ޕީޕީއެމް

ސަމަދަށް ޖޯކު ޖެހުން ޕީޕީއެމް އިން ކުށްވެރިކޮށްފި

Feb 18, 2023
1

އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތްކުރެއްވުމުން އެ އަމަލު އިދިކޮޅު ޕީޕީއެމް އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާރިޔާގެ އަމަލަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ ސަރުކާރު ރުއްސުމަށްޓަކައި ދިވެހި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރުމަށް ކުރެއްވި ކަމެއް ކަމަށްވެސް ސިފަކޮށްފައިވެ އެވެ.

ސަމަދަށް ޖޯކު ޖައްސަވާ މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށްވެސް ޕީޕީއެމް އިން ވަނީ މާރިޔާއަށް ގޮވާލާފަ އެވެ.

ޕީޕީއެމް އިން ބުނީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މި ގައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބޭފުޅުން ކަމަށެވެ. އަދި އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިހްލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާންކޯރު ނުވާނެކަމާއި ކޮންމެ ވަގުތަކުވެސް ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ނުކުންނަވާނެކަން އިދިކޮޅު ކޯލިޝަނުން ޔަގީންކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

"ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާއީ ވަޒީރުކަމުގައި ހުންނެވުން އެއީ މިސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށްދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި، އަދި ނުއަގުގައި ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މިސަރުކާރުން ހިންގަމުން ގެންދާ އަމަލުތަކެއް ކަމަށެވެ.

"މިކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް މިފުރުސަތުގައި ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.