މާލޭ ސިޓީ ކައުންސިލް

އަރަބިއްޔާގެ ބިމުގެ މައްސަލައިގައި ހިޔާލު ހޯދުމުގެ ބައްދަލުވުން ނުބޭއްވިފައި

Jan 26, 2022

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ހުރި ބިން ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގައި މައްޗަށްގޯޅި އަވަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމި ބައްދަލުވުން ބޭއްވުން ލަސްވަނީ ކޮވިޑް ކޭސްތައް ގިނަވުމާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ 50 މީހުންނަށް ވުރެ ގިނައިން ތަންތަނަށް އެއްވުން އެޗްޕީއޭ އިން މަނާކޮށްފައިވާތީ މިވަގުތު އެ ބައްދަލުވުން ބޭއްވެން ނެތް ކަމަށެވެ.

ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ވެސް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ބާއްވާނެ ގޮތުގެ ލަފައަކާއި އިރުޝާދެއް ހޯދުމަށް އެޗްޕީއޭ އާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިންވެސް އެފަދަ ބައްދަލުވުންތައް ބޭއްވީ އެޗްޕީއޭ އިން ދިން އިރުޝާދާ އެއްގޮތަށް. އަރަބިއްޔާގެ މައްސަލާގައި ބާއްވަން އުޅުނު ބައްދަލުވުންވެސް ދެން ބޭއްވޭނީ އެފަދަ ލަފައެއް ލިބިގެން،" ނަރީޝް ވިދާޅުވި އެވެ.

މައްޗަށްގޮޅި އަވަށުގައިވާ ބާޖަމާލުއްދީން ހުރި ބިން އަރަބިއްޔާ އަށް ދިނުމުގެ މައްސަލާގައި މައްޗަށްގޯޅި ރައްޔިތުންނާ ބައްދަލުކުރަން ސިޓީ ކައުންސިލުން ނިންމީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމީ އެ ބިމަކީ ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައި އޮތް ބިމަކަށްވާތީ އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް އެހެން ބިމެއް ހަމަޖެއްސުމަށް މައްޗަށްގޯޅިއަށް ނިސްބަތްވާ ކައުންސިލަރު އަހްމަދު ޒަމީރު ހުށަހެޅުއްވި ގަރާރަކަށް ކައުންސިލް މެންބަރުން މަޝްވަރާކުރުމަށްފަހު އެވެ.

ގަރާރު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ބާޖަމާލުއްދީން ހުރި ބިމުގައި ވެހިކަލް ޕާކް ކުރެވޭ ބަޔަކާ އެކު މުނިފޫހިފިލުވާލުމަށް ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ މައްޗަށްގޯޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެ ބިމުގައި އެހެން މަސައްކަތެއް ކުރެވިގެން ނުވާނެ ކަމަށެވެ.

ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލު އެޅުމާ މެދު މައްޗަށްގޮޅި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމުގެ ބައްދަލުވުން ބޭއްވުމަށް ނިންމީ މިދިޔަ ހަފްތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ތެރެއިން ގިނަ ކައުންސިލަރުންނަށް ފަސޭޙަ ދުވަހަކު ބައްދަލުވުން ބާއްވާ ގޮތަށެވެ.

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު ސްކޫލަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ -- އަރަބިއްޔާ ސްކޫލް އެޅުމަށް ބާ ޖަމާލުއްދީނުގެ ބިން ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފަހުން ހިންގި އިމާރާތުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވުމުން ދެވަނަ ޓާމަށް ސްކޫލުތައް ހުޅުވިއިރު އަރަބިއްޔާގެ ދަރިވަރުން ކިޔަވަން ދަނީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށެވެ.