އަހުމަދު އުޝާމް

"ސަރުކާރުގެ ކޮރަޕްޝަން ބެލޭނެ ގޮތެއް ނެތް"

މި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

އުޝާމްގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒު ކުރެއްވީ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅުއްވައިގެން ތަހުގީގު ކުރެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ އެމްޑީޕީން އިން ވަރަށް ރޭވުންތެރިކަމާއެކު މަޖިލިސް ރިސެސް ދުވަސްވަރު ދައުރުން ބޭރު ޖަލްސާ ބާއްވައިގެން އޭސީސީ އޮތީ ގާނޫނީ ހުސް ކަމަކަށް ދުއްވާލާފައި ކަމަށެވެ. އޭސީސީއަށް މެންބަރުން އައްޔަން ކުރުން އަވަސް ކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

"މި ސަރުކާރުން ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ގޮތެއް ނެތް،" އުޝާމް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅުއްވައިގެން ތަހުގީގު ކުރެއްވުމަށް އެދިވަޑައިގެންފައިވަނީ ދޮށީ ދަރިކަލުންނާ ގުޅުވާ އެކަމަނާއަށް ކުރައްވާ ތުހުމަތުތަކާއި ގުޅިގެން މިއަދު ކުރެއްވި ފޭސްބުކް ފޯސްޓެއްގައެވެ. މިނިސްޓަރުގެ ދޮށީ ދަރިކަލުން އިނގިރޭސިވިލާތުން ގެއެއް ބައްލަވައިގެންފައިވާ ކަމަށް ބުނެ އެ މުއާމާލާތަށް ފައިސާ ހޯދި ގޮތަކާ ގުޅޭ ގޮތުން ބައެއް ފަރާތުން ދަނީ ތުހުމަތު އުފައްދާ ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ދަރިކަލުންގެ އުމުރުން 40 އަހަރުވެފައިވާއިރު އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއްވެސް މިހާތަނަށް އަދާކުރި އަދި އަދާކުރަމުން ނުދާ ކަމަށެވެ. އެއީ އިނގިރޭސިވިލާތުގައި މަސައްކަތް ކުރަމުންދާ ގާނޫނީ ވަކީލެއްކަން ފާހަގަ ކުރައްވާ ދަރިކަލުންގެ އާމަދަނީ މި ސަރުކާރާ ގުޅުވާ އިންތިހާބުތަކާ ދިމާކޮށް އެ ވާހަކަތައް ނެރެ އެކި ސުރުހީތައް ހެދުމަކީ ދެރަ ކަމެއް ކަމަށެވެ.

މާރިޔާ ވަނީ އެކަމަނާއަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އޭސީސީއަށް ހުށައަޅުއްވައިގެން ތަހުގީގު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

"އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލެއް ކަމަށްވާ އަޅުގަނޑުގެ 40 އަހަރުވީ ދަރިއެއްގެ މަސައްކަތާ އޭނާގެ އާމްދަނީ މިސަރުކާރާ ގުޅުވާ އިންތިހާބުތަކާ ދިމާކޮށް ހަދާ ސުރުހީ އަކަށް ވުމަކީ ދެރަަ ކަމެއް. ކޮރަޕްޝަންގެ ތުހުމަތެއް އަޅުގަނޑަށް ކުރައްވާނަމަ އެކަމެއް އޭސީސީ އަށް ހުށަހަޅުއްވާ ތަހުގީގު ކުރައްވާ. އަޅުގަނޑު ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނޫނީ ވަޒީފާ އެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއް ނޫން؛ ފެށުނީއްސުރެ ރާއްޖޭން ބޭރުގައި އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް،" މާރިޔާ ވިދާޅުވިއެވެ.