އިންޑިއާ

ކަރަންޓީނު މީހުން މަދުވެ އިންޑިއާ މާކެޓު ދަށަށް

ރާއްޖެއަށް ކަރަންޓީން ވާން އިންޑިއާއިން އަންނަ މީހުން މަދުވުމާއެކު އިންޑިއާގެ ޓޫރިސްޓުންގެ ނަމްބަރު މާކެޓު ވެއްޓިއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުން މެދުއިރުމައްޗަށް ދާން ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުންގެ ސަބަބުން މިދިޔަ އަހަރު އިންޑިއާއިން ކަރަންޓީން ގިނަ އަދަދެއްގެ މީހުން ރާއްޖެ އައިސްފައިވެ އެވެ. އަދި މި މާކެޓުގެ ސަބަބުން ގެސްޓްހައުސްތަކަށް އެކަށީގެންވާ އާމްދަނީއެއް ވެސް ލިބުނެވެ.

އަދި މި މީހުން އައުމުގެ ސަބަބުން މިދިޔަ އަހަރު ނިންމާލީ އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުގެ ގޮތުގަ އެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށް ދަށްވަމުންނެވެ. މި މަހުގެ 26 ގެ ނިޔަލަށް އިންޑިއާއިން އައިސްފައި ވަނީ 9,044 މީހުންނެވެ. އަދި އެ ގައުމުން ރާއްޖެ އައި މީހުންގެ ހިއްސާއަކީ 8.2 ޕަސެންޓެވެ. އަދި އެ ގައުމު މިހާރު ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ ތިން ވަނަ ގައުމުގެ ގޮތުގަ އެވެ.

އިންޑިއާ ފަހަތަށް ވެއްޓިގެން ދިޔައިރު ރާއްޖޭގެ ޓްރެޑިޝަނަލް ޓޫރިޒަމް މާކެޓުތަކުން އަންނަ މީހުންގެ އަދަދުތައް ދަނީ އިތުރު ވަމުންނެވެ. ރަޝިއާ އިން މި އަހަރުގެ މިހާތަނަށް 20,244 މީހުން އައިސްފައިވެ އެވެ. އަދި އިނގިރޭސިވިލާތުން 10,602 ޓޫރިސްޓުން އައިސްފައިވެ އެވެ.

އިންޑިއާ މާކެޓުން އަންނަ މީހުންގެ އަދަދު މަދުވި ނަމަވެސް އެ ގައުމުން އަންނަ ހުރިހާ އެއާލައިންތަކެއް މިހާރު ވެސް ރާއްޖެއަށް އާދެ އެވެ. މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމުގެ އެއާ އިންޑިއާ އާއި އެއާ އަސްތާނާ އަދި ގޯއެއާގެ އިތުރުން އިންޑިގޯއިން ރާއްޖެއަށް ދަތުރު ކުރަމުންދެ އެވެ.