މާލޭގެ މޭޔަރު

ޖަގަހަ ހުރީ ކައުންސިލުގެ ބެލުމުގެ ދަށުގައެއް ނޫން

Jan 28, 2022
1

އަލިފާނުގެ ހާދިސާއެއް ހިނގައި އަދައި ހުލިވި "ރުމާލު 2" ޖަގަހަ ހިންގި އިމާރާތާ މާލޭ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް ނެތް ކަމަށާ އެއީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކެންޕެއިން މަސައްކަތަށް ބޭނުންކުރި ރުމާލު -2 ޖަގަހަ ހިންގި އިމާރާތުގައި އެތަން ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މި ފަހުން ފްލޫ ކުލިނިކަކަށް ވެސް ބޭނުންކުރި އެ ތަނޔގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި މިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެތަން ވެފައިވަނިކޮށެވެ.

އެތަން ބެލެހެއްޓުމުގެ ޒިންމާ އޮތް މުއައްސަސާއަކާ ގުޅޭގޮތުން އާންމު ކުރަމުންދާ ސުވާލުތަކާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ޕަބްލިކް ވައިބާ ގުރޫޕުގައި އެކަން ސާފުކޮށްދެއްވާފައެވެ. މޭޔަރު ވިދާޅުވީ އެއީ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫން ކަމަށެވެ. އަދި އެތަނަކީ މި ސަރުކާރުން ޔޫތު މިނިސްޓްރީއަށް ދީފައިވާ ތަނެއް ކަމަށް ވެސް މޭޔަރު ވިދާޅުވެފައިވެ އެވެ.