މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ގަވައިދުން ނުނެރޭ 52 ނޫހެއް އުވާލަން ތައްޔާރުވަނީ

Jan 26, 2022

ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން ގަވައިދުން ނުނެރޭ ނޫސްތައް އުވާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ނޫސްތަކާއި މަޖައްލާތައް ރާއްޖޭގައި ހިންގާނަމަ ރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ ގާނޫނީ ޒިންމާ އޮންނަނީ ހޯމް މިނިސްޓްރީ އަށެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ތެރެއިން ގަވައިދުން ނުނެރޭ ނޫސްތަކުގެ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ.

ލިސްޓްގައި 52 ނޫހެއް ހިމެނޭއިރު ގިނައީ ރަށްރަށުގެ ލެވަލްގައި ހިންގާ ކުދި ނޫސްތަކެވެ. ނަމަވެސް ކުރިން ގަވައިދުން ނެރުމަށްފަހު ބައެއް ސަބަބުތަކާ ގުޅިގެން ހުއްޓާލާފައި ނޫސްތަކެއް ވެސް ލިސްޓްގައި ހިމެނެ އެވެ.

ހޯމް މިނިސްޓްރީން ނެރެފައިވާ ލިސްޓްގައި ހިމެނޭ ނޫސްތަކަކީ 2019 އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކެކެވެ.

މިނިސްޓްރީން ބުނީ ގަވައިދުން ނުނެރޭ ނޫސްތަކާއި މަޖައްލާ އުވާލާނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ގަވައިދުން ނުނެރޭ ގިނަ އަދަދެއްގެ ނޫސް އުވާލާނެ ކަމަށް މިނިސްޓްރީން ބުނެފައި މިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބާ ދިމާކޮށް ކޮންމެ ފަހަރަކުވެސް އެފަދަ ނޫސްތަކުގެ ޕްރޮކްސީ ހޯދައިގެން ބައެއް ފަރާތްތަކުން އެ އިންތިހާބު ކޮންޓްރޯލް ކުރުން އާންމުވެ އެކަމުގެ ކަންބޮޑުވުން ބައެއް ބޮޑެތި ނޫސްތަކުން ފާޅުކުރަމުންދާތާ އެތައް އަހަރެއް ފަހުންނެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގައި ވޯޓުލުމުގެ ހައްގު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ނޫހަކަށް ލިބެ އެވެ.