އިލެކްޝަންސް ކޮމިޝަން

ނަތީޖާ އިއުލާނު ކުރުމާ ގުޅޭގޮތުން ފަތުރަނީ ދޮގެއް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މާލޭގައި ކަމަށް ދެކެވޭ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި އެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން މާލެއަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ދަނީ ވާހަކަ ދެކެވެމުންނެވެ. އީސީގެ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުގައި އެ ވާހަކަތައް ރިޕޯޓްވެސް ކޮށްފައިވެއެވެ.

އެކަން ސާފުކޮށްދީ އިލެކްޝަންސް ކޮމިޝަނުން ބުނީ އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ފެބުރުއަރީ ފަހެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައިވެސް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިއުލާނު ކުރާނެ ކަމަށެވެ.

އަދި ހަމަ އެދުވަހު ދާއިރާތަކުގެ ޖުމްލަ ވަގުތީ ނަތީޖާވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނެ ކަމަަށް ވަނީ ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، ފޯކައިދޫގެ އިތުރުން މާލޭގައި ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާނެ އެވެ.