ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރަން ލިބިވަޑައިގަތީ އަދި އެންމެ އަހަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ނިސްބަތްވާ ކޯޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެ ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ކެންޕެއިންގައި ގާސިމް ގެންދަވަނީ ރައީސް ސޯލިހާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީއަށް ވޯޓް ދޭން ޖެހޭ އެތައް ސަބަބެއް ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރު ގެއްލިގެންދިޔަކަން ފާހަގަކުރައްވާ ގާސިމް މިއަދު ވިދާޅުވީ އަމިއްލައަށް "ތަޅުލެވި" ގެން ތިބެން ޖެހުނު ދުވަސްތައް ކެނޑުމުން ރައީސް ސޯލިހަށް ވެރިކަން ކުރަން އަދި ލިބިވަޑައިގަތީ އަހަރެއްހާ ދުވަސް ކަމަށެވެ. ބަޔަކު ގަބޫލުނުކުރިޔަސް ހަގީގަތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
"މި ހާލަތު [ކޮވިޑްގެ ބަލިމަޑުކަން] ގައި ކިހިނެތްތޯ ދެން ކަންކަން ކުރާނީ. އެހެންވީމަ ވެރިކަން ކުރަން [ރައީސް ސޯލިހަށް] އަދި އެ ލިބިވަޑައިގަތީ އެންމެ އަހަރެކޭ އިނގޭތޯ. މިއީ ހަގީގަތަކީ،" ގާސިމް ވިދާޅުވިއެވެ.
މި ހާލަތު [ކޮވިޑްގެ ބަލިމަޑުކަން] ގައި ކިހިނެތްތޯ ދެން ކަންކަން ކުރާނީ. އެހެންވީމަ ވެރިކަން ކުރަން [ރައީސް ސޯލިހަށް] އަދި އެ ލިބިވަޑައިގަތީ އެންމެ އަހަރެކޭ އިނގޭތޯ. މިއީ ހަގީގަތަކީގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު
-- ހިނގަމުން މި ދަނީ ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރުވަނަ އަހަރެވެ. ނޮވެންބަރު 17، 2018 ގައި މަގާމުގެ ހުވާ ކުރެއްވި ރައީސް ސޯލިހްގެ ރިޔާސީ ދައުރު ނޮވެންބަރު 17، 2023 އަށް ހަމަވާނެ އެވެ. --
ގާސިމް ވަނީ ކޮވިޑްގެ ހާލަތުގައިވެސް ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ކުރަމުން އައި ކަންކަން މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ތައުރީފު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ ސަރުކާރު ލަސް ކަަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި އެއީ އިދިކޮޅުގައި ތިބޭ މީހުން އަބަދުވެސް ދައްކާނެ ވާހަކައެއްގެ ގޮތުގައި ގާސިމް ވަނީ ސިފަ ކުރައްވާގައެވެ. ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.
މީގެ ކުރީން ގާސިމް ވަނީ ދާއިރާއަށް ތަނަވަސްކަމެއް ހޯދަން އެދޭނަމަ އޭރަކު އޮންނަ ސަރުކާރަކަށް އެހީތެރިވެ އިންތިހާބުތަކުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ސަރުކާރު ކެންޑިޑޭޓުން ނުހޮވާ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު ހިންގާ ޕާޓީ ލަދުގަންނަވައިލައިފިނަމަ އެކަމުން ލިބޭނެ މޮޅެއް ރަނގަޅެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީ ކެންޑިޑޭޓް ނުހޮވައިފިނަމަ އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ މިފަހަރުގެ އިންތިހާބަށް އެއްބަނޑުއެއްބަފާ މީހަކު ކުރިމަތިލާފައި ހުރި ނަމަވެސް އެމްޑީޕީ ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް ވޯޓް ނުދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ވަޑައިގަތީ ށ އަތޮޅުގައި އެމަނިކުފާނަށްވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރެވި އެ އަތޮޅުގެ ރައްޔިތުންނަށް އަބަދުވެސް ހެޔޮ އެދޭތީ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރަން އޮތް މައި ޕާޓީއަށް ހިތުޖައްސާލާފައި ތިބޭފުޅުން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ހޮވީމަ ކޮބައިތޯއޭ މޮޅެއް، ރަނގަޅެއް،" ގާސިމް ވިދާޅުވިއެވެ.