ބޮލީވުޑް

ބާގްޔާޝްރީގެ ދަރިފުޅު އަވަންތިކާ ވެސް ފިލްމީ ދުނިޔެއަށް!

"މައިނޭ ޕިޔާރް ކިޔާ" އިން ގިނަ ބައެއްގެ ހިތްތަކާ ކުޅެލި ރީތި ބަތަލާ ބާގްޔާޝްރީގެ ދެ ދަރިން ބޮޑުވެ އެމީހުން ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފަށައިފި އެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަބިމަންޔޫ ދަސާނީ ވަނީ 2018ގައި ރިލީޒްކުރި "މަރްދް ކޯ ދަރްދް ނެހީ ހޯތާ" އިން ބޮލީވުޑަށް ތައާރަފްވެފަ އެވެ. އަދި އަންހެން ދަރިފުޅު އަވިންތިކާ މިހާރު ދަނީ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް ކުރަމުންނެވެ.

އަވަންތިކާ ތައާރަފްވާނީ ރޯހަން ސިއްޕީގެ ސައިކޮލޮޖިކަލް ތުރިލާ-ޑްރާމާ ސީރީޒް "މިތިޔާ" އިންނެވެ. މި ވެބް ސީރީޒް އުފައްދާ ފަރާތުން މިހާރު ވަނީ ސީރީޒްގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކޮށްފަ އެވެ. މި ޕޯސްޓަރުގައި ވަނީ އަވަންތިކާ އާއި ހުމާ ގުރޭޝީ އެވެ.

ފުރަތަމަ ޕޯސްޓަރުގައި އަވަންތިކާގެ މޫނުގެ ކުލަވަރުން ވެސް މިއީ ވަރަށް އަނދިރިކަމުން ފުރިގެންވާ ސީރީޒްއެއްކަން ޔަގީން ކުރެވެ އެވެ.
ޒީ5 އިން ދައްކަން ހަމަޖެހިފައިވާ މި ސީރީޒް އިން އެކްޓިންގެ ދުނިޔެއަށް ތައާރަފްވެވޭތީ އުފަލުން ހުރިކަމަކަށް މި ޕޯސްޓަރު ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން އަވަންތިކާ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި މި ސީރީޒްގައި ބައިވެރިވާ އެންމެންނަކީ ވެސް ވަރަށް ހުނަރުވެރި ބައެކެވެ. އެހެންވެ އެފަދަ ބަޔަކާ އެކު ފުރަތަމަ ސީރިޒް ކުޅެވޭތީ އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.

"މިޒަމާނުގައި އޯޓީޓީ ޕްލެޓްފޯމަކީ ރީތި ވާޙަކަތައް ހުށަހަޅައިދޭ އަދި ގިނަ ބަޔަކު އެ ފަދަ ސީރީޒްތައް ބަލަން ޝައުގުވެރިވާ ޕްލެޓްފޯމެއް. މި ސީރީޒް އުފެއްދުމުގެ ދަތުރުގައި ބައިވެރިވެވުނީތީ ވަރަށް އުފާވެއްޖެ. ބެލުންތެރިންނަށް 'މިތިޔާ' ވަރަށް ކަމުދާނެކަމަށް އުންމީދުކުރަން،" އަވަންތިކާ ބުނެފައި ވެއެވެ.