ރައީސް ޔާމީންގެ ޝަރީއަތް

އާރަށު މައްސަލައިގެ ހުކުމް ފަސް މަސް އަވަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލައިފައިވާ ދެ ދައުވާގެ އަޑުއެހުންތަަކުގެ ތާވަލަށް ބަދަލުގެނެސް ހުކުމް ކުރުން ފަސް މަސް އަވަސް ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާދަމް އާސިފް މިއަދު އަވަސްއަށް ވިދާޅުވީ އެންމެ ފަހުން އާރަށު މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެދެއްވި ތާވަލަށް ބަދަލުގެނެސް އެކަން މިހާރު އެބޭފުޅުންނަށް އަންގަވާފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ ހުކުމް އިއްވުމަށް މިހާރު ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ. އެގޮތަށް ބަދަލުކުރުމަށްފަހު އަންގާފައި ވަނީ ވަކީލުންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގެ ހުކުމް އިއްވުމަށް ކުރިން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މީ ޖޭއެސްސީ އަދި ސަރުކާރުން ފަނޑިޔާރަށް ނުފޫޒު ފޯރުވައިގެން ނިންމާފައިވާ ނިންމެއް ކަމަށް. މިއީ އެއްވެސް އިންސާފުވެރި ޝަރީއަތެއް ނޫން،" އާސިފް ވިދާޅުވި އެވެ.

އެގޮތަށް ނިންމުމުން އަޑުއެހުންތައް އަވަސް އަރުވާލައިގެން ގާތްގާތުގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ކޯޓުގައި ވެސް އެވާހަކަ ދަންނަވާފަ އެވެ. މި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާ ކަމަށާއި އަދި އެހެން މައްސަލަތަކާ ތަފާތުކުރުންތައް ވެސް ގެންގުޅޭ ކަމަށް ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ގާޒީ ވިދާޅުވެފައި ވަނީ އެހެން މައްސަލަތަކާ މި މައްސަލައާ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އަޑުއެހުންތައް ބާއްވަނީ ކުރިއާލާ ތާވަލުކޮށްގެން ކަމުން މިއީ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމަހުގެ 27 ވަނަ ދުވަހު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވި އެވެ. އެކަމަކު ރައީސް ޔާމީން ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމާއި ހެކި ހާމަކުރުމެވެ.

އެދުވަހު އެކުލަވައިލި ތާވަލުގައިވާ ގޮތުން، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.