ބޮލީވުޑް

"ލުއްކާ ޗުއްޕީ" ރެކޯޑްކުރަން ލަތާ، ކޮޅަށް އަށް ގަޑިއިރު

ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "ރަންގް ދޭ ބަސަންތީ" މީގެ 16 އަހަރު ކުރިން ރިލީޒް ކުރުމުން ފިލްމުގެ ގިނަ ލަވަތަކަކަށް ވަރަށް ބޮޑު މަގްބޫލުކަމެއް ލިބުނެވެ. އޭ.އާރް ރަހްމާން މިއުޒިކް ތައްޔާރު ކޮށްދީފައިވާ މި ފިލްމުގެ ހުރިހާ ލަވަތަކެއް ވެސް ވަރަށް މޮޅުވެފައި ރީއްޗެވެ.

ޚާއްސަކޮށް ލަތާ މަންގޭޝްކަރް އާއި އޭއާރް ރަހްމާން ކިޔައިދީފައިވާ އަސަރުގަދަ ލަވަ "ލުއްކާ ޗުއްޕީ" އަކީ މިހާރު ވެސް ގިނަ ބަޔަކަށް ވަރަށް މަގްބޫލު އަދި އެ ލަވައެއް އަޑުއަހާލުމުން ލޮލުން ކަރުނަ ހިލިގެންދާ ވަރުގެ ޖަޒުބާތީ ލަވަ އެކެވެ.

"ރަންގް ދޭ ބަސަންތީ"ގައި އެ ލަވަ އަންނަނީ އާރް. މާދަވަން ކުޅުނު އަޖޭގެ ކެރެކްޓާ މަރުވުމުން އެކަމާ އޭނާގެ މަންމަ އާއި އާއިލާގެ މީހުން އަދި އެކުވެރިން ހިތާމަކުރާ ދަނޑިވަޅުގަ އެވެ. މިއީ ދަރިއަކު މަރުވުމުން މަންމައަކަށް ކުރާނެ އަސަރު ވަރަށް ފުރިހަމައަށް ކިޔައިދީފައިވާ ލަވަ އެކެވެ. ލަތާގެ ރީތި އަޑުން މި ލަވަ ވިރުވާއަޅާލާފައިވާލެއް ވަރަށް ވެސް ފުރިހަމަ އެވެ.

ލަތާގެ އަޑުން ކިޔައިދީފައިވާ "ލުއްކާ ޗުއްޕީ"

ގިނަ މީހުންނަށް ހީވާނީ މި ކަހަލަ ލަވައެއް ކިޔާލުމަކީ ލަތާއަށް މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ދާގޮތަށް ގޮސް މައިކް ކައިރީގައި ހުއްޓިލާފައި އޭނާ ލަވަ ކިޔާ ނިންމާލާނެ ކަމަށެވެ. އެއީ މިޒަމާނުގައި ގިނަ ލަވަކިޔުންތެރިން ކަން ކުރާ އުސޫލުކަމަށް ވާތީ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ލަތާ އަކީ ކިތަންމެ ތަޖުރިބާކާރު ލަވަކިޔުންތެރިޔަކަށް ވިޔަސް އޭނާގެ ޕްރޮފެޝަން އަށް އަބަދުވެސް ލަތާ ވަރަށް އިހްތިރާމްކުރެ އެވެ. އޭނާ ކިޔާ ކޮންމެ ލަވައަކަށް ވަގުތު ދީ އެ ލަވައެއް ފަރިތަކޮށް ހަދަ އެވެ. "ލުއްކާ ޗުއްޕީ" ރެކޯޑް ކުރަން ވެސް ލަތާ ހަތަރު ދުވަސް މަތިން ރިހާސަލް ބާއްވާފައި ވެއެވެ. އެއީ ކޮންމެހެން މިއުޒިކް ޑައިރެކްޓަރު އެކަމަށް ޑިމާންޑް ކޮށްގެންނެއް ނޫނެވެ. އެ ލަވައަށް އޭނާއަށް ގެނެވޭނެ ފުރިހަމަކަމެއް ގެނައުމަށް ލަތާ ބޭނުން ވެގެން ކުރި ކަމެކެވެ.

ފިލްމުގެ ޑައިރެކްޓަރު ރާކޭޝްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި މި ލަވަ ކިޔަން ލަތާ އެއްބަސްވީ ގޮތާއި އޭގެ ފަހުން ކަންތައް ވީގޮތް ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި މި ލަވަ ލަތާ ލައްވާ ކިޔުއްވަން ބޭނުން ވެގެން އޭނާ އެތައް މަހެއް ވަންދެން ލަތާ އާ ވާހަކަ ދެއްކި އެވެ. ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެގެން ކޮންމެ ފަހަރަކު ވެސް ލަވަ ކިޔަން ލަތާ އެއްބަސް ކުރެވޭ ގޮތެއް ނުވެ އެވެ.

އެގޮތަށް އެތައް މަހެއް ފާއިތުވީ ފަހުން އެއް ދުވަހަކު އޭނާ ލަތާއަށް ގުޅައި އަނެއްކާވެސް އެކަމަށް އެދުނެވެ. އެފަހަރު ވަރަށް ފަސޭހައިން ލަތާ އެ ލަވަ ކިޔައިދޭން އެއްބަސްވި އެވެ.

"ލަތާ ބުނި އާނ ދަރިފުޅާއޭ. ކޮން ކަހަލަ ލަވައެއްހޭ؟ ތިމަންނައަށް ފޮނުވާށޭ. އަހަރެން ބުނިން އޭ.އާރް ރަހްމާން އެނގޭ ނޫންހޭ. އޭނާއަކީ ލަވައިގެ މިއުޒިކް ކުރިން ތައްޔާރުކޮށްފައި ބާއްވާ މީހެއް ނޫނޭ. އަދިވެސް އޭނާ ލަވަ ހެދުމުގެ މަސައްކަތް ކުރަނިއްޔޭ. ލިރިސިސްޓް ޕްރަސޫން ޖޯޝީ ވެސް ލަވަ ލިޔުމުގެ މަސައްކަތް އަދިވެސް ހަމަ ކުރަނިއްޔޭ. އެހެން ބުނީމަ ލަތާޖީ އަހައިފި އެގޮތަށް ހޭ މިޒަމާނުގަ ކަންތައް ކުރަނީ. އަހަރެން ބުނިން އާނއެކޭ،" ރާކޭޝްގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.

ލަވަ ރެކޯޑް ކުރަން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހެއްގެ 15 ވަނަ ދުވަހު އެވެ. އެ ވާހަކަ ލަތާ ކައިރީ ބުނުމުން ނޮވެމްބަރު 9-10 ހިސާބުގައި ޗެންނައިގައި ހުންނަ އޭއާރް ރަހްމާން ސްޓޫޑިއޯ އަށް ދާން ލަތާ އެއްބަސްވި އެވެ.

ޑައިރެކްޓަރު ހީކުރީ ލަތާ އަންނަ ގޮތަށް އައިސް ލަވަ ރެކޯޑް ކޮށްލާފައި ދާނީ ކަމަށެވެ. ނަމަވެސް ކަންވީ އެއާ ދިމާ އިދިކޮޅަށެވެ. ކޮންމެ ދުވަހަކު އޭނާ އައިސް އެތައް އިރެއް ވަންދެން ލަވަ ފަރިތަ ކުރެ އެވެ. އެގޮތަށް ހަތަރު ދުވަހު ފަރިތަކުރުމަށްފަހު ލަވަ ރެކޯޑް ކުރަން ތައްޔާރުވި އެވެ.
"މިޒަމާނުގައި ގިނަ ލަވަކިޔުންތެރިން ސްޓޫޑިއޯ އަށް އައުމާއެކު ލަވަ ރެކޯޑްކޮށްފައި ގިނަ ފަހަރަށް ޑައިރެކްޓަރަށް އޭނަ އައިކަން ނުވެސް އެނގެނީސް އެތަނުން ދާނެ. ނަމަވެސް ލަތާ ކަހަލަ ޝަޚްސިއްޔަތަކު ހަތަރު ދުވަސް ވަންދެން ލަވައިގެ ރިހާސަލް ބޭއްވުމުން އަހަރެން ވަރަށް ހައިރާންވި،" ޑައިރެކްޓަރު ބުންޏެވެ.

ހަތަރު ދުވަސް ފަހުން ލަވަ ރެކޯޑް ކުރަން ފަށައިގެން ވެސް އެއް ފަހަރުން ލަތާ ލަވަ ރެކޯޑް ކޮށެއް ނުނިންމަ އެވެ. އޭނާ ހިތްހަމަޖެހޭ ފެންވަރަށް ލަވަ ރެކޯޑް ކުރެވުނީ ބަރާބަރު އަށް ގަޑިއިރު އެ ލަވަ ކިޔައިގެންނެވެ. އެ ހުރިހާ އިރެއްވީއިރުވެސް ލަތާ ހުރީ މައިކު ކައިރީ ކޮޅަށެވެ. އަދި ހުރިހާ ވަގުތެއް ހޭދަކުރީ ލަވަ ކިއުމުގަ އެވެ.

"އޭނާގެ ސާޅީގެ ކަންގަނޑު ބިންމަތީގައި އޮތް. އަހަރެމެން ފެންފުޅި އާއި މީރުވަސްދުވާ މަލާއި ގޮނޑިއެއް ކައިރީގައި ބެހެއްޓިން. ނަމަވެސް އޭނާ އެ ހުރި ގޮތަށް ކޮޅަށް އަށް ގަޑިއިރުހުރެގެން ލަވަ ފުރިހަމަކުރީ،" ޑައިރެކްޓަރު ބުންޏެވެ.