ކޮލި އަލި މަނިކު

އަލި މަނިކަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ހިއްސާދާރެއް: ރައީސް

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކަކީ، ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު މިދެކޭ ތަރައްގީގައި މުހިއްމު ހިއްސާއެއް އަދާކުރައްވާފައިވާ ބޭފުޅެއްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، އަލީ އުމަރު މަނިކު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޑޮކްޓަރ މުހައްމަދު އަލީއަށް ފޮނުއްވި ތައުޒިޔާގެ މެސެޖްގައެވެ. އަލީ އުމަރު މަނިކު އަވާހަރަވެފައިވަނީ ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

އަލީ އުމަރު މަނިކު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލީ އުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް އިހުލާސްތެރި ހިދްމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމު ފުރުއްވާފައެވެ.

އަލި މަނިކުގެ ހިދުމަތްތައް:

ސަރުކާރުގެ ހިދްމަތް ފެށްޓެވީ، 13 ޖުލައި 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ހާރިޖިއްޔާގެ ސަފީރު އޮފީހުގެ ވެރިޔާގެ ސެކްރެޓަރީ ކަމުގެ މަޤާމެވެ. އޭގެފަހުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަޤާމާއި، ދިވެހި ދައުލަތުގެ ވިޔަފާރިއާބެހޭ ސަފީރުކަން ކުރައްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް ޝިޕިންގ ކަމުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ހުޅުލޭގައި ވައިގެ ބަނދަރެއް ހެދުމުގެ އަމަލީ މަސައްކަތް ހިންގެވުމުގައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ އަލީ އުމަރު މަނިކެވެ.

1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުވުމާއެކު، މި މަސައްކަތް ތަރައްގީ ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އެކުލަވައިލެއްވި ހާއްސަ ކޮމިޓީގައި ހިމެނިވަޑައިގެން، މިރޮނގުންވެސް އަލީ އުމަރު މަނިކު ވަނީ އިހްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައެވެ. އަލީ އުމަރު މަނިކުގެ ހިދްމަތްތަކުގެ ތެރެއިން ރާއްޖޭގެ މުވާސަލާތީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި މުވާސަލާތީ ވިއުގަ ތަރައްގީ ކުރެއްވުމަށާއި، ރާއްޖެއަށް ސެޓަލައިޓް ކޮމިއުނިކޭޝަންގެ ހިދްމަތާއި، ޓެލެފޯން، ޓެލެކްސް އަދި ފެކްސްގެ ހިދްމަތް ތަޢާރުފްވެގެން ދިއުމުގައި، އެމަނިކުފާނު އަމަލީގޮތުން ކުރެއްވި މަސައްކަތްޕުޅުތައް ހަނދާންކުރަންޖެހެއެވެ. އަދި ރާއްޖޭގައި ޓެލެވިޜަން ސްޓޭޝަން ޤާއިމުކުރެއްވުމުގެ ކަންކަން އަމަލީގޮތުން ހިންގެވި ބޭފުޅަކީވެސް އަލީ އުމަރު މަނިކެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އަލީ އުމަރު މަނިކު އަދާކުރެއްވި އެންމެ މުހިންމު މަގާމަކީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމެވެ. އެ މަގާމުގައި 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ހިދްމަތް ކުރައްވާފައިވެއެވެ. އޭގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

އަލީ އުމަރު މަނިކަކީ، ރާއްޖޭގެ މިޒަމާނުގެ އިޤްތިޞާދު ތަރައްގީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ރާއްޖޭގެ މިހާރުގެ އިޤްތިޞާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާއެވެ. ހާއްސަކޮށް، ރާއްޖޭގެ ޝިޕިންގ ލައިން އުފެދި، އޭގެ އެންމެ ޅަދޮޅުކަމާއެކު ހެދެމުން އައި ދުވަސްވަރު، ކަމަށް ބޭނުންވާ ހުނަރުވެރިން އުފައްދަވައި، ރާއްޖޭގެ ޝިޕިންގ ލައިނަށް ބޭނުންވާ މީހުން ބިނާކުރެއްވުމުގައި، އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޝައުޤުވެރިކަމާއެކު، ރާއްޖޭގެ ޝިޕިންގ ލައިން ތަރައްގީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ހިންގެވުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުން، ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީއަށް ގެންނެވި ހެޔޮ ބަދަލުތަކަކީވެސް، އެމަނިކުފާނު ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ހިދްމަތްތަކުގެ ވަރަށް މުހިންމު ބައެކެވެ. ގައުމީ އިޤްތިޞާދަށް ހިދްމަތް ކުރެއްވުމުގެ ރޮނގުން 1979 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު، ސަރުކާރުން އަރުވާފައެވެ.

އަލީ އުމަރު މަނިކު ފާހަގަކޮށްލެވިފައިވަނީ، ޖަމާއަތަށް ފައިދާހުރި ހާއްސަ މަސައްކަތްތައް ކުރެއްވުމުގެ ރޮނގުންވެސް މުހިންމު ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ދީލަތި އެހީފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، މާފުށީގައި ސަރުކާރުން ހެއްދެވި އިސްލާހިއްޔާ ބޮޑުކޮށް ތަރައްގީ ކުރެއްވުމުގައި ވެދެއްވި އަގުހުރި އެހީފުޅުތަކެވެ. މީގެއިތުރުން، ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ސްކޫލް ބިނާކުރައްވައި، ބައެއް ސްކޫލްތަކަށް އެހީވެދެއްވައި، ޖަމާއަތަށް ފައިދާހުރި ކަންކަން ކުރައްވާފައިވެއެވެ. ޖަމާއަތަށް ފައިދާހުރި ހާއްސަ ކަންތައްތައް ކުރެއްވުމުގެ ރޮނގުންވެސް އެމަނިކުފާނަށް ވަނީ 1982 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި މިނިވަން 25ގެ އާންމު ހިދްމަތުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައީސް މައުމޫން، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެކި ރޮނގު ރޮނގުން ދިވެހި ގައުމަށް ގެންނަވަން ފެށްޓެވި ބޮޑެތި ބަދަލުތަކާއި ތަރައްގީގައިވެސް އަލީ އުމަރު މަނިކު މުހިންމު ދައުރެއް ވަނީ އަދާކުރައްވާފައެވެ. މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރައްވައި، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރެއްވުމުގެ މަސައްކަތުގަޔާއި، އިސްލާމީ މަރްކަޒު ބިނާކުރެއްވުމުގެ މަސައްކަތުގަޔާއި، މާލޭ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގައި އެމަނިކުފާނުގެ ލަފާފުޅާއި އެހީތެރިކަން ވަނީ ލިބިވަޑައިގެންފައެވެ. އަދި މާލޭގެ ބޯފެނުގެ މައްސަލަ ހައްލުކޮށްދެއްވުމުގަޔާއި އަދި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީ އުފެއްދެވުމުގެ މަސައްކަތުގަޔާއި، ހުޅުމާލޭ މަޝްރޫއުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އަރުވައި އިރުޝާދު ދެއްވަމުން ގެންދަވާފައިވެއެވެ.