( 25 ޖަނަވަރީ 2022 އާ ގުޅޭ )
ސުމައްޔާގެ ނަޒަރު ވަކިނުވުމުން ޒެހެން ލުއި ހިނިތުންވުމަކާއެކު އަތުގެތެރޭ އޮތް ސުމައްޔާގެ އަތްތިލައިގަ ފިރުމާލިއެވެ. ދެން ވެސް ހޫރައިންއަށް ގޮވާލަދިނުމަށް ޒެހެން އެދުނެވެ. އެއާއެކު ސުމައްޔާ ބޯޖަހާލާފައި ތެދުވިއެވެ. ހިނިތުންވުމުގެ އަސަރު އެ ދެ ލޮލުން ޒެހެން ދުށްޓެވެ. ނަމަވެސް ސުމައްޔާ ތެދުވެގެން ދިއުމާއެކު ޒެހެންގެ ހިނިތުންވުން ގެއްލި މޫނުގެ ކުލަ އޮއްސިއްޖެއެވެ.
ބޯކޮށްލި ވާރޭއާއެކު ބެލްކަނީގައި ހުރި މިއުނާ އަވަހަށް ގޭތެރެއަށް ދެމިގަތެވެ. ދެން އަނެއްކާ ވެސް އެނބުރި އައިސް ސޯފާގައި އިށީނެވެ. ހުޅުވާފައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ނަމަވެސް ގިނައިރެއްނުވެ އެ ނަޒަރު ފާރުގައި ހުރި ގަޑިއަށް ދަތުރުކޮށްލިއެވެ. ބާރަޖަހައި ހިނގައްޖެއެވެ. ހޫރައިންއާ ބައްދަލުކުރަން ދިޔަ ޒެހެން އަދިވެސް އެނބުރި ނާދެއެވެ. މިއުނާ އެ އިނީ ދަރިފުޅުގެ އިންތިޒާރުގައެވެ. އޭނާ ބެލްކަންޏަށް ނުކުމެ މަގުމަތި ބަލާލި މީ ފުރަތަމަ ފަހަރެއް ނޫނެވެ. އާފުރެމުން އޭނާ ސޯފާއިން ތެދުވިއެވެ. ސޯފާގެ ކައިރީ ދެ ކޮޅަށް ހިނގަން ފެށިއެވެ. އެހެން ރޭރޭ އެ ގަޑީ އޭނާ އޭނާއެކޭ އެއްފަދައިން ޒެހެން ވެސް އޮންނާނީ ނިދާފައެވެ.
"ގުޅާލަންވީތަ؟. ހާދަ ލަސްވެއްޖޭ..." މިއުނާއަށް ހިތާހިތާ ކިޔާލިއެވެ. ހައްތަހާ ވެސް ޒެހެންގެ ފޯނަށް ނުގުޅަން މިއުނާ އެ ހުންނަނީ ދަރިފުޅު ދިޔައީ ކޮންކަހަލަ ކަމެއްގައިކަން އެނގޭތީއެވެ.
މިއުނާގެ ހަނދާނަށް ކުލަވާންފެށީ އޭނާ މީހަކާ އިންނަން އުޅުނުއިރު ކަންތައްތައް ހިނގައިދިޔަ ގޮތެވެ. އަވަސްއަރުވާލާފައި ކައިވެނި ކުރީ ލޯބިވުމަށްފަހު ދެ ހިތަށް ދުރުގައި ތިބުން ދަތިކަމަކަށް ވެގެންނެވެ. އެ މާޒީގައި މިއުނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވި އެތައް ހަނދާނެއް ވިއެވެ.
"އަންހެންކުއްޖަކަށް ޓަކައި ޒެން އެހާ ކެތްތެރިވެދާނޭ ހިޔެއްނުކުރަން. އަހަރެމެންގެ ކައިވަންޏަށްވީގޮތް އެކުއްޖާއަށް ފެނިފައި ހުރީމާ ކަމަށްވެދާނެ. އެ ދަރިފުޅު ޚިޔާރު އެކުރީ އަހަރެން ހިތަށް ވެސް ނާރާ ފަދަ އަންހެންކުއްޖެއް. އެކަމަކު ބައެއްފަހަރު ހިތަށް އަރާ އެއީ އަހަންނާ ހެދިބާއޭ. ފިރިއެއްގެ އަޅާލުމެއް އަހަންނަށް ނުލިބޭ، ޒެންއަށް ބައްޕައެއްގެ ލޯބި ނުލިބުނު... އަމިއްލަ ހަޔާތް އެ ދެމައިންގެ ދިރިއުޅުމުން ސިފަކުރެވޭތީކަމަށް ވެދާނެ އެމީހުންގެ މައްޗަށް ޒެންގެ ހިތްޖެހުނީ."
ޚިޔާލުތަކުގައި ހުރެ މިއުނާ އައިސް ސޯފާގައި އިށީނެވެ. އެޕާޓްމެންޓަށް ވަދެވެން ހުންނަ މައިދޮރުގެ ތަޅުހުވި އަޑު އިވުނީ އެވަގުތެވެ. ކައްޓެއްހެން މިއުނާ ކުއްލިއަކަށް ތެދުވިއެވެ. ފުރަތަމަ ވެސް ބަލާލެވުނީ ގަޑިއަށެވެ. އެކެއް ޖަހަން ހުރީ ދިހަވަރަކަށް މިނެޓެވެ. ގޭތެރެއަށް ޒެހެން ވަންއިރު ހުރި ތެމިފޯވެފައެވެ. ލައިގެން ހުރި އެއްޗެހިން ފެންފައިބައެވެ.
"ކިހިނެއްވީ ތެމުނީ. ކޮބާ ކޯޓު." ޒެހެންގެ ސައިކަލު މަޑިދަށުގައި ކޯޓު އޮންނަކަން އެނގޭތީ މިއުނާއަށް އަހާލެވުނެވެ. ވާހަކައެއް ދެއްކުމެއްނެތި ހަލުވިކޮށް ޒެހެން އައިސް ވަނީ ކޮޓަރިއަށެވެ. ރަނގަޅަށް އެޕާޓްމެންޓުގެ ދޮރު ވެސް ނުލައްޕައެވެ. ދޮރު ލައްޕާ ތަޅުލާފައި މިއުނާ އައިސް ސޯފާގައި އިށީނެވެ. ތެއްހެދުން ބާލައިގެން ޒެހެން ކޮޓަރިން ނުކުންނަން ދެން އޭނާ މަޑުކުރީއެވެ.
ޒެހެން ނުނިކުމެ ގިނައިރުވާން ފެށުމުން މިއުނާ އައިސް ކޮޓަރީ ދޮރުގައި ޓަކިޖެހިއެވެ. އެއާއެކު ޒެހެން ދޮރުހުޅުވާލިއެވެ. ތުވާލި އަނދެލައިގެން އޭނާ ހުރިއިރު މޫނުމަތިން އަސަރެއް ފާޅެއްނުވެއެވެ. ދަރިފުޅު އެނބުރި އެ އައީ ކޮންކަހަލަ ޖަވާބެއް ހިފައިގެންކަން ދެނެގަންނަން މިއުނާއަށް ދަތިވީ އެހެންވެއެވެ.
"ވަރަށް ލަސްވެއްޖެ. މަންމަ ނިދާފަކަމަށް ހީކުރީ އޮންނާނީ... ހެނދުނުން ވާހަކަދައްކަމާ." މިއުނާއަށް އެއްޗެއް ނޭހިގެން އުޅެނިކޮށް ޒެހެން ބުންޏެވެ.
"ޒެން..." ހިސާބެއްގެ ކަންބޮޑުވުމަކާއެކު މިއުނާއަށް ގޮވާލެވުނެވެ.
"ދޭ މަންމަ ވެސް ނިދަން." ޒެހެން ބުނެލިއެވެ. މިއުނާ ބޯޖަހާލީއެވެ. އޭނާ އެނބުރިލަންވާއިރަށް ޒެހެން ނިކަން އަވަހަށް ކޮޓަރީގެ ދޮރު ލައްޕައިފިއެވެ. ސުވާލު އުފެދިފައި ހުރެ މިއުނާ ހިނގައިގަތީއެވެ.
ޒެހެން އައިސް އެނދުގައި އޮށޯތެވެ. އޭނާ ބާރަ ނުޖަހަނީސް ހޫރައިންމެން ގެއިން ނުކުމެއްޖެއެވެ. ވާރެއާ ނުތެމި ގެއަށް ވެސް އާދެވުނީހެވެ. އޭނާ ސައިކަލަށް އެރިގޮތަށް އިނދެވުނީއެވެ. ވެހޭ ވާރޭގައި މީހާ ތެމި ފޯވަމުންދިޔައިރު އެކަމަށް ވެސް ފަރުވާލެއް ނެތެވެ. ސިކުނޑިއާއި ހިތުގައި އެނބުރެމުންދިޔައީ ކަންފަތަށް އިވުނު ވާހަކަތަކެވެ. ހޫރައިންގެ ފުށުން ފެންނަ ޖެހިލުންވުމަކީ އޭނާއަށް ލިބުނު އަނިޔާއެއްގެ އަސަރުކަމަށް ވެދާނޭ ޒެހެން ހިޔެއްނުކުރެއެވެ. އެފަދަ ޚިޔާލެއް ވެސް ނުކުރެވެއެވެ. މޫނުގައި ދެއަތްތިލައިން ޒެހެން ފިރުމާލިއެވެ. ފިނިނޭވާއެއް އޭނާ ދޫކޮށްލީ ހިތަށް އުނދަގޫވެފައިވާ ހާލުއެވެ.
"ހޫރް..." މަޑުމަޑުން ޒެހެން ކިޔާލިއެވެ. އެ ދެ ލޮލަށް މިރޭ ހޫރައިން ސިފަވީގޮތް ތަފާތެވެ. ގަސްދަކާނުލައެވެ. ސުމައްޔާގެ ވާހަކަތަކުގެ ސަބަބުންނެވެ. ޒެހެން ދެ ލޯ މަރާލިއެވެ. އެއާއެކު ހޫރައިންގެ ސޫރަ ކުރެހިއްޖެއެވެ. މިރޭ ހިނގައިދިޔަ ހުރިހާކަމެއް އެ ދެ ލޮލަށް ފެންނަމުންދިޔައެވެ.
"މަންމާ... ހޫރް ގެނެސްދެވިދާނެތަ." ޒެހެން އެދުމާއެކު ސުމައްޔާ ތެދުވީއެވެ. ގިނައިރެއްނުވެ ސުމައްޔާއާއެކު ހޫރައިން އަތުވެއްޖެއެވެ. އޭގެ ދެމައިން ކައިރިކައިރީ ސޯފާގައި ތިއްބެވެ. ހޫރައިންގެ ދެ ލޮލުން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. އެވަގުތު އެގޭގައި އިނދެފައި ވެސް ޒެހެންގެ އަތުގެ ތެރެއަށް ހޫރައިން ގެނެސްލުމަށް އޭނާ ބޭނުންވިއެވެ. އެ މޫނުގައި ބޮސްދޭންބޭނުންވިއެވެ. ދެން ދުވަހަކުވެސް ހޫރައިންއަށް އަނިޔާއެއް ލިބުނަނުދޭނެކަން ވަޢުދުވާން ޒެހެންގެ ހިތް އެދުނެވެ. އޭނާގެ ފުރާނަ ފަދައިން އެ ހޫރައިންއާއި ޔޫކް ރައްކާތެރިކުރާނެކަމުގެ ޔަގީންކަން ދޭން ޒެހެން ނުހަނު ބޭނުންވިއެވެ. ނަމަވެސް އެއިން އެއްވެސް އިހްސާސަކަށް ޢަމަލެއް ނުކުރިއެވެ.
"ހޫރް، އަހަންނާ ކައިވެނިކޮށްފާނަންތަ؟. ކައިވެންޏަށްފަހު ހޫރައިންއާއި ޔޫކްގެ އިތުރުން މި މަންމަ ވެސް ބަލާނެ މީހަކީ އަހަރެން. މަންމައާ ހޫރް ވަތްކެއް ނުކުރާނަން. ކައިވަންޏަށްފަހު ޔޫކްއަށް ޓަކައި ބައްޕައެއްގެ ޒިންމާ އަދާކުރާނަން. އިންޝާﷲ، އަހަރެމެންނަށް ދަރިއަކު ލިބުނަސް އެ ކުއްޖާއާއި ޔޫކްއާ އެއްވެސް ތަފާތެއް ނުކުރާނަން. އަހަންނަށް ނޭނގޭ ކަމެއް އިތުރަށް އޮތްހެން ހިޔެއްނުވޭ... އެހެންވީމަ ބުނޭ. އަހަންނާ އިނދެފާނަންތަ؟."
ހޫރައިން ބަލާލީ ގާތުގައި އިން މަންމައަށެވެ. ދެން ޒެހެންއަށެވެ. އޭނާ ބޯޖަހާލީއެވެ. ލިބިފައިވާ ހާސްކަން އެ ދެ ލޮލުން ސިއްރެއްނުވެއެވެ. އެހިނދު ސުމައްޔާ އިނދެފައި ހޫރައިންގެ ގާތުން އެދުނީ ފުރިހަމަ ޖަވާބެއް ޒެހެންއަށް ދިނުމަށެވެ.
"މެ...ރީ... ކުރާ..." ހޫރައިންގެ އަޑު މަޑެވެ. ކައިވެނި ކުރާނަމޭ ބުނެލިއިރު ފަހުބައި ޒެހެންގެ ކަންފަތަށް އިވޭވަރަށްވުރެ މަޑުވިއެވެ. އެހެންވިޔަސް ޒެހެންއަށް އެވަރުން ފުދުނެވެ.
"އެހެންވިއްޔާ ކައިވެނި ލަސްކުރާކަށް އަހަރެން ނޭދެން. އެކަމަކު ޔޫކް ކައިރީ އަހަންނަކީ ބީރައްޓެއްސެއް... ގާތްކަމެއް ނެތް. އިންޝާﷲ، އެއް މަސް ފަހުން އަހަރެމެން ކައިވެނި ކުރާނީ. އެހާތަނަށް އަހަރެން ވިސްނަނީ ޔޫކްއާ އެކުވެރިކަން އުފެދޭނެ ކަމަށް. އަދި އަހަރެމެންގެ މުސްތަޤްބަލާމެދު ހަމަޖެހިގެން ތިބެ މަޝްވަރާކުރެވި ނިންމަން ހުރި ކަންތައްތައް ފައިނަލް ކުރާން. މިކަމާ ހޫރްއާއި މަންމަގެ ހިޔާލެއް ބުނޭ."
ސުމައްޔާ ހިނިތުންވެލީތީ ޒެހެން ދުށްޓެވެ. އެ މަންމަ ހޫރައިންގެ ގައިގާ ހިފަހައްޓާލައި ގާތްކޮށްލިއެވެ. އެ މަންމަގެ ރުހުން ޔަގީނުން ވެސް އޭނާއަށް ހޯދިއްޖެކަން ގައިމެވެ. ދެން އޮތީ އޭނާ އެންމެ ލޯބިވާ ހޫރައިންގެ ހިތް ފަތަހަކުރުމެވެ. ފަހަތަށް ޖެހުމެއް ނުވެއެވެ. ހޫރައިންގެ އަތުން ދުވަހަކުވެސް ދޫކޮށްލުމުގެ ވިސްނުމެއް ޒެހެންގެ ނެތެވެ.
"ތިގޮތް ގޯހެއްނޫން. އެކަމަކު ޒެހެންގެ ޢާއިލާއާގެ ބަހެއް މަންމަ ބޭނުން. އަވަސްއަރުވާލުން ރަނގަޅުކަމެއްނޫން." ސުމައްޔާ ބުންޏެވެ. މަންމަގެ ބަހަށް ހޫރް ބޯޖަހާލީއެވެ.
"އަހަރެންގެ ވެސް ހުރީ މަންމައެއް އެކަނި. ހޫރް ކައިރީ ބުނެ ދުވަހަކާއި ވަގުތެއް ކަނޑައަޅައި މަންމަ ގޮވައިގެން މިގެއަށް އަންނާނަން." ޒެހެން ބުންޏެވެ.
އެންމެ ދުވަހެއް ވެސް ލަސްކުރާކަށް ހަގީގަތުގައި ޒެހެން ބޭނުމެއްނޫނެވެ. ހަމައެއާއެކު އޭނާ ހުރިހާ ނިންމުމެއް އެ ނިންމީ އަމިއްލައަށެވެ. އެއީ ކުރީން އޭނާ ވިސްނާފައި އޮތް ގޮތެއް ނޫނެވެ. އޭނާ ހުރީ ސުމައްޔާއާއި ހޫރައިންއާ ބައްދަލުކުރުމަށްފަހު އެނބުރި އައިސް މަންމަގެ ޚިޔާލު ހޯދުމަށެވެ. އަދި އެ މަންމަގެ މަޝްވަރާއާއެކު ދެ ޢާއިލާ ޝާމިލުވެގެން ކައިވެނީގެ ކަންކަން ނިންމުމަށެވެ. ނަމަވެސް ސުމައްޔާގެ ވާހަކަތަކަށްފަހު އޭނާއަށް ބަދަލުތަކެއް އައީއެވެ. ހެޔޮ ބަދަލެކެވެ. ހޫރައިންއަށް ޓަކައިވީ ޖަޒުބާތުތައް ފުންވެ ވަރުގަދަވީއެވެ. އޭނާގެ އަނތްބަކަށް ހޫރައިން ގެނައުމުގައި ޟަމީރު އެ ހިތަށް ސާބިތުކަން ދީފިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ގަސްދުކުރާގޮތް ހާމައެކުރެވުނީ އެހެންވެއެވެ.
އަރިއަކަށް ޒެހެން ފުރޮޅިލިއެވެ. ޚިޔާލުތައް އެއްފަރާތްކޮށްލައި އޭނާ ލޯ ހުޅުވާލިއެވެ. އޭނާ އެނދުން ތެދުވިއެވެ. އުނުގައި އޮތް ތުވާލި ނައްޓާލައި އެ އަޅުވަން ހުރި ތަނުގައި އަޅުވާލިއެވެ. ދެން ނިދަންލާ ތަނުން ސޯޓުބުރިއެއް ލައިގެން އޭނާ އައިސް ނެގީ ލެޕްޓޮޕެވެ. އެ ހިފައިގެން އެނދުގައި އޭނާ ހަމަޖެހިލިއެވެ. ރާއްޖޭގެ މަޤުބޫލު ނޫސްތަކަށް ވަދެ މީގެ ފަސް އަހަރު ކުރީގެ "ރޭޕް ކޭސް"އާ ގުޅޭ ޚަބަރުތައް ހޯދަން ފެށިއެވެ. ކޮންބަޔަކު ކީއްވެ ކުރިކަމެއްކަން އެނގެން އޭނާ ބޭނުމެވެ. އޭނާގެ ސުވާލުތަކަށް ސުމައްޔާއަށް ޖަވާބު ދެވޭނެއޭ ޒެހެންގެ ހިތް ބުނެއެވެ. އެކަމަކު އެ މަންމައަށް ކޮށްފައިވާ އަސަރު ޒެހެން ދުށްޓެވެ. އެ މަންމަ ގާތުގައި އޭނާގެ އަންހެން ދަރިފުޅުގެ އިއްފަތްތެރިކަން ނަގާލި ގޮތުގެ ވާހަކަދައްކަން ކެރޭނީ ކިހިނެއް ހެއްޔެވެ. ސުވާލެއް ޒެހެން ނުކުރީ އެހެންވެއެވެ. އޭނާއަށް ނުކެރުނީއެވެ.
* * * * *
"މަންމާ ބުނީންތަ؟. ކިޔާދިނިންތަ ހުރިހާ ވާހަކައެއް." ޒެހެން ނުކުތުމުން ހޫރައިންއަށް ބަލާލެވުނީ މަންމައާ ދިމާއަށެވެ.
"ބުނިން. ހޫރް ލަދުގަންނަންޖެހޭވަރު ކަމެއްނޫން އެއީ. އެކަމުގައި ދަރިފުޅުގެ ކުށެއްނެތް." ސުމައްޔާ ބުންޏެވެ.
"އޭނާ ކީކޭ ބުނީ." ހޫރައިންއަށް އަހާލެވުނެވެ.
"ނުބުނޭ އެއްވެސް އެއްޗެއް. ހޫރަށް ގޮވައިދޭށޭ ބުނީ. އޭގަފަހުގަ ދެއްކި ވާހަކައެއްވިއްޔާ އެ ދެއްކީ ހޫރް ކުރިމަތީގަ." ސުމައްޔާ ބުންޏެވެ.
"އެއްވެސް އެއްޗެއް ނުބުނީ ކީއްވެ." ހޫރައިންއަށް ނަގައިގަންނަން ދަތިވިއެވެ. އޭނާގެ ނަފްސާނީ ހާލަތު އެކަމަށް ފުރުސަތު ނުދެނީއެވެ. އޭނާ އަނތްބެއްގެ ގޮތުގައި ބަލައިގަތުން މީހަކަށް ފަސޭހަނުވާނީ ހީވާތީއެވެ.
"ހޫރައިން. ޒެހެންއަކީ ރަނގަޅު ކުއްޖެއް. މަންމައަށް ކަމުދޭ. އޭނާ ހޫރް ބަލައިގެންފި. އޭނާގެ އެ ހިމޭން ޖަވާބަކީ އެކަމުގެ ރަމްޒެއް. ދަރިފުޅުގެ މުސްތަޤްބަލް އޭނާ ބޭނުމީ. ހިތަކަށްނާރާ މިފަދަ ގޮތަކަށް ހޫރްގެ ކައިވެނި ހަމަޖެހިގެން ހިނގައިދާނޭ. ﷲގެ ރޭއްވެވުން މަތިވެރިވެގެންވޭ. އަލްޙަމްދުލިއްﷲ... އެކަލާނގެއަށް ޙަމްދުހުރި. ބޭކާރު ވަސްވާސްތަކާ ދުރުވޭ ހޫރް. މަންމައަށް އެނގޭ ހޫރަށް ކަމުދާކަން ޒެހެން. މީ ދަރިފުޅުގެ ނަފްސު ތައްޔާރުކުރަންވީ ވަގުތު. ޒެހެންއަށް އިތުބާރުކުރަން ދަސްކުރޭ."
"އޭނާ އެހެން ބުންޏަސް އޭނާގެ މަންމަ ނިންމާނީ ކިހިނެއްކަމެއް ނޭނގެއެއްނު. އޭނާ ޚިޔާލު ބަދަލުވެދާނެ އޭރުން. މަންމަ ގަބޫލުނޫން ކަމެއް ނުކުރާނެ." ހޫރައިން ބުނެލިއެވެ.
"ޒެހެން ވަރަށް ޔަގީންކަމާއެކު ވާހަކަދެއްކީ. ހީވަނީ އާއިލާ ގަބޫލުވާނޭކަން އެނގޭތީހެން އެފަދައިން ވާހަކަދެއްކީ. އިންޝާﷲ، މިފަހަރު މީ އަހަރެންގެ ހޫރްގެ ވަގުތު. ﷲ ދަރިފުޅަށް ޓަކައި ޚިޔާރުކޮށްދެއްވާނީ ހުރިހާ ގޮތަކުން ނުހަނު ފުރިހަމަ ޒުވާނެއް. އެ ޔަގީންކަން މަންމައަށް އެބައޮތް. ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެ އަޅުތަކުންގެ ދުޢާ ފުރިހަމަކޮށްދެއްވަނީ އެންމެ ހެޔޮވެގެންވާ ގޮތުގައިކަން ޝައްކެއްނެތް."
"މަންމާ... އަހަންނަށް ރީތި ދިރިއުޅުމެއް އުޅެވިދާނެހެން ހީވޭތަ. ޔޫކް... ހީވޭތަ އޭނާ ބަލައިގެންފާނޭ. އެކުއްޖާ މިއިން އެއްވެސް ކަމަކާ ގަބޫލުނުވެއްޖެއްޔާ..." ހޫރައިންއަށް ކަންކަމުގައި ޔަގީންކުރަން ދަތިވަނީއެވެ. ވިސްނަން ނުޖެހޭ ވަރަށް ކަންކަމާ އޭނާއަށް ފިކުރު ކުރެވެއެވެ. ސުމައްޔާ ހަނދާންކޮށްދޭއިރު ވެސް ވާންހުރި ކަންކަމާމެދު ކަންބޮޑުވެ ހާސްވެގެން އުޅެވެނީ އިޚްތިޔާރަކާނުލައެވެ. އެއީ ކީއްވެކަން ވެސް ސުމައްޔާއަށް ވިސްނެއެވެ. ދަރިފުޅާމެދު އޭނާ އިންތިހާއަށް ކެތްތެރިވަނީ އެހެންވެއެވެ.
"ދެން ހިނގާ ނިދަން. ނިދާލާފައި ތެދުވެ ނަމާދުކޮށްލަނިކޮށް ތި ހާސްކަން ކުޑަވެދާނެ. ﷲ ދަރިފުޅުގެ ހިތަށް ސާބިތުކަން ވައްދަވާނެ. އާދޭ." ސުމައްޔާ ހިނގައިގަންނަމުން ހޫރައިންގެ އަތަށް ދަމާލިއެވެ.
* * * * *
ފަތިސް ނަމާދުކޮށްގެން މިސްކުތުން ޒެހެން ގެއަށް އައެވެ. މަންމަ ފެންނަން ނެތުމުން އޭނާ އައިސް ކޮޓަރީގައި ޓަކި ދިނެވެ. ރޭގައި އޭނާއަށް ނިދުނީ ގަޑިއެއްހާއިރުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަންމަ ވަންނާށޭ ބުނި އަޑާއެކު ޒެހެން ދޮރު ހުޅުވާލިއެވެ. އެނދުމަތީ ދެފައި ދަމާލައިގެން މިއުނާ އިނީ ކިޔަވާށެވެ. ޒެހެން އައިގޮތަށް މަންމަގެ އެނދަށް އެރިއެވެ. ބަންޑުން އޮވެ މަންމަގެ އުނގުގައި އޭނާ ބޯއަޅާލިއެވެ. ވަރުބަލިވެފައިވާ ފަދަ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ.
"ޒެން... ކިހިނެއް ތިއުޅެނީ. ތިހެން އުޅޭން ތީ ކުޑަކުއްޖެއްނޫން." މިއުނާއަށް ބުނެލެވުނެވެ.
"ދުނިޔޭގަ ހުރިއްޔާ އުމުރުން ދުވަހެއް ހިނގަހިނގާ ހުންނާނީ. އެކަމަކު މަންމަ ބަދަލެއްނުވާނެއެއްނު. ޕްލީޒް މަންމާ... ކުޑަވަގުތުކޮޅަކަށް މިހެން އޮތަ ދީބާ. އަހަރެން ކިތަންމެ ބޮޑުވިޔަސް މަންމައަށް އަބަދުވެސް ބޭނުންވާނެ."
ޒެހެންއަށް ކަމެއްވެއްޖެކަން މިއުނާއަށް ވަގުތުން ނަގައިގަންނަން އެނގިއްޖެއެވެ. އޭނާ ކިޔެވުން މެދުކަނޑާލާފައި މުސްޙަފު އެނދުއަރިމަތީ ހުރި ކުޑަމޭޒުގައި ބާއްވާލިއެވެ. ދެން މަޑުމަޑުން ޒެހެންގެ ބުރަކަށީގައި ފިރުމާލާފައި ބޮލުގައި ފިރުމައިދޭން ފެށީއެވެ.
"ވީގޮތެއް ބުނީމަ މަންމައަށް އެނގޭނީ." މިއުނާ އޯގާތެރިކަމާއެކު ބުނެލިއެވެ.
"ބޮލުގަ ރިއްސަނީ... މެޔަށް ވެސް ތަދުވަނީ... ނޭނގެ މަންމާ." މިއުނާގެ އުނގުގައި ބޯއަޅާލައިގެން ދުރަށް ބަލަން އޮވެ ޒެހެން ވާހަކަދެއްކިއެވެ.
"މަންމައަށް ހީވަނީ ތި ހުރިހާ ތަދެއް ތިވަނީ ހޫރްއާ ހެދިހެން. ރޭގަ ކަންތައްވީގޮތް ކިޔައެއް ނުދެމެންނު. ކިހިނެއްވީ؟... ކޮންކަމަކާ ޒެން ދެރަވެގެން ތިއުޅެނީ. ހޫރް މަންމަ ގަބޫލުނުވީތަ؟." މިއުނާގެ ސުވާލުތަކަށް ޒެހެން ބޯހަލުވާލިއެވެ.
"މަންމަ އަބަދުހެން ފޯނުން ޚަބަރުތައް ބަލަމެންނު. މަންމަ އެއްވެސް ނޫހަކުން ދުށީންތަ މީގެ ފަސް އަހަރު ކުރީން، ހުޅުމާލޭގައި އެއްލާލާފައި އޮތް އަންހެންކުއްޖަކު ފުލުހުންނަށް ފެނުނު ޚަބަރެއް." ޒެހެން އަހާލިއެވެ. އެއާއެކު މިއުނާއަށް ވެރިވީ ހިމޭންކަމެވެ.
"އެއީ ރޭޕްކޭސްއެއް. އަހަރެމެންގެ ފިހާރަ ހުޅުމާލޭގައި ހުޅުވަން ހަމަޖެހިފަ އޮތް ދުވަސް އެއީ. އެރޭ މަންމަ އެއްކޮށް އުޅުނީ ހުޅުމާލޭގަ. ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް އެކުއްޖާ ފެނުނީ. މީހުން ބުނާތީ އެހިން ވަރަށް ބޮޑުވަރުކޮށްލާފައޭ އޮތީ. ފެނުންއިރު އެއްވެސް އެއްޗެއް ވެސް ގަޔަކުނެތޯ. މާލެއާއި ހުޅުމާލެތެރެ ހަލަބޮލިވެގެންދިޔަ. މީހުންއެއްވެ ވަރަށް ކަންތައް ހިންގާލި. އެކަން ކުރީ ގުރޫޕެއް ވެގެންނޭ ނޫސްތަކުގަ އޮތީ... އޭރު ޒެން ހުރީ މާލެއަކު ނޫނެއްނު. ކީއްވެ ކުއްލިއަކަށް އެހާ ކުރީގެ ވާހަކައެއް ތިފެށީ. ކާކު ޒެންއަށް ތި ވާހަކަ ކިޔާދިނީ."
"މަންމާ... ކީއްވެތަ އޭނާއަށް އެހެންދިމާވާންވީ." ޒެހެންއަށް ބުނެވުނެވެ.
"ޒެން... ކާކުތަ؟... ތި ދައްކަނީ ހޫރްގެ ވާހަކަތަ؟." މިއުނާގެ ސުވާލުތަކާއެކު ޒެހެން މޫނުފޮރުވާލީ މަންމަގެ ބަނޑުގައި ދެއަތް ވަށާލަމުންނެވެ. ހިތުގެ ކެތްތެރިކަން ގެއްލުމުން އެ ދެ ލޮލުން އެކަން ފާޅުވާން ގިނައިރެއް ނުނެގިއެވެ.
"ސުބްޙާނަﷲ... އެއީ ހޫރްތަ؟. އެ އަންހެންކުއްޖަކީ ޒެންގެ ހޫރްތަ؟." ޒެހެންގެ ހަރަކާތްތަކުން ދޭހަވީ ގޮތް މިއުނާގެ ދުލުން ހާމަކުރިއެވެ. އެހިނދު ޒެހެން މޫނުފޮރުވައިގެން އޮވެ ބޯޖަހާލީއެވެ. ޒެހެން ރޮނީކަން މިއުނާއަށް ޔަގީންވިއެވެ. ފިރިހެން ދަރިފުޅު ބޮޑުވީފަހުން އެ ދަރިފުޅު އޭނާގެ ކުރިމަތީ ރޮއެފައެއް ނެތެވެ. މިއުނާގެ ހިތަށް ވެސް ދަތިކަން ލިބިއްޖެއެވެ. ހޫރައިންއަށް ޒެހެންގެ ހިތުގައި ދެވިފައިވާ މަޤާމު މިއުނާއަށް ރަނގަޅަށް އެނގެއެވެ. އެ ދެ ކުދީންގެ މުސްތަޤްބަލާމެދު މިއުނާއަށް ވިސްނާލެވުނެވެ. އެތައް އަންހެނުންގެ ތެރެއިން އެ އަންހެންކުއްޖާ ޒެހެންއަށް ކަމުދިޔުމުން އެކަމާ ވެސް މިއުނާއަށް ވިސްނުނެވެ. (ނުނިމޭ)