ލައިފްސްޓައިލް

ކެންސަރު ޖެހިފައިވާ ޒުވާނެއްގެ ދީލަތި އެހީ ކުޑަ ކުއްޖަކަށް

އިނގިރޭސި ވިލާތުގެ ވޭލްސްގައި ދިރިއުޅޭ ރީސް ލެންގްފޯޑަކީ ކެންސަރާ ހަނގުރާމަ ކުރަމުންދާ 19 އަހަރުގެ ޒުވާނެކެވެ. ރީސް އަށް ޖެހިފައިވަނީ އޮސްޓިއޯސާކޯމާ ކިޔާ ބާވަތެއްގެ ކެންސަރެކެވެ. މިއީ ކަށިތައް އުފެދުމަށް ބޭނުންވާ ސެލްތަކަށް ޖެހޭ ކެންސަރެކެވެ. ރީސް އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2020ގެ އޮކްޓޯބަރު މަހު އެވެ.

ކެންސަރު މުޅި ހަށިގަނޑަށް ފެތުރި މިހާރު މި ޒުވާނާ މިހާރު ވަރަށް ބައްޔެވެ. ޑޮކްޓަރުން ބުނެފައިވަނީ އޭނާ ދިރި ހުއްޓަސް ހުންނާނީ ދެ ތިން ހަތަރު މަހަކު ކަމަށެވެ.

އުމުރުން 18 އަހަރުގައި ޖެހުނު ކެންސަރަށް ރީސް ވަނީ ވަރަށް ގިނަ ފަރުވާ ކޮށްފަ އެވެ. އެގޮތުން ކީމޯތެރަޕީގެ ފަރުވާ ހޯދާތާ ވެސް 16 މަސް ދުވަސް ވެއްޖެ އެވެ.

މި ހާލުގައި އޭނާ އޮއްވާ ކުޑަ ކުއްޖަކަށް ކެންސަރު ޖެހި އެހީއަށް ބޭނުންވެފައިވާކަން އެނގުމުން އެ ކުއްޖާ އަށް އެހީވާން ގަސްތުކުރީ އެވެ. އަދި މިހާރު ރީސް ވަނީ މުޅި އުމުރު ދުވަހު އެއްކުރި ފައިސާ ކެންސަރު ޖެހިފައިވާ ހަ އަހަރުގެ މި ކުޑަ ކުއްޖާ ޖޭކަބް ޖޯންސް އަށް ހަދިޔާކޮށްފަ އެވެ.

ރީސްގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު އެ ކުޑަ ކުއްޖާގެ ޚަބަރު ނޫހަކުން ކިޔާފައި އެ ކުއްޖާއަށް އެހީވާން ނިންމީ އެވެ.

"އެއް ދުވަހަކު އަހަރެންގެ ދަރިފުޅު އަހަންނަށް ގޮވާފަ އާދެބަލާށޭ ބުނީމަ ދިޔައިރު އޮތީ ރޯން. އެ ކުޑަ ކުއްޖާ އަށް ކެންސަރު ޖެހި ތަހައްމަލު ކުރާ ވޭންތަކުގެ ވާހަކަ ކިޔާފައި އޭނާ މާބޮޑަށް ދެރަވީ. އަދި އަތުގައި ހުރި ހުރިހާ ފައިސާ ކުއްޖާއަށް ދޭން ބޭނުމީ ރީސް އެ ދުވަހު ބުނި. ދަރިފުޅު ބުނި ކޮންމެ ގޮތެއް ހަދާފައި ވެސް މި ކުޑަކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިއްޖިއްޔާ ވަރަށް އުފާވާނޭ. ތިމާގެ ފުރާނަ މަރުގެ ތުންފަތްމަތީގައި އޮތްއިރުވެސް އެހެން ކުއްޖަކާ ދޭތެރޭ އޭނާ ވިސްނީތީ ޚުދް އަހަރެން ވެސް ވަރަށް ބޮޑަށް ހައިރާންވި،" ރީސްގެ މަންމަ ބުންޏެވެ.

ރީސް މިހާރު ވަނީ ޖޭކަބްގެ ނަމުގައި ގޯފަންޑްމީ ޕޭޖް އެއް ވެސް ހުޅުވާދީފަ އެވެ. އެ ޕޭޖްގައި ރީސް ލިޔެފައިވާ ގޮތުގައި އޭނާ ދެން މި މަރުވަނީ ކަމާއި އިތުރަށް ދެވޭނެ ފަރުވާއެއް ނެތްކަން އޭނާއަށް އެނގެ އެވެ. އެހެންވެ އޭނާގެ އެންމެ ފަހުގެ އެއް އެދުމަކީ ޖޭކަބް އަށް އެހީތެރިވެ އޭނާގެ ފުރާނަ ސަލާމަތްކޮށްދޭން އެންމެން ވެސް މަސައްކަތް ކުރުން ކަމަށް ރީސް ލިޔެފައި ވެއެވެ.