ބޮލީވުޑް

"ބިގް ބޮސް 15" ކާމިޔާބު ކުރާނީ ޝަމީތާތަ؟

"ބިގް ބޮސް 15" ގެ ގްރޭންޑް ފިނާލޭ ޖެނުއަރީ 29 އަދި 30 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައި ވާއިރު މި ފަހަރުގެ ޝޯ ކާމިޔާބު ކުރާނީ ކާކުތޯ ޝޯގެ ފޭނުން ދަނީ ބަހުސް ކުރަމުންނެވެ. މިފަހަރުގެ ޓްރޮފީ ހާސިލު ކުރުމުގެ ރޭހުގައި ވާދަ ކުރަމުން ދަނީ ޓީވީ އެކްޓަރު ކަރަން ކުންދްރާ އާއި ޝަމީތާ ޝެޓީ، ތޭޖާސްވީ ޕްރަކާޝް، ޕްރަޓީކް ސެހަޖްޕާލް، ނިޝާންތު ބަޓް އަދި ރަޝްމީ ދެސާއީ އެވެ.

އެންމެ ފަހުން މި ޝޯއިން ބޭރު ވާން ޖެހުނީ ރާކީ ސާވަންތަށެވެ. ކޮންމެ އަހަރެކޭ އެއްފަދައިން މިފަހަރު ވެސް ބެލުންތެރިން ވަނީ ދެބައިވެފަ އެވެ. ޝޯ ކާމިޔާބު ކުރާނެ މީހަކާ މެދު އެއްބަޔަކު އަނެއް ބަޔެއްގެ މެދުގައި ހޫނު ބަހުސްތައް ވަނީ ފެށި އެވެ.

ޝަމީތާ އަކީ އެންމެ ފަހުން ނިމުނީ ބިގް ބޮސް އޯޓީޓީގެ ބައިވެރިޔަކަށް ވާތީ އެ ޝޯ އިން ލިބުނު ތަޖުރިބާގެ އެހީގައި އޭނާ މިފަހަރުގެ ޝޯގައި އުޅެފައި ވަނީ ވަރަށް ބަލައިގެންނެވެ. ބިގް ބޮސްގެ ގޭގައި އޭނާގެ ދެ އެކުވެރިންނަކީ ޕްރަތީކް އާއި ނިޝާންތެވެ. ޝަމީތާ ގްރޭންޑް ފިނާލޭ އަށް އައީ ވަރަށް ޓްރޮފީއަށް އެންމެ ގަދަޔަށް ވާދަ ކުރާ އެއް ބައިވެރިޔާގެ ގޮތުގަ އެވެ.

ބިގް ބޮސްގެ ގޭގައި ނިޝާންތު އަކީ "ހަރުފަ" އެއްގެ ގޮތުގައި ސިފަ ކުރިޔަސް މި ކޯރިއޮގްރާފަރަކީ ހަގީގަތުގައި ވަރަށް ވިސްނުންތެރިކަމާއެކު ގޭމް ގުޅެފައިވާ މީހެކެވެ.

ވައިޑް ކާޑްގެ އެހީގައި ރަޝްމީ ޝޯގައި ބައިވެރިވި މާފަހުން ނަމަވެސް ވަރަށް މަޝްހޫރު މީހުން ކަޓުވާލައި ފައިނަލަށް ދިއުމުގައި އޭނާ ވަނީ ކާމިޔާބު ހޯދާފަ އެވެ. ނަމަވެސް ބިގް ބޮސްގެ 15 އަހަރުވީ ތާރީޚުގައި މިހާތަނަށް ވައިލްޑް ކާޑުން އައި ބައިވެރިޔަކަށް ޝޯ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެހެންވެ ރަޝްމިއަށް މިފަހަރު ފުރުސަތެއް ނެތް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

ކަރަން އާއި ތޭޖާސްވީ އަކީ ވެސް ޝޯ ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ދެ ބައިވެރިންނެވެ. އެމީހުންގެ ރޮމެންޓިކް މަންޒަރުތަކުން ބެލުންތެރިންގެ ހިތް ތަކާ ކުޅެލާފައި ވާތީ އެވެ.

ގްރޭންޑް ފިނާލޭގައި ދީޕިކާ ޕަދުކޯން އޭނާގެ އާ ފިލްމު "ގެހެރާއިޔާން" ޕްރޮމޯޓްކުރުމުގެ ގޮތުން ބައިވެރިވާނެ އެވެ. އަދި ޝެހެނާޒް ގިލް އޭނާގެ ލޯބިވާ ސިދާރްތު ޝުކްލާ އަށް "ލޯބީގެ ސަލާމް" ކިޔުން ވެސް އޮންނާނެ އެވެ.