އެޗްޑީސީ

ހިޔާ ޕާކް ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

Jan 28, 2022
3

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދަން ނިންމާފައިވާ "ހިޔާ ފާކު" ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހިޔާ ފާކް އިތުރަށް ތަރައްގީކުރުމާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް މާދަމާގެ ކުރިން ނެގުމަށް އަންގާފަ އެވެ.

ހިޔާ ޕާކްގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެ ދުވަސްވަރު ކުރި މައިގަނޑު މަސައްކަތަކީ އެ ސަރަހައްދު ފެހި ކުރުމަށްޓަކައި ރުކާއި ގަސް އިންދުމުގެ މަސައްކަތެވެ.

ހިޔާ ޕާކު ނިމޭއިރު އެތަނުގައި ގިނަ އަދަދަކަށް ގަސް ހުންނާނެ އެވެ. މީގެއިތުރުން އާންމުންގެ ހިތްހަމަޖެހުމަށް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމާއި އައުޓްޑޯ ޖިމަކާއި ޕްލާޒާއެއް ވެސް ހުންނާނެ އެވެ.

ހިޔާ ފާކު ހަދަން ނިންމާފައިވަނީ ހިޔާ ޓަވަރުތަކުގެ އެޗް 5 އަދި އެޗް 6 ހިމެނޭ ފްލެޓް އިމާރާތުގެ ކައިރީގައިވާ ހުސް ޖާގައިގަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް އެއްވެސް ޕާކެއް އަދި އެއްވެސް ކަހަލަ ކުޅިވަރެއް ކުޅެވޭނެ އެއްވެސް ތަނެއް އަދި ހަދާފައެއް ނުވެ އެވެ.