މާލޭ ސިޓީ ކައުންސިލް

މާލެއިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް ހަދަނީ

Jan 27, 2022
4

މާލެ ސިޓީއިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގަ އެދިގެން މިހާތަނަށް ކުރި މަސައްކަތާ ގުޅިގެން ދެން ކުރިއަށްދާނެ ގޮތެއް ނިންމުމަށް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރު ގެ 37 ވަނަ ޖަލްސާގައި ވަނީ މަޝްވަރާ ކޮށްފައެވެ.

މި ޖަލްސާގައި މާލޭގައި ކުދި ބިންތައް ހުރި މީހުން އެ ބިންތައް ދޫކޮށްލުމާއި އެކު މާލެ ސިޓީއިން ދޫކުރާ ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލުމާއި އެކަމަށް ޝައުގުވެރިކަން ހުރި މީހުން ދެނެގަތުމަށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ ހުށަހަޅާފައެވެ. އެ ހުށައެޅުމަށް ތާއީދު ކުރީ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް އެވެ.

ޝުޖާއު ވިދާޅުވީ މާލޭގައި ކުދި ބިންކޮޅު ހުރި ފަރާތްތަކުން އެ ބިންތައް ދޫކުރުމަށްފަހު ހުޅުމާލެ އިން ނުވަތަ މާލޭގެ އެހެނިހެން ސަރަޙައްދަކުންވެސް ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު ބޭނުންވާ މީހުން ދެނެގަތުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ މީހުން ދެނެ ގަތުމަށްފަހު އެ ދަފްތަރު ސަރުކާރަށް ހުށައެޅުމަކީ ސަރުކާރަށްވެސް އަދި ސިޓީ ކައުންސިލަށްވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.

މި ހުށަހެޅުމާއި ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ގައުމީ އިދާރާތަކުން މާލެ ސިޓީގެ އިހްތިސާސްގައިވާ ސަރަޙައްދެއްގައި އެއްވެސް މަޝްރޫއުއެއް ހިންގަންވާނީ ސިޓީ ކައުންސިލް އާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައިވާ ފަދައިން މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ހުޅުމާލޭގައި އެޗްޑީސީ އިން ކުރިއަށްގެންދަވާ އެއްވެސް ކަމެއްގައި ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަދި މާލޭގައި ކުދި ގޯތިތައް ހުރި މީހުންވެސް އެފަދަ ގޯތިތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ގޯތި ދޫކުރާނަމަ އެ ފުރުސަތު ބޭނުންވާ ކަމަށް އެދި މޭޔަރަށް ސިޓީ ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.


މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި އަދި އެކަމަށް ޝައުގުވެރިކަން ހުރި މީހުންގެ މައުލޫމާތު އެއްކުރުމަށް ހުޅުވާލުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުން ޖަލްސާގައި ބައިވެރިވި 16 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.