ބަޔަކު އޭނާ އަށް ފުރައްސާރަ ކުރިޔަސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ދެއްވާނެ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކައިރިން އެމްޑީޕީގެ މެމްބަރުންތަކެއް ޒަމީރު ހުއްޓުވައި އިއްޔެ ރޭ ވަނީ ފުރައްސާރަކޮށްފަ އެވެ.
ބަޔަކު އޭނާއަށް ފުރައްސާރަކޮށްފައިވަނީ މޭޔަރު މުއިއްޒު އާއި އެކު މަސައްކަތް ކުރައްވާތީ އެވެ. ޒަމީރަށް ބަޔަކު ފުރައްސާރަ ކޮށްފައިވާތީ މުއިއްޒު ވަނީ އެ އަމަލު ކުށްވެރި ވެސް ކުރައްވާފަ އެވެ.
ޒަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މުއިއްޒު ކުރައްވާ މަސައްކަތްތަކަށް އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށެވެ.
ވަކިން ހާއްސަކޮށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދެވުމަށް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އޭނާގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށްވެސް ވިދާޅުވި އެވެ. ބަޔަކު ފުރައްސާރަ ކުރިޔަސް ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ޒަމީރަކީ މިދިޔަ ދައުރުގައި ކައުންސިލަރުކަން ކުރެއްވި އެމްޑީޕީގެ ކައުންސިލަރުންގެ ތެރެއިން މިދައުރަށް އިންތިހާބުވި ހަމައެކަނި ކައުންސިލަރެވެ.