މާރިޔާ އަހުމަދު ދީދީ

ސަމަދަށް ހަޖޫޖެހުމުން މާރިޔާ ހޫނުފެނަށް

Feb 18, 2023
2

އިދިކޮޅު ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާ އިން ޑީޕޯޓްކޮށްލުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ސަމަދަށް ޖޯކު ޖެއްސެވުމުން މާރިޔާއަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އަވަށްޓެރި ގައުމެއްގެ އަސްކަރިއްޔާ އަށް ގޮންޖެއްސެވުމަށްފަހު އިންޑިއާ އަށް ދުރުވި ސަމަދަކީ "އިންޑިއާ އައުޓް" ހަރަކާތުގެ ކުރީސަފުގައި ޖަޑިބަކަށް ހުންނެވި ބޭފުޅެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ސަމަދު ހުންނެވީ ފިނި ކޮޓަރިއެއްގައި ކަމަށާއި އެކަމަކު ރާއްޖެ އައި ގޮތަށް ކީރިތި ކުރެއްވީ ކަމަށެވެ.

"މިވަރު މީހުން މި އުޅެނީ،" ސަމަދަކީ ފިނޑި ބޭފުޅެއްގެ ކަމަށް ސިފަކުރައްވަމުން މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަތަކާ ގުޅިގެން ސިޔާސީ ބައެއް ބޭފުޅުންނާއި ސަލާމަތީ ހިދުމަތްތަކުގައި ކުރިން ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ވަނީ މާރިޔާ އަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ވިދާޅުވީ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށެވެ.

"އޭގެބަދަލުގަ ފުރައްސާރަކޮށް މަލާމަތްކުރުމުން އެގެނީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު. މިވަރުގެ މީހުން ވަޒީރު ކަމުގައި ބައިތިއްބަން ހެޔޮނުވާނެ،" ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އުޝާމު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ބޭސްފަރުވާއަށް އަަވަށްޓެރި ގައުމުތަކަށް ދާންނުޖެހޭ މިންވަރަށް ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީނުކޮށް ތިބެ، ދިވެހިންނަށް އެ ގައުމުތަކުގައި ދިމާވާ ފުރައްސާރައާއި ޖެއްސުން ދިފާއުވާފަދަ ގޮތަކަށް މިސަރުކާރުގެ އިސްވެރިން ވާހަކަދެއްކެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ޕީޕީއެމް އަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އިންޑިއާ އާއި އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާ ގުޅިގެން ގައުމަށް ޣައްދާރުވުމުގެ ދައުވާ މިނިސްޓަރު މާރިޔާގެ މައްޗަށް އުފުލޭނެ ކަމަށެވެ. ދިވެހި ގައުމަށް ހިތުހުރިހާ ގޮތެއް ހަދަން މާރިޔާ އަށް ދެން އޮތީ މަދު މަސްކޮޅެއް ކަންވެސް މުއާޒު ވަނީ ހަނދާންކޮށްދީފަ އެވެ.

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ މާރިޔާގެ ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. މާރިޔާ ދެއްކެވި ވާހަކަތަކުގެ ސަބަބުން މާރިޔާގެ "ކެރެކްޓާ"އާ މެދު ސުވާލު އުފެދޭ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ. އޭގެފަހުގައި އިހްސާން ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އުޅުއްވި ބޭފުޅަކަށް ހަޖޫޖައްސަވައި ބޭރުގެ އަސްކަރިއްޔާ އަކަށް ސަނާ ކިޔުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފާޑުކިޔުންތަކަށް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައްދުވެސް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އަޅުގަނޑުމެން ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗެއް ގޮވައިގެން ނުވާނެ ކަމަށެވެ. އެގޮތަށް ހިތުހުރި އެއްޗެއް ގޮވުމަށްފަހު އެ ގައުމުން ދިއުމުން އެ ރޯންޖެހޭ ރުއިން ފެނި، އެފަދަ ކަމެއް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައިވެސް އެ ވާހަކަ ދައްކަން ކެރެންޖެހޭނެ ކަމަށެވެ.

ސަމަދު ޑީޕޯޓްކޮށްލީ އާއިލާއާ އެކު ބޭސްފަރުވާ އަކަށް އިންޑިއާގެ ބެންގަލުރޫގެ މަނިޕާލާ ހޮސްޕިޓަލްގައި ހުއްޓާ ހައްޔަރުކުރުމަށްފަހު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިން ހަތަރު ދުވަހަކު ބެހެއްޓުމަށްފަހު އެވެ. ރާއްޖެ އައުމަށްފަހު ސަމަދު ވިދާޅުވީ އިންޑިއާ އިމިގްރޭޝަނުން އޭނާއާ މެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އަދި އޭނާގެ ހަމައެކަނި ކުށަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުން ކަމަށްވެސް ވިދާޅުވި އެވެ.