ކްރިމިނަލް ކޯޓް

ލައިވް ކުރާނެ ވަސީލަތް ކޯޓަކު ނެތް

މައްސަލަތައް ލައިވްކޮށްގެން ކުރިއަށް ގެންދާނެ ވަސީލަތްތައް ކޯޓުގައި ނެތް ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އިސް ގާޒީ މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފައިވާތީ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އަދި ކުރީގެ ރައީސެއް ކަމަށެވެ. އެހެންކަމުން މިއީ ޕަބްލިކް އިންޓްރެސް އޮންނަ މައްސަލައެއް ކަމަށް ވާތީ ލައިވްކޮށްދޭން އެދިވަޑައިގަތެވެ.

އަދި މީގެ ކުރިން ވެސް އެ ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެހެން ދައުވާތަކާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އަޑުއެހުންތައް ވެސް ކޯޓުން އިސްނަގައިގެން ލައިވްކޮށްފައިވާ ކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ ހުރިހާ މައްސަލައެއް ލައިވްކޮށްގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވެފައި ވަނީ މައްސަލަތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް މިވަގުތު ކޯޓަށް ދަތިވާ ކަމަށެވެ. އެފަދަ ވަސީލަތްތަކެއް މިވަގުތު ކޯޓުގައި ނެތް ކަމަށާއި، ވަސީލަތްތައް ގާއިމްވުމުން އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. ކަން އެހެން އޮތް ނަމަވެސް މި މައްސަލައަކީ ހުޅުވައިލައިގެން ކުރިއަށް ގެންދާނެ މައްސަލައެއް ކަމަށާއި އަޑުއަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އިސް ގާޒީ މިހެން ވިދާޅުވި އިރު، ކޯޓު ތެރޭގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކަށް ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށް ޖާގައިގެ ދަތިކަން ވެސް އޮވެ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލަތަކުގައި ވެސް އިންޓަނެޓްގެ މައްސަލަ ދިމާވުމާއި އަޑު ނައުން ފަދަ ގިނަ މައްސަލަތަކެއް ދިމާވެ އެވެ.