ރައްޔިތުންގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ހުށަހެޅުއްވުމުން އެމްޑީޕީން ދިން ޖަވާބުން ހާމަ ވަނީ އެމްޑީޕީ އިން ޑިމޮކްރަސީގެ އުސޫލުތަކުން ދުރުވެފައިވާ މިންވަރު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އަބަދުވެސް އެމްޑީޕީއަށް ފާޑުވިދާޅުވާ މިނިސްޓަރު މިހެން ވިދާޅުވީ، މޫސަ އަލުން އެމްޑީޕީއަށް ވަނުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީއަށް އެ ޕާޓީއިން ދެއްވާފަައިވާ ޖަވާބުގައި، އެޕާޓީގެ މެމްބަރުން ކިބައިން މާފަށް އެދިވަޑައިގަނެފައި ނުވާތީ މެމްބާޝިޕް ފޯމު ބަލައި ނުގަނެވޭނެ ކަމަށް އެމްޑީޕީ އިން ބުނެފައިވާތީ އެކަމަށް ދެއްވާ ރައްދެއްގެ ގޮތުގަ އެވެ.
އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީއާ އަލުން މޫސަ ގުޅިވަޑަިގަތުމަށް ބޭނުންފުޅު ނަމަ މެމްބަރުން ކައިރިން މާފަށް އެދި، އިތުރު އާ 50 މެމްބަރުން ޕާޓީ އަށް ވައްދަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީ އިން މޫސައަށް ދިން ޖަވާބަށް ފާޑުވިދާޅުވެ އިއްޔެ އުމަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މޫސަގެ ސިޓީއަށް ދިން ރައްދުން ދޭހަ ވަނީ އެމްޑީޕީ އިން ޑިމޮކްރަސީގެ އުސޫލުތަކުން ދުރުވެފައި ހުރި މިންވަރު ކަމަށާއި ލީޑަރެއް ހޮވުމަށް މިނިވަން އިންތިހާބެއް ބާއްވަން ޖެހިލުންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މޫސަ އެމްޑީޕީގެ އިން ވަކިކޮށްފައި ވަނީ އެޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު ޕާޓީގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މައްސަލާގަ އެވެ.