ހަބަރު

ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެދަނީ އެކަހެރި ވަމުން: އަދާލަތު

ގޮތްދޫ ނުކުރުމާއި ހަރުދަނާ ހާރިޖީ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ބައިނަލް އަގްމާވީ މުޖުތަމައުގައި ރާއްޖެ އެކަހެރިވަމުން އަންނަ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ޓްވިޓާގެ ތެރެއަށް އެ ޕާޓީން މިއަދު ދޫކޮށްލި ނޫސް ބަޔާނެއް މެދުވެރިކޮށް ބުނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގުމުގައި މިސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ސަރުކާރުގެ ވިސްނުން ބަދަލުކޮށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދިވެހި ރައްޔިތުންނާއި ގައުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެދާނެ ކަމަށް ވެސް އެ ބަޔާން ބުނެ އެވެ.

ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެއާ މެދު އުފެދިފައިވާ ނުތަނަވަސްކަން ގުޅެނީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި އިންސާފު ގާއިމްކުރަން ހުރަސް އެޅިފައިވާ މައްސަލާގައި ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ސިފަކޮށްފައި ވެއެވެ. އަދި ބުނެފައި ވަނީ މި މައްސަލައަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ މައްސަލައަކަށް ވާތީ އިސްލާމް ދީން ވާޖިބު ކުރާފަދަ އަދުލުވެރި، އިންސާފުވެރި، އަބުރުވެރި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މިނިވަން ޝަރުއީ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރަށާއި ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެޕާޓީން ގޮވާލާ ކަމަށެވެ. -- މިއީ މީގެ ކުރިން ވެސް ބަޔާންތައް މެދުވެރިކޮށް އެ ޕާޓީން ގޮވާލާފައިވާ ގޮވާލުމެކެވެ. --

ބަޔާން ނިންމާލަމުން އަދާލަތުން ބުނެފައި ވަނީ ބޭރުގެ ބާރުތަކުގެ މަސްލަހަތުތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އަމާޒަކަށް ވާންޖެހޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުން ކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވެއްދުމަކީ ސަރުކާރުން އަޅާ ގޯސް ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން ގައުމުތަކުގެ ސަލާމަތާއި އިގްތިސާދީ ކުރިއެރުން އެންމެ ބޮޑަށް ބިނާވެފައިވާ އެންމެ މުހިއްމު އެއް ރުކުނަކީ ހާރިޖީ ސިޔާސަތު ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.