ބޮލީވުޑް

"ޖެއި ބިމް" – އިންޑީޔާގެ އޮސްކާ އުންމީދު!

ސައުތު އިންޑިޔާގެ ސުޕަސްޓާރު ސޫރިޔާގެ "ޖެއި ބިމް" އަށް އިންޑިޔާގެ އެކި ކަންކޮޅުތަކުންނާއި ދުނިޔޭގެ ގިނަ ގައުމު ތަކަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އިންޑިޔާއިން މިފަހަރު އޮސްކާއަށް ހުށަހަޅަން ޝޯޓްލިސްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނެ އެވެ. އަދި މިހާތަނަށް ވަރަށް ގިނަ އެވޯޑުތައް އެކި ފިލްމު ފެސްޓިވަލުތަކުގައި ފިލްމަށް ލިބިފައި ވެއެވެ.

ދާދިފަހުން ބޭއްވި ނައިންތު ނޮއިޑާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2022 ގައި ވެސް މި ފިލްމަށް ތިން އެވޯޑެއް ލިބުނެވެ. އެއީ ސޫރިޔާ އަށް ލިބުނު އެންމެ މޮޅު ބަތަލުގެ އެވޯޑާއި ލިޖޯމޯލް ޖޯސްއަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑު އަދި އެންމެ މޮޅު ފިލްމުގެ އެވޯޑެވެ.

ފިލްމުތަކަށް ރޭޓިންގް ދޭ އައިއެމްޑީބީގައި "ޖެއި ބިމް" ގެ ރޭޓިންގް އުޅެނީ ހޮލީވުޑް ކްލެސިކް "ޝޯޝެންކް ރިޑެމްޕްޝަން" އަށް ވުރެ ވެސް ކުރީގަ އެވެ. މި ފިލްމަށް 9.3/10 ލިބިފައި ވެއެވެ. މިއީ މިހާތަނަށް އިންޑިޔާގެ އެއްވެސް ފިލްމަކަށް އާދެވިފައި ނުވާ ހިސާބެކެވެ.

"ޖައި ބިމް" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ގަބީލާއެއްގެ ބަޔަކަށް ދިމާވި މައްސަލައެއް ހައްލު ކޮށްދޭން ވަކާލާތުކުރާ ވަކީލެއްގެ ވާހަކަ އެވެ. ވަކީލުގެ ރޯލު ކުޅެފައިވަނީ ސޫރިޔާ އެވެ.

މި ފިލްމަކީ ރާޖާކަންނޫ އާއި ސެންގެނީގެ ހަޔާތުގެ ސަފުހާ ތަކެކެވެ. ވައްކަމެއްގެ ތުހުމަތުގައި ރާޖާކަންނޫ ފުލުހުންގެ ކަސްޓަޑީއަށް ގެންގޮއްސަ ހުއްޓާ އެތަނުން އޭނާ ވީނުވީއެއް ނޭނގި ގެއްލެނީ އެވެ. އޭނާގެ އަންހެނުން ސެންގެނީ އޭރު ބަނޑުބޮޑެވެ. ދެން ފިލްމުގައި ފެނިގެން ދަނީ ސެންގެނީ އޭނާގެ ފިރިމީހާ ހޯދަން ކުރާ މަސައްކަތެވެ.

މި ފިލްމު އެމެޒޯން ޕްރައިމް ވީޑީއޯއިން ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު އެވެ.