ބޮލީވުޑް

އޮސްކާ ލިބޭ ފުރަތަމަ އިންޑިއާ ފިލްމަކަށް "އާރްއާރްއާރް" ވެދާނެބާ؟

ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ އަކީ ފާއިތުވީ 2022 ވަނަ އަހަރުގެ އެންމެ ކާމިޔާބު ޑައިރެކްޓަރެވެ.

އޭނާ ޑައިރެކްޓްކުރި "އާރްއަރްއާރް" އަށް ބޮޑު ކާމިޔާބެއް ލިބުނީ ހަމައެކަނި އިންޑިޔާގައެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް އެ ފިލްމު ވަރަށް ކާމިޔާބެވެ. އަދި ރާޖާމޯލީ އަކީ ވަރަށް މޮޅު ޑައިރެކްޓަރެއްގެ ގޮތުގައި ދުނިޔެ ވަނީ ބަލައިގެންފަ އެވެ.

މި ފިލްމުގައި ހިމެނޭ ނެށުންތަކާއި މަންޒަރުތައް ފުރިހަމަވެފައި ތަޅާފޮޅާ މަންޒަރުތައް ވެސް އެހާމެ މޮޅެވެ. ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރްގެ މި ފިލްމަށް ދުވަހަކުވެސް އިންޑިޔާ ފިލްމަކަށް ނުލިބޭ ވަރުގެ މަގާމެއް ލިބިފައިވަނީ ރާޖާމޯލީގެ ކުޅަދާނަކަމުންނެވެ.

ބައިނަލްއަގުވާމީ ތަރިންނާއި ފަންނާނުން ވެސް ގަބޫލުކުރާ ގޮތުގައި "އާރްއާރްއާރް" އަކީ އޮސްކާ އެވޯޑު ލިބޭ ފެންވަރުގެ ފިލްމެކެވެ. މި ފިލްމު އޮސްކާ އެވޯޑަށް ނޮމިނޭޓްކުރަން ހޮވިފައިވާ އިންޑިޔާ ފިލްމުތަކުގެ ތެރޭގައި ވެސް ހިމެނިފައި ވެއެވެ. މި ފިލްމުގެ އިތުރުން ދެން އޮސްކާއަށް ނޮމިނޭޓްކުރަން ހޮވިފައިވަނީ "ދަ ކަޝްމީރު ފައިލްސް" އާއި "ކަންޓާރާ" ކިޔާ ފިލްމެކެވެ.

"އާރްއާރްއާރް"ގެ މޮޅު ވާހަކަ ބޮލީވުޑްގެ އިތުރުން ހޮލީވުޑް ފަންނާނުން ވެސް ދައްކަމުންދާއިރު ހޮލީވުޑް ޕްރޮޑިއުސަރެއް ކަމަށްވާ ޖޭސަން ބްލަމް ވެސް ވަނީ "އާރްއާރްއާރް" އަށް އޮސްކާ އެވޯޑު ހައްގު ކަމަށް ބުނެފަ އެވެ.

ހޮލީވުޑްގެ ފިލްމު އުފައްދާ ބްލަމްގެ އަމިއްލަ ސްޓޫޑިއޯ ބްލަމްހައުސްއިން ޕްރޮޑީއުސްކުރި "ގެޓް އައުޓް" މީގެ ކުރިން އޮސްކާ އެވޯޑަށް ނޮމިނޭޓް ވެފައި ވެއެވެ. އަދި "ޕަރަނޯމަލް އެކްޓީވިޓީ" އާއި "އިންސައިޑިއަސް" ފަދަ ފިލްމުތަކަކީ ވެސް އެ ސްޓޫޑިއޯ އިން އުފައްދާފައިވާ ފިލްމުތަކެވެ.

ބްލަމް ގަބޫލުކުރާ ގޮތުގައި މިފަހަރުގެ އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ރާޖާމޯލީގެ "އާރްއާރްއާރް" އަށް ލިބޭނެކަމަށް އޭނާއަށް ޔަގީނެވެ.

"އަހަރެން ބުނާނީ މިފަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ލިބޭނީ 'އާރްއާރްއާރް" އަށޭ. އަހަރެން އެންމެ ކުރިން މިހެން މިބުނީ. ބަލަން ތިބޭ އަހަރެން ބުނި ގޮތް ދިމާވާނެ،" ބްލަމް ކުރި ޓުވީޓެއްގައި ވެއެވެ.

"އާރްއާރްއާރް"ގައި ހިންދީ ފިލްމު ތަރިންގެ ތެރެއިން އަޖޭ ދޭވްގަން އާއި އާލިއާ ބަޓް، ޝްރިޔާ ސަރަން ފަދަ ތަރިން ވެސް ބައިވެރިވެފައި ވެއެވެ.

އިންޑިޔާގެ ގިނަ ބަޔަކު ވެސް ގަބޫލުކުރަނީ ދުވަހަކުވެސް ފިލްމްކަށް އޮސްކާ އެވޯޑެއް ލިބޭނެނަމަ މިފަހަރު "އާރްއާރްއާރް" އަށް އެ އެވޯޑު ލިބޭނެ ކަމަށެވެ.