ހަބަރު

ޖަލުގައި އޮންނަން އުނދަގޫ، އެކަމަކު ނުކުންނާނީ ވަރުގަދަވެގެން: ނަޝީދު

އެކަނި ޖަލުގައި ވަގުތު ހޭދަކުރައްވަން ޖެހުމަކީ އުނދަގޫ އަދި ހިތާމަހުރި އެކަނިވެރި ކަމެއް ކަމަށާއި ނަމަވެސް ދެން ނުކުމެ ވަޑައިގަންނަވާނީ ކުރިޔަށްވުރެ ވަރުގަދަވެގެން ކަމަށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އާއިލީ ބައްދަލުވުމަކަށްފަހު އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ. ނާޝިދު އެ އެ މެސެޖް އާންމު ކުރައްވާފައި ވަނ ޓްވިޓާގަ އެވެ.

ނަޝީދާ ހަވާލާ ދެއްވާ ނާޝިދު ކުރެއްވި ޓްވީޓްގައި ވެއެވެ: "ޖަލުގައި އޮންނަން ޖެހުމަކީ އުނދަގޫ، ހިތާމަހުރި އެކަނިވެރި ކަމެއް ކަމެއް، ޖަލުން ދެން ނުކުންނާނީ ކުރިއަށް ވުރެ ވެސް ވަރުގަދަ މީހެއްގެ ގޮތުގައި،"

ރައީސް ނަޝީދު މިއަދު އެމަނިކުފާނުގެ އާއިލާއާ ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު އަދި ބޭބޭފުޅު ޑރ އިބްރާހީމް ނާޝިދާއި، ކޮއްކޯފުޅު ނާޒިމް ސައްތާރާއި، ރައީސް ނަޝީދަށް ބޮޑު ބޭބެ ވިދާޅުވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ޖަލުގައި ހުންނަވައިގެން ސިޔާސީ މެސެޖްތައް ނެރޭ މައްސަލާގައި ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ މީގެ ކުރިން އަމާޒުވެފައެވެ.

ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކުރައްވަމުންދާއިރު އިސްތިއުނާފުގެ މައްސަލަ މާދަމާ ސްޕްރީމް ކޯޓަށް ވެއްދުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރަމުންދާކަން ވަކީލުން ވަނީ ހާމަކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ރައީސް ނަޝީދު އަމިއްލަފުޅަށް ނިންމަވާފައިވާއިރު މި ނިންމުމަށް ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ. އިސްތިއުނާފުގެ މަރުހަލާގައި ރައީސް ނަޝީދުގެ އަދަބު ލުއިވެގެންދާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދެކެއެވެ.