ބޮލީވުޑް

އައިޝްވަރިޔާ-ދަނޫޝް ވަރިވާތީ ރަޖްނީކާންތު ވަރަށް ދެރަވެއްޖެ

ސައުތު އިންޑިއާ ސުޕަސްޓާ ރަޖްނީކާންތުގެ ދަރިފުޅު އައިޝްވަރިޔާ އާއި އެކްޓަރު ދަނޫޝްގެ 17 އަހަރުވީ ކައިވެނި ނިމުމަކަށް އަތުވެއްޖެކަން އެމީހުން ވަނީ މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ.

މި ޚަބަރަކާއެކު ރަޖްނީކާންތާއި ދަނޫޝްގެ ފޭނުން ވަނީ ހިތް ހަލާކުވެފަ އެވެ. ދަނޫޝްގެ ބައްޕަ ކަސްތޫރީ ރާޖާ ބުނެފައިވާ ގޮތުގައި މި ދެ މީހުން ވަކިވާން ޖެހުނީ އާއިލާ ތެރޭ ކޯޅުން ބޮޑުވެގެން ކަމަށެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ދަރިފުޅު އައިޝްވަރިޔާގެ ވަރީގެ ސަބަބުން ރަޖްނީކާންތަށް ވަރަށް ބޮޑު ހިތާމައެއް ވަނީ ލިބިފަ އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން ރަޖްނީގެ އެކުވެރިއަކު ބުނީ މިކަމުގެ ސަބަބުން ހީނުކުރާ ވަރަށް ރަޖްނީކާންތު ދެރަ ވެފައިވާ ކަމަށެވެ. އަދި ރަޖްނީ ބޭނުން ވަނީ އަދިވެސް ދަނޫޝް އާއި އައިޝްވަރިޔާ ސުލްހަވެ ވަރީގެ ކަންކަން ކުރިޔަށް ނުގެންގޮސް ހުއްޓާލުމަށެވެ. އަދި ދަނޫޝްގެ އާއިލާ އިން ވެސް އައިޝްވަރިޔާ އާއި ދަނޫޝް އަށް ޕްރެޝަރު ކުރަމުން ދަނީ ވަރިނުކޮށް ސުލްހަ ވެވޭނެ ގޮތެއް ހޯދުމަށެވެ.

މި ދެ މީހުންގެ ކައިވެނީގައި މައްސަލަތައް ޖެހި އަރާރުންވާތާ ކިތަންމެ ދުވަހެއް ކަމަށާއި ކޮންމެ ފަހަރަކު ވަކިވާން އުޅޭއިރަށް ރަޖްނީ އެ ދެމެދަށް ވަދެ ދެމީހުން ސުލްހަ ކުރަނީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މި ފަހަރު ދެ މީހުން ވެސް ތިބީ އެހާ ފަސޭހައިން ދޫދީ ސުލްހަ ވާ ކަހަލަ މޫޑެއްގައެއް ނޫނެވެ.