ކޮވިޑް-19 އިގެ ހާލަތު ގޯސްވެފައި ވާތީ އަނެއްކާވެސް ބްލަޑް ޑޯނަރުން ހޯދަން ދަތިވެފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް އިން ބުނެފި އެވެ.
އެ ޖަމިއްޔާގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިއަދު އަވަސް އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައި ވާތީ ޑޯނަރުން ހޯދަން އަނެއްކާ ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ގިނަ ޑޯނަރުން ޕޮޒިޓިވްވެފައި ތިބުމާއި އަދި ކަރަންޓީނުގައި ތިބުމުގެ ސަބަބުން ލޭ ހޯދަން އުނދަގޫ ވެފައިވާ ކަމަށެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސް ވުމުން ވެސް ލޭ ހޯދަން ވަރަށް ބޮޑަށް ދަތިވި އެވެ. އެކަމަކު ފަހުން ހާލަތު ރަނގަޅުވުމުން ޑޯނަރުން ހޯދަން ފަސޭހަ ވެގެން ދިޔަ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވުމަށް ފަހު ރަގަޅުވާ މީހަކަށް ލޭ ހަދިޔާ ކުރެވޭނީ ރަނގަޅުވާ ދުވަހުން ފެށިގެން އެއް މަސް ފަހުންނެވެ. ޑައިރެކްޓް ކޮންޓެކްޓުންނަށް ކަރަންޓީނު ނިމުމުން ބަލީގެ އަލާމާތެއް ނެތް ނަމަ ލޭ ހަދިޔާ ކުރެވޭނެ އެވެ.
"ވާގޮތަކީ ޕޮޒިޓިވްވާ މީހުން އެއް މަސް ވާން ދެން މަޑުކުރާން ޖެހޭތީ ވެސް އަނެއްކާ ލަސްތަކެއް އެބަ ވޭ. ރޯގާ ޖެހިފަ ހުރިއްޔަކާ ވެސް ނުދެވޭ. އަދި ވަރަށް ގިނަ ޑޯނަރުން ރިސޯޓުތަކުގަ ވެސް އެބަ އުޅޭ. މިހާލަތުގަ އެމީހުންނަށް މާލެ އަންނާން ވެސް ދަތިވީމަ އެހެން މި ދިމާވަނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އާންމު ގޮތެއްގައި މީހުން ބޭނުން ވަނީ އޯ ޕޮޒިޓިވް، އޭ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުވާލެއްގެ މައްޗަށް އަޅުގަނޑު ފޯނަށް އެކަނި ވެސް ހަތެއް ނޫނީ އަށް މީހުން ގުޅާނެ ލޭ ހޯދަން. އަދި އެހެން ދިމަ ދިމާލަށް ބަލާލީމަ މާ ގިނަ ވާނެ،" އޭނާ ވިދާޅުވި އެވެ.
އާއިލީ ގޮތުން ވާރުތަ ކުރާ ޑިސްއޯޑާތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމީ ތެލެސީމިއާ އެވެ. އެ ބަލީގައި ލޭ އަޅާ ކުދިން ގިނަ އިރު އަދި ބޮޑެތި އެކި އެކި ބައްޔަށް ފަރުވާ ހޯދާ މީހުނަށް ބޭނުންވާ ލޭ ހޯދަން ކޮވިޑްގެ މި ހާލަތުގައި މީހުނަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފަ އެވެ.
މޯލްޑިވިއަން ބްލަޑް ޑޯނާސް އަކީ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. ކޮންމެ ދުވަހަކު ތެލެސީމިއާ ސެންޓަރު، އައިޖީއެމްއެޗް އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލް ފަދަ ތަންތަނުން ލޭ ހޯދަން މި ޖަމިއްޔާގެ އެހީތެރިކަން ހޯދަ އެވެ.