ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގައި އިންތިހާބު ވެގެން ތިއްބަވާ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އިންތިހާބުގައި ވޯޓުލާ މީހުންގެ ދަފްތަރެއް ޖެންޑާ މިނިސްޓްރީން އެކުލަވާލާއިރު އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކައުންސިލް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކާއި ޖެންޑާ މިނިސްޓްރީން އައްޔަންކުރާ މެންބަރަކާއި މެޑިކަލް ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި ހަތަރު މެންބަރަކާ އެކު ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ.
އިންތިހާބުކުރާ ހަތަރު މެންބަރުން ތަމްސީލް ކުރާ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
- ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް
ކައުންސިލްގެ ތިންވަނަ ދައުރަށް މެންބަރުން ހޮވުމަށް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 22 ވަނަ ދުވަހު އެވެ.
ފަސް އަހަރުގެ ދައުރަކަށް މެންބަރުން ހޮވާއިރު މިއަހަރު އިންތހާބު ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދެއް ޖެންޑާ މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ. މީގެކުރިން މެންބަރުން ހޮވިއިރު އެފަދަ ގަވައިދެއް އެކުލަވާލާފައެއް ނުވެ އެވެ.
ނުކުޅެދޭ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ "ރިހިވެލި" އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ދޭ އެވޯޑެކެވެ.