ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ މަޖިލީސް އިންތިހާބުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިންގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.
ފޯކައިދޫގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އެމްޑީޕީގެ މޫނު މަތީގައި އެތިފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނެތް ކަމަށެވެ. އަދި ސިއްހީ ފަރުވާގެ ނިޒާމް އާސަންދައާ ގުޅުވާ ގާސިމް ވިދާޅުވީ މިހާރު އާސަންދަ އޮފީހުގައިވެސް ތިބޭނީ ރައީސް ސޯލިހަށް އަމާނާތްތެރި މުވައްޒިފުން ކަމަށެވެ.
އެމްޑީޕީއާ ދެކޮޅުވެއްޖެނަމަ އާސަންދަ ހޯދަންވެސް ދަތިވެދާނެ ކަމަށް ސިފަވާ މޭރުމުން ގާސިމް ވާހަކަ ދެއްކެވިއެވެ.
"އެންމެ ކުޑަވެގެން އާސަންދަ ދޭން އިންނާނީ ވެސް އެމްޑީޕީ ދެކެ ލޯބިވާ އެމްޑީޕީ އަށް އިހުލާސްތެރި މިއަދުގެ ސަރުކާރަށް ލޯބިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާނާތްތެރި ބޭފުޅުން. ދެން ކިހިނެއްތޯ މާ ފަސޭހައިން އާސަންދައިގެ ޝަރުތުތައް ފުރިހަމަވެއޭ ބުނާނީ، އެހެން މިހެން ހަދާފައި ކަޓުވާނުލާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނެނީތޯ،" ގާސިމް ވިދާޅުވިއެވެ.
އެކަމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ސިއްހީ ހިދުމަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ދޭންޖެހޭ އަސާސީ ހައްގެއް ކަމަށެވެ. އަދި ކޮންމެ ޕާޓީއަކަށް ތާއީދު ކުރިއަސް ރައްޔިތުންނަށް ކޮށްދޭންޖެހޭ އެންމެ އަސާސީ ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"މި ފެންނަނީ މިބޭފުޅުންގެ އަސްލު ސިފަ. ސިއްހީ ހިދުމަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ދޭންޖެހޭ އަސާސީ ހައްގެއް. ކޮންމެ ޕާޓީއަކަށް ތާއީދު ކުރިއަސް ރައްޔިތުންނަށް ކޮށްދޭންޖެހޭ އެންމެ އަސާސީ ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް،" ގާސިމަށް ފާޑުވިދާޅުވެ އުޝާމް ކުރެއްވި ޓްވީޓްގައިވެއެވެ.