ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ މިހާރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ދާއިރާ އާއި، ސަގާފަތާއި ތަރިކައިގެ ދާއިރާ އާއި، ތިމާވެށީގެ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ފޮރިން ސާވިސް ކުރިއަރުވަން ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާ އެކު އެވެ.
މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
މެވްލުތުގެ މިދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް މާދަމާ ކުރިއަށް ގެންދެވުމަށްފަހު ފަސް އެއްބަސްވުމުގައި މާދަމާ ސޮއި ކުރާނެ އެވެ.
ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ މުއައްސިސުންގެ ތެރޭގައި ވެސް ހިމެނޭ މިނިސްޓަރު މެވްލުތަކީ މިހާތަނަށް ރާއްޖެ ވަޑައިގެންނެވި ތުރުކީގެ އެންމެ އިސް އޮފިޝަލެވެ.
މެވްލުތް ތުރުކީގެ ހާރިޖީ ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ވެސް ތުރުކީގެ ފޮރިން މިނިސްޓަރު ކަން ކުރައްވާފަ އެވެ.
ރާއްޖެ އާއި ތުރުކީ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ މީގެކުރިން 42 އަހަރު ކުރިން 1979 ވަނަ އަހަރު އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ފެށި، ދިވެހިން ތުރުކީ އަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ.