އެމްއެމްއޭ

އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ އެހެން ދާއިރާތަކަށް ކުރިއެރުން

Jan 29, 2022

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ އިގްތިސޯދުގެ އެހެން ދާއިރާތަކަށް މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ކުރިއެރުން ލިބިއްޖެ އެވެ.

އެ މައުލޫމާތު ހާމަކޮށްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކޮންމެ ތިން މަހަކުން އެއް ފަހަރު ނެރޭ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ރިޕޯޓްގަ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ތިން މަހު ރާއްޖޭގެ އިގްތިސޯދުގައި މުހިއްމު ދައުރެއް އަދާކުރާ ފަތުރުވެރިކަން، ޓްރާންސްޕޯޓް، ހޯލްސޭލް، މުވާސަލާތީ ދާއިރާ އަދި ރީޓެއިލް ވިޔަފާރީތައް ވެސް ވަނީ ކުރިއަރާފަ އެވެ. އެ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް އިތުރުވީ ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާއާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން އެ އަދަދުތައް ދަށް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އެ ދާއިރާގެ އަދަދުތައް ދަށްވުމުގެ ސަބަބަކީ ކުރާ މަސައްކަތުގެ އަގު ލިބުން ލަސްވުން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ރޯމެޓީރިއަލް ގަންނަން ލިބޭ އަގު ބޮޑުވުމާއި ބޭރު ފައިސާ ލިބުން ދަތިވުމަކީ ވެސް އެ ދާއިރާ އިން އަދަދުތައް ދަށްވާ ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން މިއަހަރުގެ ފުރަތަމަ ތިން މަހަށް ވެސް ދިގުދެމިގެންދާނެތީވެ މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ. އެކަމަކު އިގްތިސާދީ ދުވެލީގައި މަޑުޖެހުމެއް އުޅޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ނަމަވެސް ކުރިއެރުން ލިބޭ ދުވެއްޔަށް ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަޑުޖެހުމެއް އަންނާނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ވެސް މިދިޔަ އަހަރުގެ ފަހު ތިން މަހު ޖުމްލަކޮށް ވަނީ ރަނގަޅުވެފަ އެވެ.

އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓް އެކުލަވާލަނީ އެ ރިޕޯޓް އަމާޒު ކުރާ ކުއާޓަރާއި ކުރިއަށް އޮންނަ ކުއާޓަރަށް ލަފާކޮށް އިގްތިސާދީ މައިގަނޑު ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދައިގެން ކުރިއަށް ގެންދާ ސާވޭ އަކަށް ފަހު އެވެ.

އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓް ނެރެން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މި ރިޕޯޓް ނެރުމުގެ މައިގަނޑު ބޭނުމަކީ އިގްތިސޯދަށް އަންނަ ބަދަލުތައް ދެނަގަނެ އެކަންކަމަށް ޔާސަތުތައް ކަނޑައެޅުމެވެ.