ހަބަރު

ކޮލި އަލިމަނިކު އަވަހާރަވެއްޖެ

Dec 19, 2015
10

ދިވެހި ގައުމަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކޮލި އަލީ އުމަރު މަނިކު (ކޮލި އަލިމަނިކު) އަވަހާރަވެއްޖެ އެވެ. އާއިލާގެ ފާރާތުން އައިޝަތު ނާސިރާ ވިދާޅުވީ އަލި މަނިކު އަވަހާރަވި ސިންގަޕޫރުގައި ދާދި ދެންމެއަކު ކަމަށާއި އަވަހާރަވި ހަބަރާއެކު މިވަގުތު އާއިލާ އޮތީ ކުއްލި ޝޮކެއްގެ ތެރޭގައި ކަމަށެވެ.

އަވަހާރަވި އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 78 އަހަރެވެ. އެމަނިކުފާނު ދިިރުއުޅުއްވަމުން ގެންދެވީ ސިންގަޕޫރުގަ އެވެ. އަލި މަނިކު އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވި އިރު އަނބިކަނބަލުންނާއި ދަރިކަލަކާއި ދަރިކަނބަލަކު ދުނިޔޭގައި އެބަ ހުންނެވި އެވެ.

އެ މަނިކުފާނަކީ ރާއްޖޭގެ އިގްތިސޯދު ކުރި އަރުއެރުވުމަށާއި ސަރުކާރުތަކަށް ލަފާ އެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައިވާ އަދި ދި ދައުލަތަށް 50 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ވަރުގަަދަ ހިދުމަތްތެރި ލީޑަރެކެވެ.

އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަން ކުރުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސައްކަތުގައި ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ އަބްދުއް ސަައްތާރު މޫސާދީދީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި ރާޖޭގެ ނައިބު ރައީސް ކަމާއި މިނިސްޓާ އޮފް ޝިޕިން ކަމުގެ މަގާމާއި މޯލްޑިވްސް ޝިޕިން ލައިންގެ ވެރިޔާ ކަމުގެ މަގާމާއި ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަރުވާ ހާއްސަ މުޝީރުގެ މަގާމުވެސް ފުރުއްވެވި އެވެ. ރައީސްގެ ހާއްސަ މުޝީރުކަމުން އިސްތިއުފާ ދެއްވީ 2008 ގަ އެވެ.