ކޫރިއާ ކާގޯ ޔުނިޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ގާއިމް ކޮށްފި އެވެ. ކަސްޓަމްސް ދުވަސް ފާހަގަ ކުރަން މިއަދު ކަސްޓަމްސް ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށް ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.
ޝަރީފް ވިދާޅުވީ މުޅި ކަސްޓަމްސްގެ ކްލިއަންސް ޕްރޮސެސް މިހާރު ޖިޓަލައިޒް ކުރެވިފައިވާ ކަމަށާއި އޭގެ ސަބަބުން ހިދުމަތްތައް ހޯދުމުގައި އާންމުންނަށް ވަރަށް ބޮޑުތަން ލުއިފަސޭހެ ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއާ ކާގޯގެ ކްލިއަރަންސް ޕްރޮސެސް އަވަސް ވުމުގެ އިތުރުން، އެއާ ކާގޯގައި ޖެނެރަލް ކާގޯގެ ކްލިއަރަންސް ޕްރޮސެސް ވެސް އަވަސް ވެގެންދާނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ ކޫރިއާ ސާވިސް މުދާ ބަލައި ފާސް ކުރުމަށް ހާއްސަ ޔުނިޓެއް ތައާރަފް ކުރުމުގެ ބޭނުމަކީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދަލުގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުން ދާތީ ކޫރިއާ ސާވިސް މެދުވެރިކޮށް ގެންނަ މުދަލާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތް ހަލުވިކޮށް ފެންވަރު ރަނގަޅު ކުރުމާއި މުދަލުގެ ކޮންޓްރޯލް ހަރުދަނާކޮށް ރެކޯޑް ބެލެހެއްޓުމެވެ.
ކަސްޓަމްސް ގައި މިއަދު ސްޕެޝަލް އޮޕަރޭޝަންސް ޓެކްޓިކަލް ޓީމެއްގެ އިތުރުން ސާވައިލަންސް މަސައްކަތަށް ހާއްސަ ޔުނިޓެއް ވަނީ ވެސް އިފްތިތާހު ކުރި އެވެ. މި ޓީމް ގާއިމް ކުރީ ކަސްޓަމްސްގެ އެންފޯސްމަންޓް މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތްތަކަށް ފުޅާ ކުރުމެވެ.
މި ޓީމްގެ މަސައްކަތްތަކުގެ ސަބަބުން އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓްއަށް ބިނާކޮށް މަސްތުވާ ތަކެއްޗާއި ގާނޫނާއި ގަވައިދާއި ޚިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގާ އޮޕަރޭޝަންތައް ހަރުދަނާ ވާނެ އެވެ.