ހުޅުމާލެ ސަހަރާގައި ފާހާނާ ބަރިއެއް ހަދައި ދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.
ހުޅުމާލެ ސަހަރާގައި ހަދަން ނިންމާފައި ވަނީ ހަތަރު ފާހާނާ އެވެ. އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެ އެވެ. މަސައްކަތަށް އަގު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ.
ހުޅުމާލެ ސަހަރާގައި މިހާރު ހުންނަނީ މިސްކިތުގައި ހުންނަ އެންމެ ފާހާނާ އެކެވެ. ކޮވިޑް ބަލި ޖެހިގެން މަރުވާ މީހުން ވެސް އެ ސަހަރާގައު ވަޅުލަމުން ދާއިރު، ހުރިހާ އެންމެން ބޭނުން ކުރަމުން އަންނަނީ އެންމެ ފާހާނާ އެކެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު މީގެ ކުރިން ވިދާޅުވެފައި ވަނީ ސަހަރާ މިސްކިތުގައި އަލަށް ހަދަން ނިންމާފައިވާ ފާހާނާތަކުގައި އަންހެނުންނަށް ވެސް ފަސޭހަ ވާނެހެން ވުލޫ ކުރެވޭ ގޮތަށް އެތަން ބަދަލު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ސަރަހާގައި ޣައިރު މުސްލިމުން ވަޅުލާނެ ސަރަހައްދެއް ކަނޑައަޅައި އެބައި ވެސް ވަނީ ވަކި ކޮށްފަ އެވެ.