ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މަރުގެ މައްސަލައަކުން ފަށަނީ

Jan 29, 2022

ރިސެސްގެ މުއްދަތު ނިންމާލުމަށްފަހު ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މަރުގެ މައްސަލައަަކުން މާދަމާ ފެށުމަށް ނިންމައިފި އެވެ.

މާދަމާ އަޑުއެހުންތައް ފެށުމަށް ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި ބިދޭސީ އަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ބިދޭސީއެއްގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ އަކުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަމަރުލް އިސްލާމްގެ މައްޗަށް ދައުލަތުން އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދަށު ކޯޓާއި ހައިކޯޓުގައި ވެސް އޭނާގެ މައްޗަށް ސާބިތުވި އެވެ.

އެހެންކަމުން މާދަމާ ސުޕްރީމް ކޯޓުގައި ބާއްވާ ހަމައެކަނި އަޑުއެހުމަކީ ކަމަރުލް އިސްލާމް އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުމެވެ. ޝަރީއަތް ފެށުމަށް ހަމަޖައްސާފައިވަނީ ހެނދުނު 11:00 ޖަހާއިރު އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމުގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންމެ ފަހުން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އެކެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ދަށު ކޯޓާއި ހައިކޯޓުގައި ސާބިތުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ ދުވަހު ވަނީ އެ މަނިކުފާނުގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށް ރައީސް ޔާމީން މިނިވަންކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ރިސެސް އަށް ދިއުމުގެ ކުރިން މުހިއްމު ބޮޑެތި މައްސަލަތަކެއް ނިންމާފައިވެ އެވެ.