ޔޫލިއާ ވަންތޫރަކީ ސަލްމާން ޚާންގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތަށް ވާހަކަ ދެކެވެނީ ސަލްމާންގެ ހިޔަނީގައި ސަލްމާން އާއި އޭނާގެ އޮންނަ ގާތް ގުޅުމުންނެވެ. އަދި ސަލްމާންގެ އާއިލާގެ މީހުންނާއެކު އަބަދުވެސް ޔޫލިއާ އުޅޭތަން ފެންނާތީ އެވެ. އަދި ޔޫލިއާ ދިރިއުޅެނީ ވެސް ސަލްމާންގެ ގެއެއްގައި ކަމަށް ވެސް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. މިގޮތަށް ދެމީހުން ނުރަސްމީކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ.
ޔޫލިއާ އަކީ ރޫމޭނިޔާގައި ވަރަށް މަޝްހޫރު މޮޑެލް އެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެއެވެ. އޭނާ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރީ ސަލްމާނާ ގުޅުން ބަދަހިވި ފަހުންނެވެ. އަދި ޔޫލިއާއަށް ބޮލީވުޑުން ކެރިއަރެއް ބިނާ ކޮށްދެވޭތޯ ސަލްމާން ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ. އޭނާއަށް ލަވަކިޔުމުގެ ފުރުސަތުތަކާއި އެކްޓްކުރުމުގެ ފުރުސަތުތައް ސަލްމާން ގެންދަނީ ހޯދައި ދެމުންނެވެ.
ދާދިފަހުން ގުރޫ ރަންދަވާ އާއެކު ޔޫލިއާ ކިޔާފައިވާ "މައި ޗަލާ" މިއުޒިކް ވީޑީއޯ ރިލީޒް ކުރުމުން ގިނަ ބަޔަކު ވަނީ ޔޫލިއާ އެ ލަވަ ކިޔާފައިވާލެއް ރީތި ކަމުން އޭނާއަށް ވަރަށް ތައުރީފު ކޮށްފަ އެވެ. މި ލަވައިގެ ވީޑީއޯގައި އެކްޓްކޮށްފައިވަނީ ސަލްމާނާއި ޕްރަގްޔާ ޖެއިސްވާލް އެވެ.
މި ލަވަ ރިލީޒްކުރުމާ ދިމާކޮށް ޔޫލިއާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސަލްމާންގެ ހިޔަނިން ދުރަށް ގޮސް އަމިއްލައަށް ކުރިއެރުން ހޯދުމަކި އޭނާވެސް ބޭނުންވާ ގޮތެވެ. ސަލްމާނަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން ޔޫލިއާ ބުނީ ސަލްމާން ކަހަލަ ތަޖުރިބާކާރު މޮޅު އެކްޓަރަކާއެކު ގިނަ ދުވަސް ތަކަކު އުޅުމުން ވަރަށް ގިނަ ކަންތައްތައް ދަސްވެފައިވާ ކަމަށެވެ.
ސަލްމާންގެ ހިޔަނިން ނުކުތުމަކީ ކިހާ އުނދަގޫ ނުވަތަ ފަސޭހަ ކަމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔޫލިއާ ބުނީ ވަރަށް ހިތްވަރާއި މަސައްކަތުން ނޫނީ އެކަން ނުވާނެ ކަމަށެވެ. އަދި ސަލްމާންގެ ހިޔަނީގައި އުޅުމުގެ އެޑްވާންޓޭޖްތައް ހުރި ގޮތަށް ޑިސްއެޑްވާންޓޭޖް ވެސް ހުރިކަމަށް ޔޫލިއާ ގަބޫލު ކުރެ އެވެ.
"ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހަކު ކުރާ މަސައްކަތަށް އިހުތިރާމް ލިބެން. އެކަމަކު ސަލްމާންގެ ހިޔަނީގައި އުޅޭއިރު އެ އިހްތިރާމް ކުޑަވޭ،" ޔޫލިއާ ބުންޏެވެ.