ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 15 ވަނަ ސީޒަންގެ ފަހު އެޕިސޯޑު މިރޭ ދައްކަން ހަމަޖެހިފައިވާއިރު މި ފަހަރުގެ ޝޯ ކާމިޔާބު ކުރާ ފަރާތުގެ ނަން މިރޭ އިއުލާން ކުރާނެ އެވެ. ރޭގެ އެޕިސޯޑުގައި ޝޯގެ ހަ ފައިނަލިސްޓުންގެ ތެރެއިން ރަސްމީ ދެސާއީ ވަނީ ޝޯ އިން ބޭރު ވެފަ އެވެ. އެއްވަނަ އަށް ވާދަ ކުރަން މިހާރު ބިގް ބޮސްގެ ގޭގައި ތިބީ ފަސް މީހުންނެވެ. އެއީ ކަރަން ކުންދްރާ އާއި ތޭޖާސްވީ ޕްރަކާޝް، ޝަމީތާ ޝެޓީ އާއި ޕްރަތީކް އަދި ނިޝާންތު ބަޓް އެވެ.
އިންޑިއާގެ ބައެއް މީހުންތަކުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާފައިވާ ގޮތުގައި މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލު ކުރަނީ ތޭޖާސްވީ އެވެ. ތޭޖާސްވީ އާ އެންމެން ކައިރިން ވާދަ ކުރަނީ ކަރަން އެވެ.
އެގޮތަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެނީ އެންމެން ގިނަ މީހުން އެމީހަކާ ޖައްސާލައިގެން އުޅެނީ ތޭޖާސްވީ އާކަމަށް ވެފައި އޭނާގެ އަރާރުންތަކުން މީހުން މުނިފޫހި ފިލާތީ ކަމަށް ބެލެވެ އެވެ. އަދި ކަރަން އާއި ތޭޖާސްވީގެ ލޯބީގެ މަންޒަރުތަކުން ވެސް ގިނަ ބަޔެއްގެ ހިތް ތޭޖާސްވީ އަށް ދެވުނެވެ.
މިގޮތަށް ޚިޔާލު ހޯދުމުގެ ވޯޓު ތަކުން ދެއްކިޔަސް ޝަމީތާގެ ފޭނުން ވެސް ވަކި މަދެއް ނޫނެވެ. ޝަމީތާ ވެސް ޓްރޮފީ ހިއްލާލުމަކީ ހަމަ ވަރަށް ގާތުގައި އޮތް ކަމެކެވެ. އެންމެ ފަހުން ނިމުނު "ބިގް ބޮސް އޯޓީޓީ" ގެ ފައިނަލްގައި ވެސް ޝަމީތާ ވާދަ ކޮށްފައި ވުމުން މި ގޭމް ވަރަށް ރަނގަޅަށް ކުޅޭނެ ގޮތް ޝަމީތާ އަށް އޮތީ މާ ކުރިން ވެސް ދަސްވެފަ އެވެ. އެހެންވެ އޭނާ ބިގް ބޮސްގެ ގޭގައި އުޅެނީ ޝޯގެ ފޭނުން ހިތްހަމަޖެހޭ ކަހަލަ ގޮތް ގޮތަށެވެ.
ރޭގައި އެޕިސޯޑުގައި އެންމެ ފާހަގަ ކޮށްލެވުނީ ބިގް ބޮސް ސިޒަން 13 އިގެ ޓްރޮފީ ހާސިލުކުރި އަދި މިހާރު މި ދުނިޔެއާ ވަކިވެފައިވާ ސިދާރްތު ޝުކްލާ އަށް އޭނާގެ ލޯބިވެރިޔާ ޝެހެނާޒް ގިލް ދިން "ލޯބީގެ ހަދިޔާ" އެވެ. މި ޕާފޯމަންސަށް ފަހު ޝެހެނާޒް އަށް ރޮވުނުއިރު ޝޯގެ ހޯސްޓް ސަލްމާން ޚާންގެ ލޮލުން ވެސް ކަރުނަތައް އޮހޮރުނުތަން ފެނިފައި ވެއެވެ.