މެލޭޝިއާގެ ނެޝަނަލް އޮޑިޓް ޑިޕާޓްމަންޓާއި ރާއްޖޭގެ އޮޑިޓާ ޖެނަރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެލޭޝިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ އޮޑިޓާ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ.
އޮޑިޓް އޮފީހުން ބުނީ މި އެއްބަސްވުމާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ ހިންގުމާއި އިދާރާތައް އޮޑިޓް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމު ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
ދެ ގައުމުގެ ތަޖުރިބާ ހިއްސާކުރުމާއި ތައުލީމާ ތަމްރީންގެ ފުރުސަތު ހޯދުމަށް އެއްބަސްވުމާ ގުޅިގެން ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް އޮޑިޓް އޮފީހުން ދެކެ އެވެ.
އޮޑިޓް އޮފީހުގެ ގާބިލްކަން އިތުރުކޮށް ކުރެވޭ އޮޑިޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށްވެސް އޮޑިޓް އޮފީހުން ބުނެ އެވެ.