އެފްރިކަން ކަޕްގެ ކުއާޓާ ފައިނަލަށް މޮރޮކޯ އާއި ސެނެގޯލް ދަތުރު ކޮށްފި އެވެ.
ރޭ އެފްރިކަން ކަޕްގެ ރައުންޑް އޮފް 16 ގައި ސެނެގޯލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ކެޕްވާޑޭ އާއި ވާދަ ކޮށް 2-0 އިން ކުރި ހޯދައިގެނެވެ. މި މެޗުގައި ކެޕްވާޑޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އަނިޔާވެރި ކުޅުމެކެވެ. އެގޮތުން ރޭ ކެޕްވާޑޭގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ވެސް ދެއްކި އެވެ. ފުރތަމަ ރަތްކާޑު ފެނިގެން ދިޔައީ މެޗުގެ 21 ވަނަ މިނެޓުގަ އެވެ. އެއާއެކު ކެޕްވާޑޭގެ ޓީމު ކުޅެމުންދިޔައީ 10 ކުޅުންތެރިންނާއެކު އެވެ.
ފުރަތަމަހާފުގައި އެކަނި ވެސް ސެނެގޯލް އިން ވަނީ 10 ހަމަލާ ކެޕްވާޑޭގެ ގޯލަށް އުފައްދާފަ އެވެ. ނަމަވެސް އެ ހާފު ނިމިގެން ދިޔައީ ދެ ޓީމުކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ސެނެގޯލް އިން ދެވަނަ ހާފު ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ސެނެގޯލް އިން މެދުކެނަޑުމެއްނެތި އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމަށް ކެޕްވާޑޭ ގެ ކުޅުންތެރިންނަށް އިތުރު ފައުލުތައް ކުރަން މަޖުބޫރު ވިއެވެ. އެފަދަ ހަމަލާއެއް ހިފަހައްޓަން އުޅުމުގެ ތެރޭގައި ކެޕްވާޑޭގެ ފަރާތުން ފެނިގެންދިޔަ ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ.
ނުވަ ކުޅުންތެރިންނާއެކު ކުޅެންޖެހުމުން ކެޕްވާޑޭގެ ކުޅުން އިތުރަށް ގޯސްވި އެވެ. ދެވަނަ ރަތް ކާޑު ދެއްކިތާ މާގިނައިރު ތަކެއް ނުވެ ސެނެގާލްގެ ކެޕްޓަން ސާދިއޯ މާނޭ ވަނީ ސެނެގޯލްގެ ފުރަތަމަ ލަނޑު ޖަހާ ލިޑު ނަގާފަ އެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 63 ވަނަ މިނެޓުގަ އެވެ. ލަނޑަށް ފަހު ކެޕްވާޑޭގެ ކުޅުން ތެރިޔަކު ކުރި ފައުލަކާއި ގުޅިގެން ހާނިއްކަވެ މާނޭ ވަނީ ބަދަލު ކޮށްފަ އެވެ. މީގެ އިތުރުން ރޭގެ މެޗުގައި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު ކަމަށް މިހާރު ބެލެވިފައިވާ ކީޕަރު އެޑުއަޑް މެންޑީ ވެސް ކުޅެފައި ވެއެވެ.
އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެމިނެޓުގެ ތެރޭގަ އެވެ.
އެފްރިކަން ކަޕުގެ ގަދަ 16 ގައި ރޭ މަލާވީ އަދި މޮރޮކޯ ވާދަ ކުރި މެޗުން ފަހަތުން އަރައި މޮޅުވެ މޮރޮކޯއިން ވަނީ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗު މޮރޮކޯއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު ކުއާޓާ ފައިނަލުގައި މޮރޮކޯއިން ވާދަ ކުރާނީ ސެނެގޯލް އާ އެވެ.
ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ ވެސް މޮރޮކޯއެވެ. އެގޮތުން މޮރޮކޯ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެގެން އިތުރު ވަގުތުގަ އެވެ. ދެ ވަނަ ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ.