަޅައި ހައްލުތަކެއް ހޯދުމަށް ގޮވާލާފައިވެ އެވެ.
ސީޕީއައިގެ ޝިއާރުން އެނގޭ ގޮތުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުން ވެސް ކޮރަޕްޝަނަށް މަގުފަހިކޮށްދެ އެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތުން އިންސާނީ ހައްގުތަކަށް އިހްތިރާމުކޮށް ރައްކާތެރިކުރަންޖެހޭ މިންވަރަށް އެކަން ނުކުރެވޭތީ އެކަމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރުވުމުން ބަރީއަވުމަށް ވެސް މަގުފަހިކޮށްދޭ ކަމަށް ބަޔާނުގައިވެ އެވެ.
"އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތަށް ހުރި ބޮޑު ހުރަކަށް ވާއިރު ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުންނަށް ހުރި ހުރަކަށްވެސް ވެއެވެ. ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމަށާއި ކޮރަޕްޝަން ނައްތާލައި ކޮރަޕްޓް ފަރާތްތައް ހިމާޔަތްކޮށް ބާރުވެރިކުރާ ވިހާ ނިޒާމު ނައްތާލުމަށް ސިޔާސީ އެއްބާރުލުން ވަރަށްވެސް މުހިއްމެވެ." ބަޔާނުގައިވެ އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ހުސްކަމެއް މިވަގުތު އުފެދިފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުން އެންމެ އަވަސް ގޮތެއްގައި އާ މެންބަރުން ކޮމިޝަނަށް އައްޔަންކޮށް އޭސީސީގެ ޕާފޯމަންސް އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ރިއާޔަތްކޮށް ހައްލު ހޯދުމަށްވެސް ގޮވާލާފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަންގެ މައްސަލަތަކުގައި ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންނެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ހިނގާ ކަމަށާއި އަދި އެފަދަ ބައެއް މައްސަލަތަކުގައި މިސަރުކާރުން ވެސް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ.